Roadha Mihaaru
ނުބައި ގްރޫޕެއްގެ ލޭ އެޅިގެން އިންޑިޔާގައި އަންހެނަކު މަރުވެއްޖެ

ނުބައި ގްރޫޕެއްގެ ލޭ އެޅިގެން އިންޑިޔާގައި އަންހެނަކު މަރުވެއްޖެ

21 ޑިސެމްބަރ 2016

އިންޑިޔާގެ އޮޑިއްސާ ސްޓޭޓްގައި ހުރި ސަރުކާރު ހޮސްޕިޓަލެއްގައި އަންހެނެއްގެ ގަޔަށް ނުބައި ގްރޫޕެއްގެ ލޭ އެޅިގެން މަރުވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިޔާގެ އޮޑިއްސާ ސްޓޭޓްގައި ހުރި ސަރުކާރު ހޮސްޕިޓަލެއްގައި އަންހެނެއްގެ ގަޔަށް ނުބައި ގްރޫޕެއްގެ ލޭ އެޅިގެން މަރުވެއްޖެ އެވެ.

މިކަމާ ގުޅިގެން އެ ސަރަހައްދުގެ މީހުން ރުޅިގަދަވެގެން އުޅެން ފެށުމުން އެކަމުގައި ޒިންމާ ނަގަން ޖެހޭ ދެ މުވައްޒަފަކު ވަނީ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.

ހޮސްޕިޓަލުގެ ފަރުވާކުޑަކަމުން ދިމާވި މި ހިތާމަވެރި ހާދިސާގެ ސަބަބުން މަރުވި އަންހެންމީހާގެ އާއިލާގެ މީހުން އެ ހޮސްޕިޓަލަށް ދާން އޮންނަ މަގު ބަންދުކޮށް އެތަނުގައި މުޒާހަރާކުރި އެވެ. އެމީހުން ޑިމާންޑްކުރީ އިހުމާލުވީ މުވައްޒަފުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި އަންހެންމީހާގެ މަރުގެ ބަދަލު ދިނުމަށެވެ.

ސުކަންތީ ނާޔަކް، 45، ހޮސްޕިޓަލުގައި ބޭއްވީ އޭނާގެ ގައިގައި ލޭ މަދުކަމުން ލޭ އަޅަން ޑޮކްޓަރު އިރުޝާދު ދިނުމުންނެވެ. ޑޮކްޓަރު ބުނީ އެންމެ ޔުނިޓެއްގެ ލޭ އެޅުމަށެވެ.

އޭނާގެ ބްލަޑް ގްރޫޕަކީ "އޯ" އެވެ. އެހެންވެ އޭނާގެ ފިރިމީހާ ބްލަޑް ބޭންކަށް އޯ ގްރޫޕްގެ ލޭ ބަލާ ދިޔަ އެވެ. ނަމަވެސް އެވަގުތު ބްލަޑް ބޭންކްގައި ހުރި ލެބޯޓްރީ ޓެކްނީޝަނަށް އޮޅިގެން ދެވުނީ "އޭ" ގްރޫޕްގެ ލޭ ޕެކެޓެކެވެ. މި ލޭ ޕެކެޓް އަންހެންމީހާގެ ގަޔަށް ގުޅީ އެވަގުތު ޑިއުޓީގައި ހުރި ސްޓާފް ނަރުހެވެ. އަދި ލޭ އެޅިތާ މާ ގިނައިރުތަކެއް ނުވެ އަންހެންމީހާ މަރުވީ އެވެ.

ކުއްލިއަކަށް އަންހެންމީހާ މަރުވުމުން އޭނާ މަރުވި ސަބަބު ބެލިއިރު އޮޅިގެން ނުބައި ގްރޫޕެއްގެ ލޭ އެޅުނުކަން ޔަގީންވި އެވެ. ބްލަޑް ބޭންކުން ލޭ ޕެކެޓް ދޫކުރި މީހާ އާއި އަންހެންމީހާގެ ގަޔަށް ލޭ ގުޅި ނަރުސް މީހާ ވެސް ބަލަންވާ ވަރަށް ނުބަލާކަން ވަނީ ސާބިތުވެފަ އެވެ.

ހޮސްޕިޓަލުން ވަނީ އެއީ އެތަނުގެ ގޯހެއް ކަމަށް އެއްބަސްވެ ލެބޯޓްރީ ޓެކްނީޝަނާއި ސްޓާފް ނަރުސް ވަޒީފާއިން ވަކިކޮށްފަ އެވެ. މީގެ އިތުރުން އަންހެންމީހާއަށް ލޭ އަޅަން ލިޔެދިން ޑޮކްޓަރަށް ވެސް ފިޔަވަޅު އަޅާފައިވެ އެވެ. އަދި ލެބޯޓްރީ ރިކްއެސްޓް ފަދަ ތަކެތި ލިޔާއިރު ހުރިހާ ތަފްސީލެއް ފުރިހަމައަށް ލިޔަން ޑޮކްޓަރަށް ވަނީ އަންގާފަ އެވެ.

އަސްލު މައްސަލަ ދިމާވީ މަރުވި މީހާއާ ހަމަ އެއް ނަމެއް ކިޔާ އެހެން މީހެއްގެ ލެބޯޓްރީ ސްލިޕެއް ހަމަ އެވަގުތު ބްލަޑް ބޭންކަށް ގެންގޮސްފައި އޮތުމެވެ. ދެ ސްލިޕްގައި އެއް ނަމެއް އޮތަސް ބްލަޑް ގްރޫޕް ތަފާތެވެ. އެއް ސްލިޕް ފޮނުވީ ގައިނީ ވޯޑުންނެވެ. އަނެއް ސްލިޕް މެޑިކަލް ވޯޑުންނެވެ. މަރުވި އަންހެންމީހާ އޮތީ މެޑިކަލް ވޯޑުގަ އެވެ. އެހެންވެ ގައިނީ ވޯޑުގައި އޮތް އަންހެންމީހާއަށް ދޭން ޖެހޭ ލޭ އޮޅިގެން މަރުވި އަންހެންމީހާގެ ފިރިމީހާއާ ހަވާލުކުރެވުނީ އެވެ.