Roadha Mihaaru
ރަޝިއާ ސަސްޕެންޑްކޮށް، ވޯލްޑް ކަޕުން ވެސް ބޭރުކޮށްފި

ފީފާ އާއި ޔުއެފާ އިން ރަޝިއާ ސަސްޕެންޑްކޮށް ވޯލްޑް ކަޕުން ވެސް ބޭރުކޮށްފި

01 މާޗް 2022

ޕެރިސް (ފެބްރުއަރީ 28) - ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ހުރިހާ މުބާރާތްތަކަކުން ރަޝިއާ ސަސްޕެންޑް ކުރުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާ އާއި ޔޫރަޕުގެ ފުޓުބޯޅަ ޖަމިއްޔާ ޔުއެފާ އިން މިރޭ ނިންމުމާ އެކު މި އަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުން ރަޝިޔާ ބޭރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (ފެބްރުއަރީ 28) - ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ހުރިހާ މުބާރާތްތަކަކުން ރަޝިއާ ސަސްޕެންޑް ކުރުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާ އާއި ޔޫރަޕުގެ ފުޓުބޯޅަ ޖަމިއްޔާ ޔުއެފާ އިން މިރޭ ނިންމުމާ އެކު މި އަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުން ރަޝިޔާ ބޭރުކޮށްފި އެވެ.

ފީފާ އާއި ޔުއެފާ އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، ރަޝިއާ އިން ޔުކްރޭނަށް އަރައި ހަނގުރާމަ ފެށުމާ ގުޅިގެން، ބައިނަލްއަގްވާމީ މުބާރާތްތަކާއި ކްލަބް މުބާރާތްތަކުން "ވަކި ގޮތެއް އަންގަންދެން" ރަޝިއާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ޔޫރަޕްގެ މުބާރާތްތަކުގައި ކުޅޭ ރަޝިއާގެ ކްލަބުތަކުގެ މައްޗަށް ވެސް މި އަހަރު ހިނގާނެ އެވެ. ޔުރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި ރަޝިއާގެ ސްޕާޓަކް މޮސްކޯ ވަނީ ޖަރުމަނުގެ އާރްބީ ލެއިޕްޒިގްއާ ދެކޮޅަށް ކުޅެނެ ހަމަޖެހިފަ އެވެ. ސްޕާޓަކް މޮސްކޯ އަކީ ޔޫރޮޕާ ލީގުގައި ކުޅޭ ރަޝިއާގެ ހަމައެކަނި ޓީމެވެ.

ރަޝިއާގެ ހަކަތައާ ބެހޭ ކުންފުނި ގެޒްޕްރޮމްއާއެކު، ޔުއެފާ އިން ހަދާފައިވާ ޕާޓްނާޝިޕް އެއްބަސްވުން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ. ގެޒްޕްރޮމް އަކީ 2012 ވަނަ އަހަރުން ފެށިގެން ޔުއެފާގެ މުހިންމު ސްޕޮންސަރެކެވެ. އެ ކުންފުނިން ޔުއެފާ އަށް އަހަރަކު 45 މިލިއަން ޑޮލަރު ދެ އެވެ. ގެޒްޕްރޮމް އިން ޔުއެފާއާ އެކު ވަނީ 2024 ވަނަ އަހަރާ ހަމައަށް އެއްބަސްވުން ހަދައިފަ އެވެ.

ރަޝިއާގެ ފިރިހެން ފުޓުބޯޅަ ޓީމު ވަނީ މި އަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށް ކޮލިފައިވުމަށްޓަކައި ޕްލޭ-އޯފް ދެ މެޗު މާޗު މަހު ކުޅެން ހަމަޖައްސައިފަ އެވެ. އަދި މި އަހަރުގެ ޖުލައި މަހު އިންގްލެންޑުގައި ބާއްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕަށް ރަޝިޔާގެ އަންހެން ޓީމު ވަނީ ކޮލިފައިވެފަ އެވެ.

"ރަޝިއާގެ ހުރިހާ ޓީމެއް، ގައުމީ ޓީމާއި ކްލަބު ޓީމުތައް ފީފާ އާއި ޔުއެފާގެ ހުރިހާ މުބާރާތްތަކަކުން ސަސްޕެންޑް ކުރުމަށް ފީފާ އާއި ޔުއެފާ އިން މިއަދު ވަނީ ނިންމާފައި،" ދުނިޔެ އާއި ޔޫރަޕުގެ ފުޓުބޯޅައިގެ މައި ޖަމިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވެ އެވެ.

