Roadha Mihaaru
200 ތަށި ކޮފީ ބޮއެ، އޯވަޑޯޒްވެގެން މީހަކު މަރު

200 ތަށި ކޮފީ ބޮއެ، އޯވަޑޯޒްވެގެން އިނގިރޭސި ވިލާތުގައި މީހަކު މަރުވެއްޖެ

03 މާޗް 2022

ކެފެއިން އަށް އޯވަޑޯޒްވެގެން އިނގިރޭސިވިލާތުގެ ޒުވާނަކު އިއްޔެ މަރުވެއްޖެ އެވެ. އޭނާ ވަނީ ގާތްގަނޑަކަށް 200 ތައްޓަށް ބޭނުންވާ ވަރަށް ކޮފީ ޕައުޑާ އަޅައިގެން، އެއް ފަހަރާ އެ ބޮއެފަ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ކެފެއިން އަށް އޯވަޑޯޒްވެގެން އިނގިރޭސިވިލާތުގެ ޒުވާނަކު އިއްޔެ މަރުވެއްޖެ އެވެ. އޭނާ ވަނީ ގާތްގަނޑަކަށް 200 ތައްޓަށް ބޭނުންވާ ވަރަށް ކޮފީ ޕައުޑާ އަޅައިގެން، އެއް ފަހަރާ އެ ބޮއެފަ އެވެ.

މަރުވެފައި ވަނީ އިނގިރޭސިވިލާތުގެ ވޭލްސްގެ އަވަށެއް ކަމަށްވާ ކޮލްވިން ބޭގައި ދިރިއުޅުނު 29 އަހަރުގެ ޕާސަނަލް ޓްރެއިނަރެއް ކަމަށްވާ ޓޮމް މެންސްފީލްޑް ކިޔާ މީހެކެވެ.

ކޮފީ ބުއި ފަހުން އިއްޔެ ޓޮމް ވަރަށް ބޮޑަށް ބަލިވި އެވެ. އަދި އޭގެ ފަހުން މާ ގިނައިރުތަކެއް ނުވެ އޭނާ އޯވަޑޯޒްވި އެވެ.

ބޯން ޖެހޭ ވަރަށް ވުރެ ގިނައިން އޭނާ ކޮފީ ބުއީ، ނުބައިކޮށް މެޝަމެންޓްސް ނެގުމުންނެވެ. އޭނާ އަސްލު އުޅުނީ 60-300 މިލިގްރާމްގެ ކޮފީ ޕައުޑާ ގިރައިގެން ބޯށެވެ. ޕޯސްޓް މޯޑަމް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގައި އެއް ލީޓަރުގެ ލޭގައި 392 މިލިގްރާމްގެ ކެފެއިން ހުއްޓެވެ. އާންމުކޮށް، އެއް ތަށި ކޮފީ ބުއިމުން އެ އަދަދު ހުންނާނީ 4-5 މިލިގްރާމްގަ އެވެ.

ޖިމަށް ގޮސް ވަރުގަދަ އަށް ކަސްރަތުކޮށް އުޅޭ މީހުންގެ ތެރޭގައި ގިނައިން ކޮފީ ބުއިމަކީ އާންމު ކަމެކެވެ. އަދި ގިނައިން ކޮފީ ބުއިމަކީ ކަސްރަތުކުރުމަށް ފަސޭހަވާ ކަމެއް ކަމަށް ބައެއް ޖިމް އިންސްޓްރަކްޓަރުން ބުނެ އެވެ.

އެކަމަކު، ކަމާ ގުޅޭ މާހިރުން ބުނާ ގޮތުގައި މާ ގިނައިން ކޮފީ ބުއިމަކީ ހަށިގަނޑަށް ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި އެމީހުން ލަފާ ދެނީ ދުވާލެއްގެ މައްޗަށް ދެ ތައްޓަށް ވުރެ އިތުރަށް ކޮފީ ނުބުއިމަށެވެ.