Roadha Mihaaru
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ ބޭރުކޮށްލައިފި

އިންތިޚާބަށް އަލުން ހުޅުވާލަން ހުށަހެޅި މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ހުކުމްކޮށްފި

11 މާޗް 2021

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާން އަލުން ހުޅުވާލަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާން އަލުން ހުޅުވާލަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިޚާބު ކޮވިޑް-19 އާ ގުޅިގެން ފަސްކުރުމަށް ފަހު ހެދި ޚާއްސަ ގާނޫނުގެ ތިން ވަނަ މާއްދާ ބުނާގޮތުން ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭނީ ކުރިން އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށެވެ. ގާނޫނުގެ އެ މާއްދާ ބާތިލް ކުރަން ހައި ކޯޓަށް ހުށަހެޅީ ތ. ކަނޑޫދޫ މެނީލާ، މުހައްމަދު ތަސްލީމެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ކޯޓުތަކުގެ ގާނޫނުގެ ދަށުން ދުސްތޫރީ މައްސަލަަތައް ބެލުމުގެ ބާރު ހައި ކޯޓަށް ލިބިފައި ވިޔަސް، އެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން، ގައުމުގެ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލަތައް ބެލުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް އެކަނި ކަމަށެވެ. އަދި އެ މައްސަލައަށާއި ގައުމުގެ ހާލަތު އޮތްގޮތަށް ބަލާއިރު އެއީ ގައުމުގެ އާންމު މަސްލަހަތާ ގުޅުމެއް ނެތް މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ތަސްލީމްގެ ފަރާތުން އެ މައްސަލަ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެއީ އެ ކޯޓުގެ އަސްލީ އިިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ނިންމާފައި ވިޔަސް، އެއީ ގައުމުގެ އާންމު މަސްލަހަތާ ގުުޅުންހުރި މައްސަލައެއް ނޫން ކަމަށް އެ ކޯޓުން ނިންމާފައިނުވާ ކަމަށެވެ. އަދި ހައި ކޯޓުގެ ގަވާއިދު އޮތްގޮތުން ވެސް ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެ ކޯޓަށް ބެލޭނީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިފައިވާ މައްސަލަތައް ނޫން މައްސަލަތައް ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓަށް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް އެ މައްސަލަަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.