Roadha Mihaaru
ޓޮމްގެ ކުންފުންޏަށް މަޝްރޫއުތައް ދެނީ ތަޖުރިބާ ހުރުމުން

ތޯރިގާ ގުޅުން އޮންނަ ކުންފުންޏަކަށް ގިނަ މަޝްރޫއުތަކެއް ދެނީ ތަޖުރިބާ ހުރުމުން: މަހުލޫފް

28 ފެބުރުއަރީ 2022

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާ ގުޅުން އޮންނަ ކުންފުންޏަކަށް ފުޓްސަލް ދަނޑުތައް އަޅަން ގިނަ މަޝްރޫއުތައް ލިބެނީ އެ ކުންފުނީގެ ތަޖުރިބާ ހުރުމުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އޭނާ އެހެން ވިދާޅުވީ، ތޯރިގްގެ ކުންފުންޏާ ހަވާލު ކޮށްފައިވާ މަޝްރޫއުތައް ގަސްދުގައި ލަސް ކޮށްފާނެ ކަމަށް ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ފާހަގަކުރެއްވުމުންނެވެ. އެހެންވެ، ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރުގެ އަރިހުން ހަލީމް ސާފުކުރައްވަން ބޭނުންވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އެމްޑީޕީ އަށް ލިބޭ ވޯޓު މަދުކުރުމަށްޓަކައި އެފަދަ ކަންކަން ކުރަމުންދޭތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ، ތޯރިގާ ގުޅުން އޮންނަނީ "މައިނާ" ނަމަކަށް ކިޔާ ކުންފުންޏެއް ކަމަށާއި އެ ގުޅުން އޮތަސް އެ ކުންފުނި އޮންނަނީ ތޯރިގްގެ ނަން މަތީގައި ނޫން ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް މަހްލޫފު ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް މަހްލޫފު ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

މިނިސްޓަރު ވިދާޅުވިގޮތުގައި، ޓެންޑާ ބޯޑުން ވަނީ އެ ކުންފުންޏާ ނުވަ ދަނޑެއްގެ މަސައްކަތް ހަވާލު ކޮށްފަ އެވެ. އޭގެ ތެރެއިން ނުނިމި ހުރީ ތިން ދަނޑެއްގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަސްދުގައި ލަސްކުރުމާއި ސަރުކާރަށް އުނދަގޫ ކުރުން ފަދަ ކަންކަމެއް ފާހަގައެއް ނުކުރެވޭ،" މަހުލޫފް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީން މަޝްރޫއުތައް ހަވާލު ކުރާއިރު، ވަކި ބަޔަކަށް މަޝްރޫއުތައް ދިނުމަށް ނުވަތަ ނުދިނުމަށް މަސައްކަތް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ، މައިނާ ކުންފުންޏަށް އެހާ ގިނަ މަޝްރޫއުތައް ލިބެނީ މި ސަރުކާރު ހަވާލުވުމުގެ ކުރިން ވެސް އެ ކުންފުނިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބައެއް ދަނޑުތަކުގެ މަސައްކަތް ކޮށްފައިވާތީ އެ މީހުންގެ ތަޖުރިބާ އަށް ލިބޭ މާކްސްގެ ތެރެއިން ކަމަށެވެ.

ދަނޑު އެޅުމުގެ މަޝްރޫއުތައް އެއް ފަރާތަކަށް ލިބޭ ވަރު ގިނަވާތީ އެހެން ކުންފުނިތަކަށް ވެސް ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މަހުލޫފް ވިދާޅުވި އެވެ.