Roadha Mihaaru
ޔޫޓިއުބް ބަލައިގެން ހެދި ސާޖަރީއަކުން ކުއްޖަކު މަރު

އިންޑިއާގެ "ޑޮކްޓަރެއް" ޔޫޓިއުބް ބަލައިގެން ހެދި ސާޖަރީއެއްގެ ސަބަބުން ކުއްޖަކު މަރުވެއްޖެ

09 ސެޕްޓެމްބަރ 2024

އިންޑިއާގެ ބިހާރްގައި ފުރާވަރުގެ ފިރިހެން ކުއްޖެއްގެ ގޯލް ބްލެޑާގައި ހުރި ހިލަ ނަގަން، ޔޫޓިއުބް ވީޑިއޯއެއް ބަލައިގެން ހެދި ސާޖަރީއަކަށް ފަހު ކުއްޖާ މަރުވެއްޖެ އެވެ.

އިންޑިއާގެ ބިހާރްގައި ފުރާވަރުގެ ފިރިހެން ކުއްޖެއްގެ ގޯލް ބްލެޑާގައި ހުރި ހިލަ ނަގަން، ޔޫޓިއުބް ވީޑިއޯއެއް ބަލައިގެން ހެދި ސާޖަރީއަކަށް ފަހު ކުއްޖާ މަރުވެއްޖެ އެވެ.

އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބިހާރްގެ ސަރަންގައި ހުންނަ "ގަންޕަތީ ސިވާ" ހޮސްޕިޓަލް އަށް 15 އަހަރުގެ ކުއްޖާ ގެންދިޔާ ހޮޑުލާން ފެށުމުންނެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށިތާ އިރުކޮޅެއްގެ ތެރޭގައި، ހޮޑުލުން ހުއްޓުނު ކަމަށާއި އެކަމަކު ގޯލް ބްލެޑާގައި ހިލަ އެބަހުރި ކަމަށާއި އެ ނަގަން ސާޖަރީއެއް ހަދަން ޖެހޭނެ ކަމަށް އަޖިތު ކުރާމް ޕޫރީ ކިޔާ "ޑޮކްޓަރު" ބުނި ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

"...އޭނާ އޮޕަރޭޝަން ކުރީ ޔޫޓިއުބުން ވީޑިއޯ ބަލަމުން. ފަހުން [ދަރިފުޅުގެ ހާލު ބޮޑުވެ] މަރުވީ،" ކުއްޖާގެ ބައްޕަ ޗަންދަން ޝޯ އެންޑީޓީވީ އަށް ބުނެފައިވެ އެވެ.

ކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި އެކި ވީޑިއޯތައް ބަލަމުން ހެދި ސާޖަރީއަށް ފަހު ކުއްޖާގެ ހާލު ގޯސްވާން ފެށުމުން "ޑޮކްޓަރު" ވަނީ އެމްބިއުލާންސެއް ހަމަޖައްސައިދީ އެހެން ހޮސްޕިޓަލަކަށް ކުއްޖާ ބަދަލުކުރުމުގެ ކަންކަން އިންތިޒާމްކޮށްދީފަ އެވެ.

އެހެން ހޮސްޕިޓަލަކަށް ގެންދަން ތައްޔާރުވަމުން ދަނިކޮށް ކުއްޖާ މަރުވުމާ އެކު ޑޮކްޓަރާއި އޭނާއާ އެކު ދެން ތިބި މީހުން އެތަން ދޫކޮށް ދިޔައީ ކަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.

"އެއީ އަސްލު ޑޮކްޓަރެއް ކަމެއް ޔަގީނެއް ނޫން. އެއީ ޑޮކްޓަރެއް ކަމަށް ހެދިހެން އުޅޭ ފޭކް މީހެއް ކަމަށް ބެލެވެނީ،" އާއިލާއިން މީހަކު ބުންޏެވެ.

ކުއްޖާގެ ކާފަ ކިޔައިދީފައިވާ ގޮތުގައި ކުއްޖާ ހޮޑުލުން ހުއްޓި ހާލަތު ރަނގަޅުވެފައި އޮއްވައި، ޑޮކްޓަރު ކަމަށް ބުނާ މީހާ ކުއްޖާގެ ސާޖަރީ ފެށީ ކުއްޖާގެ ބައްޕަ އެތަނުން ފޮނުވާލުމަށް ފަހު އާއިލާގެ ރުހުމަކާ ވެސް ނުލަ އެވެ. ކުއްޖާއަށް ތަދުވާތީ އުޅެން ފެށުމުން އެކަމާ ސުވާލުކުރިން ކަމަށާއި އެކަމަކު އަތުން އިޝާރާތެއް ކޮށްފައި "ތިޔައީ ޑޮކްޓަރުންހޭ" ސުވާލުކުރި ކަމަށް ވެސް ކާފަ ބުންޏެވެ.

އާއިލާއިން ބުނި ގޮތުގައި ސާޖަރީ ކަމަށް ބުނެ ކުރި ކަންކަމަށް ފަހު ކުއްޖާގެ ނޭވާ ހުއްޓުމުން ސީޕީއާރް ދިނުމުން ނޭވާލާން ފެށި އެވެ. ކުއްޖާ މަރުވީ އެހެން ހޮސްޕިޓަލަކަށް ގެންދަން ނިންމައި ކުއްޖާ ގޮވައިގެން ހޮސްޕިޓަލްގެ ސިޑިން ފައިބަނިކޮށް ކަމަށް ބުންޏެވެ.

"އެ ހިސާބުން ކުއްޖާގެ ހަށިގަނޑު ވެސް ދޫކޮށްލާފައި ޑޮކްޓަރާއި އޭނާއާ އެކު އުޅުނު އެހެން ސްޓާފުން ވެސް ދިޔައީ" އެވެ.

ފުލުހުން މި މައްސަލަ ތަހުގީގުކުރަން ފަށާފައި ވާއިރު "ޑޮކްޓަރު" ވެސް އަދި އޭނާއާ އެކު ހޮސްޕިޓަލްގައި ދެން އުޅުނު މީހުން ވެސް ވަނީ ފިލައިފަ އެވެ.