Roadha Mihaaru
ހަލަބަށް މޮނިޓަރުން ފޮނުވަން ސަލާމަތީ މަޖިލީހުން ފާސްކޮށްފި

ހަލަބަށް މޮނިޓަރުން ފޮނުވަން ސަލާމަތީ މަޖިލީހުން ފާސްކޮށްފި

20 ޑިސެމްބަރ 2016

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 20) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކުން މީހުން ނެރުމާއި އެ ސަރަހައްދުގައި ތިބި އާއްމުންގެ ހާލަތު ބެލުމަށްޓަކައި މޮނިޓަރުން ފޮނުވުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 20) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކުން މީހުން ނެރުމާއި އެ ސަރަހައްދުގައި ތިބި އާއްމުންގެ ހާލަތު ބެލުމަށްޓަކައި މޮނިޓަރުން ފޮނުވުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.

ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ބަހުސްގައި ހުޅަނގުގެ ގައުމުތަކާއި ރަޝިޔާއާ ދެމެދު އެއްގަލަކަށް އެރުމަށް ވަނީ ވަރަށް މަސައްކަތް ކޮށްފަ އެވެ. ރަޝިޔާ އިން ކުރިން ބުނެފައި ވަނީ ގަރާރު ވީޓޯ ކުރާނެ ކަމަށެވެ. އދ. އަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ ސަފީރު ވިޓަލީ ޗުރްކިން ކުރިން ވިދާޅުވެފައި ވަނީ ރަޝިޔާ އިން ވަކި ގަރާރެއް ހުށަހަޅަން ބޭނުންވާ ކަމަށެވެ.

ސީރިއާގެ މަންދޫބު ބައްޝާރު ޖާފަރީ ވިދާޅުވީ ކައުންސިލްގެ މެންބަރުން ގަރާރު ފާސްކުރުމުގައި ފޮރުވިފައިވާ އެޖެންޑާއެއްވާ ކަމަށެވެ. އެއީ ސީރިއާ އަށް ބޭރުގެ ނުފޫރު ވެއްދުމާއި ބާރުގެ ބޭނުންކޮށްގެން ސީރިއާގެ ވެރިކަން ބަދަލު ކުރުން ކަމަށެވެ.

ސީރިއާއާ ބެހޭ ގޮތުން 2011 ގެ ފަހުން ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ހަ ގަރާރެއް ރަޝިޔާ އިން ވަނީ ވީޓޯ ކޮށްފަ އެވެ.

ހަލަބަށް ދޭ ހަމަލާތައް ހުއްޓާލުމަށް ފަހު އެ ސިޓީން އިދިކޮޅު ހަނގުރާމަވެރިންނާއި އާއްމުން ނެރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފެށި ފަހުން މިހާތަނަށް 13،000 މީހުން ނެރެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވެ އެވެ. މީހުން ނެރުމުގެ އެއްބަސްވުމުގެ ދަށުން އިދްލީބު ޕްރޮވިންސްގައި ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުން މީހުން ނެރުން ވެސް ހިމެނެ އެވެ. އޮބްޒަވޭޓަރީން ބުނީ ހަލަބުގައި އަދިވެސް ނުކުމެވޭނެ ގޮތް ނެތް 7،000 މީހުން ތާށިވެފައި އެބަތިބި ކަމަށެވެ.

ހަލަބުން އިއްޔެ ނެރުނު މީހުންގެ ތެރޭގައި ޔަތީމުހާނާއެއްގައި ތިބި 47 ކުޑަ ކުދިން ހިމެނޭ ކަމަށް ޔުނިސެފުން ބުނެފައިވެ އެވެ. އަދި ބައެއް ކުދިންގެ ހާލު ދެރަ ކަމަށް ވެސް ބުނެފައިވެ އެވެ. ހަލަބުގެ ހާލަތު ބަޔާން ކޮށްދިނުމަށް ޓްވީޓް ކުރަމުންދާ ހަތް އަހަރުގެ އަންހެން ކުއްޖާ ބަނާ އަލް އާބިދު ވެސް އިއްޔެ ވަނީ ހަލަބުން ނެރެފަ އެވެ. ބަނާ ޓްވީޓް ކުރި ވީޑިއޯ މެސެޖެއްގައި ވަނީ ހަލަބުން ނުކުމެވުނީތީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ލުޔެއް ލިބިއްޖެ ކަމަށް ބުނެފަ އެވެ.