Roadha Mihaaru
އިންތިހާބުގެ މައްސަލަ ހައި ކޯޓުން އަދި ބަލަައެއް ނުގަނޭ

އިންތިހާބުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން އަދި ބަލައެއް ނުގަނޭ

20 ޑިސެމްބަރ 2016

ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ހުށަހެޅި މައްސަލަ އަދި ބަލައިނުގަންނަ ކަމަށް ހައި ކޯޓުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ހުށަހެޅި މައްސަލަ އަދި ބަލައިނުގަންނަ ކަމަށް ހައި ކޯޓުން މިއަދު ބުނެފި އެވެ.

ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ އިސްތިއުނާފަށް ހުށަހެޅި އިރު ކަންތައްތަކެއް އިސްލާހުކުރަން އިލެކްޝަންސް ކޮމިޝަނަށް އެންގި ކަމަށެވެ. އިސްތިއުނާފް ކުރިއަށް ގެންދެވޭނީ އަލުން ހުށަހެޅުމުން ކޯޓުން މައްސަލަ ބަލައިގަތުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ މުއްދަތުތައް ފަހަނައަޅައި ދާއިރު ހައި ކޯޓުން މައްސަލަ ކުރިއަށް ނުގެންދާތީ އެ ކޯޓަށް ސިޔާސީ ޕާޓީތަކާއި އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެކަމަކު "މިހާރު" އަށް މިއަދު އެނގުނު ގޮތުގައި އިސްތިއުނާފް މައްސަލާގައި ރަނގަޅުކުރަން އެންގި ކަންކަން ރަނގަޅުކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް އެ މައްސަލަ އަދި ހުށައެއްނާޅަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އިންތިހާބުގެ މައްސަލަ އިސްތިއުނާފްކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އަންނަނީ ފުރިހަމަކުރަން ޖެހޭ ގާނޫނީ ހުރިހާ ކަމެއް ފުރިހަމަކުރަމުން ކަމަށެވެ. އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެއް ގޮތަކުން ބަލާއިރު އިސްތިއުނާފްކުރުން މިހާރު މި އޮތީ ބޭކާރު ކަމަކަށް ވެފަ އެވެ. ސަބަބަކީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށް ހައި ކޯޓުން ނިންމިޔަސް، ޖެނުއަރީ 14 ގައި އިންތިހާބު ބޭއްވުމުގެ ފުރުސަތު ނެތުމެވެ.

ސިވިލް ކޯޓުން ކައުންސިލް އިންތިހާބު ފަސްކުރަން އަމުރުކުރީ، ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އެގޮތަށް ބޭނުންވެގެން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. ޕީޕީއެމަށް ބައިވެރި ނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.