މޮސްކޯ: ޖުލައި 1، 2018: ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްޕެއިން އާ ރަޝިއާ ކުޅުނު މެޗުގެ ތެރެއިން: ޕެނަލްޓީ ޖަހައިގެން 4-3 އިން 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ބަލިކޮށް ދުނިޔެ ހައިރާންކޮށްލުމަށް ފަހު ރަޝިއާ ވަނީ އެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފައި.-- ފޮޓޯ: އޭއެފްޕީ

މޮސްކޯ: ޖުލައި 1، 2018: ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްޕެއިން އާ ރަޝިއާ ކުޅުނު މެޗުގެ ތެރެއިން: ޕެނަލްޓީ ޖަހައިގެން 4-3 އިން 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ބަލިކޮށް ދުނިޔެ ހައިރާންކޮށްލުމަށް ފަހު ރަޝިއާ ވަނީ އެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފައި.-- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕް ކޮލިފައިން ޕްލޭ-އޯފް ސެމީ ފައިނަލްގައި ރަޝިއާގެ ފިރިހެން ޓީމު ޕޮލެންޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވަނީ މާޗް 24 ގަ އެވެ. އަދި ގަތަރުގައި ބާއްވާ ފައިނަލް ބުރުން ޖާގަ ހޯދަން ސްވިޑަން ނުވަތަ ޗެކް ރިޕަބްލިކާ ދެކޮޅަށް މާޗް 29 ގައި ކުޅެން ޖެހިދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތް ބޭއްވި ރަޝިއާއާ ދެކޮޅަށް ކުޅެން ޖެހޭ ޓީމުތަކުން ވަނީ މެޗުތައް ބޮއިކޮޓްކޮށްފަ އެވެ.

ފީފާ އިން އާދިއްތަ ދުވަހު ނިންމާފައި ވަނީ "ފުޓްބޯލް ޔޫނިއަން އޮފް ރަޝިއާ"ގެ ނަމުގައި ރަޝިއާގެ ޓީމުތަކަށް ފުޓުބޯޅަ މުބާރާތްތަކުގައި ވާދަކުރެވިދާނެ ކަމަށެވެ. އަދި ހޯމް މެޗުތައް ނިއުޓްރަލް ދަނޑެއްގައި ސަޕޯޓަރުން ނުވައްދައި، ރަޝިޔާގެ ގައުމީ ސަލާން ނުކުޅެ އެ ގައުމުގެ ދިދަ ވެސް ބޭނުން ނުކޮށް، ކުޅުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.

ނަމަވެސް ފީފާގެ އެ ނިންމުން ގަބޫލް ނުކުރާނެ ކަމަށް ޕޮލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ސެޒަރީ ކުލެސްޒާ ވަނީ ވިދާޅުވެފަ އެވެ. އަދި ކޮންމެ ނަމެއްގައި ނަމަވެސް ރަޝިއާއާ ދެކޮޅަށް ވޯލްޑް ކަޕް ޕްލޭ-އޯފް މެޗު ނުކުޅޭނެ ކަމަށް ޕޮލެންޑުން ވަނީ އަންގައިފަ އެވެ.

އެހެންވެ ފީފާ އިން ހޯމަ ދުވަހު ވަނީ ކުރީގެ ނިންމުން ބަދަލުކޮށް ފުޓުބޯޅައިގެ ހުރިހާ މުބާރާތްތަކަކުން ރަޝިއާ ބޭރުކޮށްފަ އެވެ.

ޔުއެފާ އިން މިދިޔަ ހަފުތާގައި ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅެން ހަމަޖައްސާފައިވާ ރަޝިއާގެ ސެއިންޓް ޕީޓަސްބާގުގެ ބަދަލުގައި، މޭ 28 ވަނަ ދުވަހު ކުޅޭ މެޗު ޕެރިހަށް ބަދަލުކޮށްފަ އެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ހޯމަ ދުވަހު ވަނީ ބައިނަލްއަގުވާމީ އިވެންޓްތަކުން ރަޝިއާ އާއި ބެލާރުސްގެ އެތުލީޓުންނަށް ފުރުސަތު ނުދިނުމަށް ކުޅިވަރު ފެޑެރޭޝަންތަކަށް އަންގައިފަ އެވެ.