Roadha Mihaaru
ވިލާތުގެ ގައުމުތަކުގައި ރަޝިޔާގެ ތެޔޮ މަނާކޮށްފި

ވިލާތުގެ ގައުމުތަކުގައި ރަޝިޔާގެ ތެޔޮ މަނާކުރަން ނިންމައިފި

04 މެއި 2022

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާ އަށް ބާރު އެޅުމުގެ ގޮތުން، ރަޝިޔާ އަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން، ވިލާތުގެ އިއްތިހާދުން ނިންމައިފި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާ އަށް ބާރު އެޅުމުގެ ގޮތުން، ރަޝިޔާ އަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން، ވިލާތުގެ އިއްތިހާދުން ނިންމައިފި އެވެ.

ވިލާތުގެ އިއްތިހާދުގެ ރައީސް އުރްސުލާ ވޯން ދޭލަޔާން ވިދާޅުވި ގޮތުގައި މިހާރު ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން އެގައުމާ ދެކޮޅަށް އަޅަން ނިންމި ފިޔަވަޅަކީ، ރަޝިޔާގެ ތެޔޮ ވިލާތުގެ އިއްތިހާދަށް އެތެރެކުރުން ހުއްޓައިލުމެވެ.

"އެންމެ ފަހުން އަހަރެމެން މި ނިންމީ ރަޝިޔާގެ ތެޔޮ ވިލާތުގެ އިއްތިހާދަށް އެތެރެކުރުން ހުއްޓައިލުމަށް. ވަރަށް ސާފުކޮށް މިވާހަކަ ދައްކަމާ ހިނގާ؛ މިއީ ފަސޭހަ ކަމެއް ނޫން. އެހެން ވިޔަސް މިކަމަށް އަހަރެމެން މަސައްކަތް ކުރަން އެބަޖެހޭ. ވަކި އިންތިޒާމެއްގެ ތެރެއިން، މަދުކުރަމުން ކުރަމުން ގޮސް، ވިލާތުގެ އިއްތިހާދަށް ރަޝިޔާގެ ތެޔޮ އެތެރެކުރުން އެއްކޮށް ހުއްޓައިލާނަން. މިކަން މި ކުރަނީ، ރަޝިޔާ އަށް ކުރިމަތިކުރާ ފިއްތުންތައް ވީވަރަކުން އިތުރުކުރުމާ އެކު، އަހަރެމެންގެ އިގްތިސާދުތަކަށް ކުރިމަތިވާ ގެއްލުންތައް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް،" އުރްސުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ވިލާތުގެ އިއްތިހާދުން ރަޝިޔާއާ ދެކޮޅަށް އަޅާ އާ ފިޔަވަޅުތައް އިއުލާން ކޮށްދެއްވައި އެ އިއްތިހާދުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އުރްސުލާ ވިދާޅުވި ގޮތުގައި މިބުރުގައި އަޅާ އެންމެ ފުރަތަމަ ފިޔަވަޅަކީ، ޔޫކްރޭންގެ ބޫޗާގައި ގަތުލުއާންމު ހިންގި ރަޝިޔާގެ އިސް އޮފިސަރުންގެ ލިސްޓެއް އެކުލަވައިލުމެވެ. އެއީ ކޮން ބައެއްކަން އެނގޭ ކަމަށާއި، އެ މީހުން އެކަމަށް ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ވަނަ ފިޔަވަޅަކީ ރަޝިޔާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ސްބާބޭންކް އާއި ރަޝިޔާގެ ވިޔަފާރި ދެ ކުންފުންޏެއް، ސްވިފްޓް ނިޒާމުން ބޭރުކުރުމެވެ. އޭގެ އިތުރުން ރަޝިޔާ ސަރުކާރުން ހިންގާ ތިން ބްރޯޑްކާސްޓް ކުންފުންޏެއްގެ ޓީވީ އާއި ރޭޑިއޯ ސިގްނަލް، ވިލާތުގެ ގައުމުތަކުގައި މަނާކުރުން ހިމެނެ އެވެ. އެ ތިން ކުންފުންޏަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ހަނގުރާމައާ ބެހޭ ގޮތުން ފަތުރަން ބޭނުންވާ ދޮގު ޚަބަރުތައް ފަތުރައިދޭ ތިން ކުންފުނިކަމަށް ވިލާތުގެ އިއްތިހާދުން ބުނެ އެވެ.

އުރްސުލާ ވިދާޅުވި ގޮތުގައި މިފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާ އަށް ކުރިމަތިވާ ދަތިތަކުގެ ޒިންމާ އުފުއްލަވަން ޖެހޭނީ ރައީސް ޕުޓިން އެވެ. އަދި ޔޫކްރޭންގައި ޕޫޓިންގެ އަމުރަށް ރަޝިޔާ ސިފައިން ހިންގަމުންދާ އަނިޔާވެރި އުދުވާނީ އަމަލުތަކަށް ރައީސް ޕުޓިން ބޮޑު އަގެއް ދައްކަވަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހަނގުރާމައިން ޔޫކްރޭނަށް ކާމިޔާބު ހޯދައިދޭން ވިލާތުގެ އިއްތިހާދުން ބޭނުންވާ ކަމަށެވެ. އަދި ޔޫކްރޭން އަލުން އާރާސްތުކުރުމަށްޓަކައި ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.