Roadha Mihaaru
އެމްޑީޕީ ޕީޖީގެ ދެވަނަ ޑެޕިއުޓީއަކަށް އަނދުން ހުސެއިން

އެމްޑީޕީ ޕީޖީގެ ދެވަނަ ޑެޕިއުޓީއަކަށް އަނދުން ހުސެއިން ހޮވައިފި

07 މާޗް 2022

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެވަނަ ޑެޕިއުޓީ ލީޑަރު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކާމިޔާބު ކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެވަނަ ޑެޕިއުޓީ ލީޑަރު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކާމިޔާބު ކުރައްވައިފި އެވެ.

މި އިންތިހާބުގައި ޕާލަމެންޓްރީ ގުރޫޕުގެ 65 މެމްބަރުންގެ ތެރެއިން 63 މެމްބަރަކު ވޯޓު ދެއްވިއިރު އަނދުން ހުސައިން ކާމިޔާބު ކުރެއްވީ 38 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ހޯއްދެވުނީ 25 ވޯޓެވެ.

އަނދުން ހުސައިނަކީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ފެކްޝަންގެ ކޯޅުމުގައި އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި ހުންނެވި މެމްބަރެކެވެ.

އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ދެވަނަ ޑެޕިއުޓީ ލީޑަރަކު ހޮވުމުގެ އިންތިހާބު މިއަދު ބޭއްވީ މިދިޔަ މަހުގެ 18 ގައި އޮތް އިންތިހާބުގައި އަނދުން ހުސައިނާއި އިލްޔާސަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމުންނެވެ. އެ ފަހަރުގެ އިންތިހާބުގައި އެ އިން ކޮންމެ ބޭފުޅަކަށް 34 ވޯޓު ލިބުނެވެ.

ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ދެ ބޭފުޅަކު ތިއްބަވާއިރު، މިދިޔަ މަހުގެ 18 ގައި އޮތް އިންތިހާބުގައި އެ މަގާމަށް ދެން ހޮވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އޭނާއަކީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ އިސް މެމްބަރެކެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މި ފަހަރުގެ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އެ ގުރޫޕްގެ ލީޑަރުގެ މަގާމު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް 40 ވޯޓުން ހޯއްދެވީ މިހާތަނަށް އެ މަގާމުގައި ހުންނެވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބަލިކުރައްވައިފަ އެވެ. އާޒިމަށް ހޯއްދެވުނީ 25 ވޯޓެވެ.

އަސްލަަމަކީ ކުރިން ނަޝީދަަށް ވަރަށް ވަފާތެރި އަދި ގާތް ބޭފުޅަަކަސް ތަފާތު ސަބަބުތަކާ ހެދި އޭނާ ވަނީ ނަޝީދާ ފެއަށް ޖެހި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅި ނަންގަވައިފަ އެވެ.

މިދިޔަ މަހު 18 ގައި ބޭއްވި އެ އިންތިހާބުގައި ޕީޖީ ގްރޫޕްގެ އަމީން އާންމުގެ މަގާމަށް ހޮވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ. އަމީން އާންމުގެ ނައިބަކަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އިންތިހާބުކުރުިއިރު، ޗީފް ވިޕަކަށް ނެގީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ.

ޕީޖީ ގުރޫޕްގައި ހަ ވިޕުން ތިއްބަވަން ޖެހޭއިރު، އެ މަގާމަށް ކުރިމަތިލެއްވީ ފަސް ބޭފުޅުން ވެސް ވަނީ އެ މަގާމަށް އިންތިހާބު ކޮށްފަ އެވެ.

އެއީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މުހައްމަދު ރާޝިދު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެވެ.