Roadha Mihaaru
ތެލުގެ އަގު އުފުލި އިގްތިސާދު މަޑުޖެހިދާނެ ކަމުގެ ބިރު

ތެލުގެ އަގު 112 ޑޮލަރަށްވުރެ މަތީގައި، އިގްތިސާދީ ދުވެލި މަޑުޖެހިދާނެ ކަމުގެ ބިރު

04 މާޗް 2022

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 112 ޑޮލަރަށް ވުރެ މައްޗަށް އެރުމުގެ ސަބަބުން ގައުމުތަކުގެ އިގްތިސާދީ ދުވެލި މަޑުޖެހިދާނެ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 112 ޑޮލަރަށް ވުރެ މައްޗަށް އެރުމުގެ ސަބަބުން ގައުމުތަކުގެ އިގްތިސާދީ ދުވެލި މަޑުޖެހިދާނެ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.

ދުނިޔޭގެ ބާޒާރުގައި ބްރެންޓުގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 112 ޑޮލަރު (1،727ރ.) ގަ އެވެ. މިއީ ފާއިތުވި ހަތް އަހަރު ތެރޭގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ފަހަރެވެ.

ކުއްލިއަކަށް ތެލުގެ އަގު ބޮޑުތަނުން އުފުލެން ފެށީ ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހަނގުރާމަ ފެށުމުންނެވެ.

ދުނިޔޭގެ އިގްތިސާދު ދިރާސާ ކުރާ ތަޖުރިބާކާރުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ތެލުގެ އަގު ކައިރި މުސްތަގުބަލެއްގައި ކޮންޓްރޯލް ވާނެ ކަމަށް ލަފައެއް ނުކުރެވެ އެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގެ އިގްތިސާދީ ދުވެލި މަޑުޖެހިދާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.

ތެލުގެ އަގު އުފުލުމުން އެމެރިކާ ފަދަ ބޮޑެތި އިގްތިސާދުތަކަށް ވެސް އަސަރު ކުރާނެ އެވެ. އެ ގައުމުގައި 1970، 1980 އަދި 1990 ގެ އަހަރުތަކުގައި ރިސެޝަންތައް އައުމުގައި ވެސް ތެލުގެ އަގު އުފުލުން އިސް ރޯލެއް އަދާ ކުރި އެވެ. ރިސެޝަނަކީ އިގްތިސާދު ދިގު މުއްދަތަކަށް މަޑުޖެހުމެވެ. މީގެ ސަބަބުން ޖީޑީޕީ އާއި ވަޒީފާތަކާއ ހޯލްސޭލް އަދި ރީޓޭލް ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކުރި އެވެ.

ބައިނަލްއަގްވާމީ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ އެއް މިންގަނޑު، ބްރެންޓުގެ އަގު ބޮޑުވިއިރު، ޑަބްލިއުޓީއައި ތެލުގެ އަގު ވެސް ވަނީ އުފުލިފަ އެވެ. ޑަބްލިއުޓީއައިގެ ސާފުނުކުރާ ތެޔޮ ފީފާއެއްގަ އަގު މިއަދު ހުރީ 110 ޑޮލަރު (1696ރ.)ގަ އެވެ.

ތެލުގެ އަގު އުފުލުގެ ސަބަބުން މިހާތަނަށް ގައުމުތަކުގެ އިގްތިސާދަށް ބޮޑު އަސަރެއް ނުކުރި ނަމަވެސް ފީފާއެއްގެ އަގު 120-130 ޑޮލަރަށް އެރުމުން އޭގެ އަސަރު ފެންނަން ފަށާނެ ކަމަށް ތަޖުރިބާކާރުން ބުންޏެވެ.

ތެލުގެ އަގު 150 ޑޮލަރަށް އުފުލިއްޖެ ނަމަ ދުނިޔޭގެ އިގްތިސާދު ފުނޑުފުނޑުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

މި އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭނެ ކަމަށް މިދިޔަ އަހަރު ވެސް ލަފާ ކުރި އެވެ. ނަމަވެސް އޭރު ލަފާ ކުރި ގޮތުގައި މި އަހަރު ނިމޭއިރު ތެލުގެ އަގު އުފުލޭނީ 100 ޑޮލަރު (1542ރ.) އަށެވެ.

އެންމެ ފަހުން ދުނިޔޭގެ ބާޒާތުގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލީ 2014 ވަނަ އަރު އެވެ. އެއީ ފީފާއެއް 115 ޑޮލަރަށެވެ. މަދު ދުވަސްތަކެއް ތެރޭގައި އެ ބެންޗްމާކާ ހަމައަށް ތެލުގެ އަގު އަރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.