Roadha Mihaaru
ރަޝިޔާގެ ތެޔޮ މަނާކުރުމާ ހަންގެރީ ދެކޮޅު

ރަޝިޔާގެ ތެޔޮ މަނާކުރުމާ ހަންގޭރީ ދެކޮޅު

09 މާޗް 2022

ރަޝިޔާ އިން ޔުކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން ރަޝިޔާ އަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމުގެ ތެޔޮ ގަތުން ހުއްޓައިލުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރި ނުވާނެ ކަމަށް ހަންގޭރީ އިން އިއްޔެ ބުނެފި އެވެ.

ރަޝިޔާ އިން ޔުކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން ރަޝިޔާ އަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމުގެ ތެޔޮ ގަތުން ހުއްޓައިލުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރި ނުވާނެ ކަމަށް ހަންގޭރީ އިން އިއްޔެ ބުނެފި އެވެ.

ވީޝާގްރާދް (ހަންގޭރީ، ޗެކް ރިޕަބްލިކް، ޕޮލެންޑް، ސްލޮވާކިއާ)ގެ ބޮޑުވަޒީރުންނާއި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރާ ދެމެދު އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު ހަނގޭރީން ބުނީ، ރަޝިޔާގެ ތެޔޮ އިމްޕޯޓްކުރުން ހުއްޓައިލުމަކީ ހަންގޭރީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ބައްދަލުވުމަށް ފަހު ހަންގެރީގެ ބޮޑުވަޒީރު އިކްޓާ އޮރްބާން ވިދާޅުވީ ރަޝިޔާގެ ތެޔޮ އިމްޕޯޓްކުރުން ހަންގެރީން ހުއްޓާލައިފި ނަމަ، އެކަން ވެގެންދާނީ ވިލާތުގެ އެހެން ގައުމުތަކާ އަޅައި ބަލާއިރު، ހަންގޭރީއަށް ކުރިމަތިވި ގައުމުގެ އިގްތިސާދީ ހާލަތާ ނުބައްދަލު ބޮޑު ބުރައަކަށް ކަމަށެވެ.

"ރަޝިޔާގެ އުދުވާނީ ހަމަލާތައް އަހަރެމެން ކުށްވެރިކުރަން، އަދި ރަޝިޔާ އިން އެ ކުރާ ހަނގުރާމަ އަށް އަހަރެމެން ދެކޮޅު ހަދަން. އެހެން ވިޔަސް، އެ ހަނގުރާމައިގެ އަގު އަދާކުރަން އަހަރެމެންގެ ގައުމުގެ ރައްޔިތުންނަށް ޖައްސާކަށް ނެތިން. އެހެންކަމުން، ރަޝިޔާ އަށް ދަތިކުރުމަށް އަޅާ ފިޔަވަޅުތައް، އެ ގައުމުގެ ތެލުގެ އެކްސްޕޯޓް ހިމެނޭ ގޮތަށް ފުޅާކޮށްގެން ނުވާނެ،" ވީޝާގްރާދްގެ ބައްދަލުވުމަށް ފަހު ނެރުއްވި ބަޔާނުގައި ހަންގޭރީގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

އެ ބައްދަލުވުމަށް ފަހު، އިނގިރޭސި ބޮޑުވަޒީރާ އެކުގައި ވަކިން ބައްދަލުކުރެއްވި ކަމަށް ހަންގޭރީގެ ބޮޑުވަޒީރު އިކްޓާ އޮރްބާން ވިދާޅުވި އެވެ. ހަނގުރާމައިގެ ވާހަކަ ދައްކަން ޖެހުމުން، ދެ ގައުމުން ކަންބޮޑުވާ އެހެން މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ނުކުރެވުނު ކަމަށާއި، ޔޫކްރޭން ހަނގުރާމައަކީ ދެ ގައުމުގެ ވެސް މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށް އެއްބަސްވެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވީއެންމެ އަވަހަކަށް ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި، ކުރިއަށް އޮތް ހަފުތާތަކުގައި ދެ ގައުމުން ވެސް މަސައްކަތް ކުރުމަށް އެއްބަސްވި ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިދާޅުވި އެވެ. ޔޫކްރޭންގައި ރަޝިޔާ އިން ކުރާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ގެއްލުން ލިބޭނެ ކަމަށާއި، އެ ގެއްލުންތަކުން ހަންގޭރީ ވެސް އިސްތިސްނާ ނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ހަންގޭރީ އަށް އެތެރެ ކުރާ ތެލާއި ގޭހުގެ ވަރަށް ބޮޑު ޕަސެންޓެއް ގަންނަނީ ރަޝިޔާ އިންނެވެ. އަދި ރަޝިޔާގެ ގޭބިސީތަކުގައި ހޫނުކުރުމަށް ބޭނުންކުރާ ނިޒާމުތަކުގެ 90 ޕަސެންޓަކީ ގޭސް ބޭނުންކުރާ ނިޒާމުތަކެއް ކަމަށާއި، ރަޝިޔާގެ ގޭހާއި ތެލާ ނުލައި، ހަނގޭރީގެ އިގްތިސާދު ނުހިނގާނެ ކަމަށް ވެސް، ހަންގޭރީގެ ބޮޑުވަޒީރު ނެރުއްވި ބަޔާނުގައިވެ އެވެ.

ރަޝިޔާގެ ތެލާއި ގޭހާއި ބޯޓުދެލި އެމެރިކާ އަށް އެތެރެ ކުރުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވަނީ މަނާކުރައްވައިފަ އެވެ. ނަމަވެސް، އެ މޭރުމުން ކަންތައް ކުރާކަށް ވިލާތުގެ ގައުމުތައް ބޭނުމެއް ނުވެ އެވެ. އެއީ، ރަޝިޔާގެ ތެލާއި ގޭހުގެ ބަދަލުގައި، އެ މިންވަރަށް ވިލާތުގެ ގައުމުތަކަށް ތެލާއި ގޭސް ހޯދޭނެ އިތުރު ގޮތެއް މި ވަގުތު ނެތްއިރު، އެ ފިޔަވަޅު އަޅައިފި ނަމަ ވިލާތުގެ ގައުމުތަކުގައި ތެލާއި ގޭހުގެ އަގުތައް އިންތިހާ އަށް އުފުލިގެން ދާނެތީ އެވެ.

ވިލާތުގެ އިއްތިހާދަށް އެންމެ ގިނައިން ތެލާއި ގޭސް ވިއްކާ އެއް ގައުމަކީ ރަޝިޔާ އެވެ. ވިލާތުގެ ގައުމުތަކަށް ބޭނުންވާ ގޭހުގެ 40 ޕަސެންޓް އަދި ތެލުގެ 30 ޕަސެންޓް ހޯދަނީ ރަޝިޔާ އިންނެވެ. ނަމަވެސް ހަކަތައިގެ ވަސީލަތްތައް ހޯދުމުގައި އެމެރިކާ އިން ރަޝިޔާ އަށް ބަރޯސާވާ މިންވަރު މިއަށް ވުރެ ކުޑަ އެވެ.