Roadha Mihaaru
ޑޮކްޓަރުންގެ އަގުވެއްޓޭ ގޮތަށް ވާހަކަފަތުރާތީ ކަންބޮޑުވޭ

ޑޮކްޓަރުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާއްމުކުރާތީ މެޑިކަލް އެސޯސިއޭޝަނުން ކަންބޮޑުވެއްޖެ

09 މެއި 2024

ޑޮކްޓަރުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަތައް ފަތުރައި، ފޮޓޯ އާންމުކުރާތީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑޮކްޓަރުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަތައް ފަތުރައި، ފޮޓޯ އާންމުކުރާތީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން، ހާއްސަކޮށް ޑޮކްޓަރުންނަށް އަމާޒުކޮށް ހިދުމަތުގެ އަގު ވެއްޓި، ސިއްހީ ދާއިރާއި ން ދޭ ހިދުމަތްތަކާ މެދު އިތުބާރު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރައި ފޮޓޯ އާންމުކުރަމުންދާ ކަމަށެވެ.

މެޑިކަލް އެސޯސިއޭޝަނުން ބުނީ ކަމުގެ ހަގީގަތާއި ފުރިހަމަ މައުލޫމާތު ނޭނގި އެ ފަދަ ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފެތުރެމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ހިދުމަތް ބޭނުންވެފައި ތިބި އާއްމުންނަށް ކަމަށެވެ.

ސިއްހީ މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަކީ ކުރަން ނުޖެހޭ އެތައް ހޭދައެއް ކޮށް، ތަކްލީފުތައް އުފުލައިގެން ރާއްޖެ އިން ލިބެން ހުންނަ ފަރުވާ ހޯދުމަށް ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ ކަމެއް ކަމަށް ބުންޏެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތްތެރިން މަސައްކަތް ކުރަނީ ގިނަ ގޮންޖެހުންތަކާ އެކު ކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އެ މީހުންގެ ހިތްތަކުގައި އިތުރަށް މާޔޫސްކަން އުފެދި، ރަނގަޅު ޕްރޮފެޝަނަލް ހިދުމަތްތެރިން ހިދުމަތުގައި ދެމެހެއްޓުމުގައި އިތުރު ދަތިތަކާ ދިމާވާކަން ފާހަގަކުރި އެވެ.

"ސިއްހީ ފަރުވާއާ ގުޅުން ހުރި ކަންކަމުގައި ރަނގަޅު މައުލޫމާތު އެނގި ހުރެ، ހަގީގަތް ރަނގަޅަށް ބެލުމަށް ފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފުތެރުމަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އެ މީހުންގެ ހިދުމަތް ކުރިއަށް ގެންދިއުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދެއްވުމަށް ވެސް މި ފުރުސަތުގައި ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.

ޑޮކްޓަރުންނާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކާ މެދު މެޑިކަލް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރިއިރު، ފަރުވާގެ އެކި ކަންކަމާ މެދު ހިތްހަމަނުޖެހިގެން، ދޭތެރެދޭތެރެއިން ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމްތަކުގައި އެ މީހުންގެ ފޮޓޯ އާންމުކުރެ އެވެ.