Roadha Mihaaru
ސިއްހީ ދާއިރާ ލާމަރުކަޒުކުރުން ބާރަށް އެބަދޭ: ރައީސް

ސިއްހީ ދާއިރާ ލާމަރުކަޒު ކުރުން ބާރަށް އެބަދޭ: ރައީސް

29 ޑިސެމްބަރ 2020

ސަރުކާރުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރާ އެއް ކަމަކީ ސިއްހީ ދާއިރާ ލާމަޒުކުރުން ކަމަށާއި ބާރުތައް ދޫކޮށްނުލައި ތަރައްގީ ނުގެނެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރާ އެއް ކަމަކީ ސިއްހީ ދާއިރާ ލާމަޒުކުރުން ކަމަށާއި ބާރުތައް ދޫކޮށްނުލައި ތަރައްގީ ނުގެނެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ރާއްޖޭގެ އަޑުގެ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރައީސް ވިދާޅުވީ، ރަށްރަށަށް ތަރައްގީ ގެނެވޭނީ ފުރިހަމަ ގޮތުގައި ލާމަރުކަޒީ ނިޒާމު ހިންގައިގެން ކަމަށެވެ. ތައުލީމާއި ސިއްހީ ދާއިރާ އާއި އެ ނޫން ޚިދުމަތްތަކުގައި ވެސް ބާރުތައް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވާ ވާހަކަފުޅު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

"ބަދަލުތައް އަންނާނީ އޭރުން. އަޅުގަނޑުމެންގެ ސިޔާސަތުގެ އެންމެ މުހިއްމު ކަމަކީ މާލެ އަށް ތޮއްޖެހިފައި އޮތް ބާރުތައް ރަށްރަށަށް ދޫކޮށްލުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާ ލާމަރުކަޒުކުރުމުގެ ނަތީޖާތައް ބައެއް ސަރަހައްދުތަކުން މިހާރު ފެންނަމުން އެބަދެ އެވެ. ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި މާލެ ލޮކްޑައުންކޮށް ރަށްރަށުން މީހުން މާލެ އައުމުގައި ދިމާވި އުނދަގޫތަކުން އަރައިގަތުމުގައި ފަސޭހައަކަށްވީ ސިއްހީ ނިޒާމް ލާމަރުކަޒުކުރުން ކަމަށް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމު ކުރިއަރުވަން މި ސަރުކާރުން އިސްކަންދެ ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ހޭދަކުރެއްވި 25 އަހަރުގެ ތެރޭގައި އެންމެ އުފާވާ އެއް ކަމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށުމަށް ކުރެއްވުނު މަސައްކަތް ކަމަށެވެ. ލާމަރުކަޒީ ނިޒާމަށް ހުށަހެޅި ގާނޫނާ މެދު ހިޔާލު ތަފާތުވުން ވަރަށް ބޮޑުވި ކަމަށާއި އެ ގާނޫނަށް 800 އަށް ވުރެ ގިނަ އިސްލާހު ހުށަހަޅަން ޖެހުނު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ އިސްލާހުތަކާ އެކު އެ ގާނޫނު ފާސްވީ ބޭނުންވި ގޮތަށް ކަމަށާއި ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ރަށާއި އަތޮޅުގެ ތަރައްގީއަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ފުޅާކޮށް ބާރުތައް ދިނުން ކަމަށެވެ.