Roadha Mihaaru
ނަޝީދުގެ 4 މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެދެނީ

ފިކުރެއްގެ ދިރުމުގެ ހަތަރު މެމްބަރަކު މުގައްރިރު ކަމުން ވަކިކޮށް، ފިޔަވަޅު އަޅައިދޭން އެދެނީ!

19 އެޕްރީލް 2023

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެ ހަތަރު މެމްބަރަކު އެމްޑީޕީގެ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވަމުން ދާތީ މަޖިލިހުގެ ހަތަރު ކޮމިޓީއެއްގެ މުގައްރިރުކަމުން އެ ބޭފުޅުން ވަކިކޮށް އަދި އެމްޑީޕީން ވެސް ފިޔަވަޅު އަޅައި ދިނުމަށް އެދެން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކޮށްފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެ ހަތަރު މެމްބަރަކު އެމްޑީޕީގެ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވަމުން ދާތީ މަޖިލިހުގެ ހަތަރު ކޮމިޓީއެއްގެ މުގައްރިރުކަމުން އެ ބޭފުޅުން ވަކިކޮށް އަދި އެމްޑީޕީން ވެސް ފިޔަވަޅު އަޅައި ދިނުމަށް އެދެން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކޮށްފި އެވެ.

އެއީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ ޔާސިރު އަބްދުއްލަތީފެވެ.

ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) "މިހާރު" އަށް ވިދާޅުވީ، އެ ހަތަރު މެމްބަރުން ބަލަހައްޓަވާ ކޮމިޓީތަކުގެ މުގައްރިރުކަމުން ވަކިކޮށްދިނުމަށް މަޖިލިހުގެ ރައީސް ނަޝީދުގެ އަރިހުގައި އެދެން ފާސްކުރި ކަމަށެވެ.

އެ ބޭފުޅުން ގެންދަވަނީ ޕީޖީގެ ގުރޫޕްގެ ގަވައިދުތަކާ ހިލާފަށް މަސައްކަތްކޮށް، ޖެއްސުންކޮށް، ރައްޔިތުންނަށް ކަންކަން ލަސްވާ ގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރަމުން،"--- އަނދުން ހުސައިން

ހަސަން ހުންނަވަނީ އާންމު ކޮމިޓީގެ މުގައްރިރުގެ މަގާމުގަ އެވެ. އިންތި ބަލަހައްޓަވަނީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ކަމެވެ. އިލްޔާސް އެސްއޯއީ ކޮމިޓީ އަދި ޔާސިރު ހުންނަވަނީ އިމްތިޔާޒު ކޮމިޓީގެ މުގައްރިރު ކަމުގަ އެވެ.

"ދެން ފާސްކުރީ ޕީޖީ ގުރޫޕްގެ ގަވައިދުތަކާ ތަކުރާރުކޮށް ހިލާފު ވާތީ އެ ހަަތަރު މެމްބަރުންނާ މެދު ފިޔަވަޅު އަޅައި ދިނުމަށް ޕާޓީގެ ސެކްރެޓޭރިއޭޓްގައި ދަންނަވަން. އަޅާނެ ފިޔަވަޅެއް ނިންމަވާނީ ފިޔަވަޅު އަޅާ ކޮމިޓީން. އެ ބޭފުޅުން ގެންދަވަނީ ޕީޖީގެ ގުރޫޕްގެ ގަވައިދުތަކާ ހިލާފަށް މަސައްކަތްކޮށް، ޖެއްސުންކޮށް، ރައްޔިތުންނަށް ކަންކަން ލަސްވާ ގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރަމުން،" އަނދުން ހުސައިން ވިދާޅުވި އެވެ.

ހަސަން ލަތީފާއި އިންތި އާއި އިލްޔާސް އަދި ޔާސިރު ތިއްބަވާ ކޮމިޓީތަކުގެ މުގައްރިރުކަމުން އެ ބޭފުޅުން ވަކިކޮށްދިނުމުގެ މައްސަލަ ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ. އެ ބޭފުޅުންނަށް ފިޔަވަޅު އަޅައި ދިނުމުގެ މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ. އެ ކަމަށް ތާއީދު ކުރެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ކޯޅުމުގެ ތެރެއިން އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ފެކްޝަން އުފެދި، އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލަތައް ދިނުމާއި ދެކޮޅަށް މަސައްކަތް ކުރާ މައްސަލަ ބޮޑުވެފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ގޮތަށް މަސައްކަތް ކުރައްވާ ނަޝީދުގެ ފިކުރުގެ ބޭފުޅުންނަށް ފިޔަވަޅު ނާޅާތީ އެ ކަމުގެ ޝަކުވާ ވެސް ބޮޑެވެ.