Roadha Mihaaru
ހަލަބުގެ ސުލްހައިގެ ގަރާރު ޗައިނާ އާއި ރަޝިޔާ އިން ވީޓޯކޮށްފި

ހަލަބުގެ ސުލްހައިގެ ގަރާރު ޗައިނާ އާއި ރަޝިޔާ އިން ވީޓޯކޮށްފި

06 ޑިސެމްބަރ 2016

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 6) - ހަނގުރާމައިގެ ތެރޭގައި އޮތް ސީރިއާގެ ހަލަބު ސިޓީ އަށް ދޭ ހަމަލާތައް ހަތް ދުވަހަށް މެދު ކަނޑާލުމަށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ޗައިނާ އާއި ރަޝިޔާ އިން ވީޓޯ ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 6) - ހަނގުރާމައިގެ ތެރޭގައި އޮތް ސީރިއާގެ ހަލަބު ސިޓީ އަށް ދޭ ހަމަލާތައް ހަތް ދުވަހަށް މެދު ކަނޑާލުމަށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ޗައިނާ އާއި ރަޝިޔާ އިން ވީޓޯ ކޮށްފި އެވެ.

ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގެ ތެރޭން 70 ޕަސެންޓް މިހާރު ވަނީ ސަރުކާރުން އަނބުރާ ހިފައިފަ އެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހިސާބުތަކުގައި ލައްކައެއްހާ މީހުން ވަނީ ތާށިވެފަ އެވެ. އެ ސަރަހައްދުގައި އުޅޭ މީހުންނަށް ކާ އެއްޗެއް ނުލިބޭ އިރު ސިއްހީ ޚިދުމަތް ދޭ ތަނެއް ވެސް ނެތެވެ.

ރަޝިޔާ އިން ބުނެފައި ވަނީ ގަރާރާ މެދު ވިސްނުމަށް އެކަށީގެންވާ ވަގުތު ނެތް ކަމަށެވެ. އެމެރިކާ އިން ބުނެފައި ވަނީ ރަޝިޔާ އިން ގަރާރާ ދެކޮޅު ހެދީ ސަރުކާރު ސިފައިންނަށް ލިބެމުންދާ ކާމިޔާބީ އަށް ހުރަސް އެޅިދާނެތީ ކަމަށެވެ.

މިސްރާއި ނިއު ޒީލެންޑް އަދި ސްޕޭން ގުޅިގެން ހުށަހެޅި ގަރާރަށް ޗައިނާ އާއި ރަޝިޔާގެ އިތުރުން ދެކޮޅު ހަދާފައި ވަނީ ވެނެޒުއެލާ އެވެ. އެންގޯލާ އިން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރޭން 11 ގައުމުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދީފަ އެވެ.

މިއީ ސީރިއާއާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރަކާ ދެކޮޅަށް ވޭތުވެދިޔަ ފަސް އަހަރު ތެރޭ ރަޝިޔާގެ ވީޓޯ ބާރު ބޭނުންކުރި ހަ ވަނަ ފަހަރެވެ. ރަޝިޔާ އަކީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ވާގިވެރިވާ ގައުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރަޝިޔާ އިން ދަނީ ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.