Roadha Mihaaru
ތެލުގެ އަގު ބޮޑުވެ ރެކޯޑަކާ ދިމާއަށް!

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ރެކޯޑަކާ ދިމާއަށް!

08 މާޗް 2022

ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ނުއުފުލޭ ވަރަށް މިއަދު މައްޗަށް ހިނގައްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ނުއުފުލޭ ވަރަށް މިއަދު މައްޗަށް ހިނގައްޖެ އެވެ.

ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 129 ޑޮލަރު (1،989ރ.) ގަ އެވެ. އެއީ، ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި ކޮންމެ ތެޔޮފީފާއަކަށް ހަތަރު ޑޮލަރު އިތުރުވުމެކެވެ.

ރަޝިއާއިން ޔުކްރޭނަށް ހަމަލާ ދޭން ފެށުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދިޔައީ ވަރަށް ބާރަށް އުފުލެމުންނެވެ. ދުނިޔޭގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި، ތެލުގެ އަގު މިއަދު އަނެއްކާ ވެސް މައްޗަށް ދިޔައީ ރަޝިއާއިން ތެޔޮ އެތެރެ ނުކުރަން ބައެއް ގައުމުތަކުން ނިންމަން އުޅޭ ކަމުގެ ވާހަކަތަކާ ގުޅިގެންނެވެ.

ބްރެންޓްގެ ތެލުގެ އަގު މިހާރު އެ ހުރީ ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ވެސް ނުއުފުލޭ ވަރަށް މައްޗަށް ގޮސްފަ އެވެ. މިއަދު ތެޔޮ ފީފާއެއް ހުރި، 129 ޑޮލަރަކީ 2008 ގައި ދުނިޔެ އަށް ކުރިމަތިވި ފައިނޭންޝަލް ކްރައިސިސްގައި ތެލުގެ އަގު ހުރި ވަރެވެ. އެ ދުވަސްވަރު ތެޔޮ ފީފާއެއްގެ އަގު 143 ޑޮލަރަށް ވެސް އެރި އެވެ.

ބައިނަލްއަގްވާމީ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ އެއް މިންގަނޑު، ބްރެންޓުގެ އަގު ބޮޑުވިއިރު، ޑަބްލިއުޓީއައި ތެލުގެ އަގު ވެސް ވަނީ އުފުލިފަ އެވެ. ޑަބްލިއުޓީއައިގެ ސާފުނުކުރާ ތެޔޮ ފީފާއެއްގަ އަގު މިއަދު ހުރީ 121.5 ޑޮލަރު (1،873.5ރ.)ގަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަންބޮޑުވާ ވަރަށް އުފުލިފައިވާއިރު ދުނިޔޭގެ އިގްތިސާދު ވަރަށް ބޮޑަށް މަޑުޖެހޭނެ ކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފަ އެވެ. މިހާރު ތެލުގެ އަގު ހުރި ގޮތުން ގިނަ ގައުމުތަކަކަށް އޭގެ ނޭދެވޭ އަސަރޯ ފޯރާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ތެލުގެ އަގު އުފުލުމުން އެމެރިކާ ފަދަ ބޮޑެތި އިގްތިސާދުތަކަށް ވެސް ނޭދެވޭ އަސަރު ކުރާނެ އެވެ. އެ ގައުމުގައި 1970، 1980 އަދި 1990 ގެ އަހަރުތަކުގައި ރިސެޝަންތައް އައުމުގައި ވެސް ތެލުގެ އަގު އުފުލުން އިސް ރޯލެއް އަދާ ކުރި އެވެ. ރިސެޝަނަކީ އިގްތިސާދު ދިގު މުއްދަތަކަށް މަޑުޖެހުމެވެ. މީގެ ސަބަބުން ޖީޑީޕީ އާއި ވަޒީފާތަކާއި ހޯލްސޭލް އަދި ރީޓޭލް ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކުރި އެވެ.

މީގެ އިތުރުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެ އެވެ. މި ވަގުތު ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް 14.60ރ. އަށް ލިބޭއިރު ޑީސަލް ލިޓަރެއްގެ އަގަކީ 14.80ރ. އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށް ނުވާ ނަމަ މި އަގުތައް ވެސް އުފުލޭނެ އެވެ.