Roadha Mihaaru
ތެލުގެ އަގު ބޮޑުތަނުން ދަށަށް

ޔޫއޭއީން ސަޕްލައި އިތުރުކުރަން ނިންމުމުން ތެލުގެ އަގު ބޮޑުތަނުން ދަށަށް

10 މާޗް 2022

އޯޕެކްގެ އެންމެ ބާރުގަދަ އެއް ގައުމު، ޔޫއޭއީން ތެޔޮ އުފައްދާ ވަރު އިތުރު ކުރަން ނިންމާފައިވާ ކަން އިއުލާން ކުރުމާއެކު، ތެލުގެ އަގު މިއަދު ބޮޑުތަނުން ވެއްޓިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އޯޕެކްގެ އެންމެ ބާރުގަދަ އެއް ގައުމު، ޔޫއޭއީން ތެޔޮ އުފައްދާ ވަރު އިތުރު ކުރަން ނިންމާފައިވާ ކަން އިއުލާން ކުރުމާއެކު، ތެލުގެ އަގު މިއަދު ބޮޑުތަނުން ވެއްޓިއްޖެ އެވެ.

އެ ގައުމުން މި ގޮތަށް ނިންމީ ރަޝިއާ އިން ޔުކްރޭނަށް ދޭ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަންބޮޑުވާ ވަރަވަށް އުފުލެމުން ދިއުމާ ގުޅިގެންނެވެ. މިދިޔަ އަންގާރަ ދުވަހު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 129 ޑޮލަރު (1،989ރ.) ގަ އެވެ.

ޔޫއޭއީގެ ވޮޝިންޓަން އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، ތެލުގެ އަގު ކަންބޮޑުވާ ވަރަށް އުފުލެމުން ދާތީ އޯޕެކްގެ ގައުމުތަކުން ތެޔޮ އުފައްދާ ވަރު އިތުރު ކުރުމަށް އެ ގައުމުން ތާއީދުކުރާ ކަމަށެވެ.

އެ ގައުމުގެ ބަޔާނާއެކު، 129 ޑޮލަރަށް ލިބެން ހުރި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 112 ޑޮލަރު (1،727ރ.) އަށް ވެއްޓިފަ އެވެ. މިއީ ރަޝިއާ އާއި ޔުކްރޭނުގެ ހަނގުރާމަ ފެށުމުގެ ކުރިން ހުރި އަގާ އަޅާ ބަލާއިރު ބޮޑު އަގެކެވެ. މިދިޔަ ފެބްރުއަރީ މަސް ފެށުނު އިރު ތެޔޮ ފީފާއެއްގެ އަގު ހުރީ 97 ޑޮލަރު (1،495ރ.) ގަ އެވެ.

ދުނިޔޭގެ ބާޒާރުގައި މި އަހަރު ތެލުގެ އަގު އުފުލޭނެ ކަމަށް މިދިޔަ އަހަރުން ފެށިގެން ވެސް ލަފާކުރި އެވެ. ނަމަވެސް އޭރު ލަފާކުރީ މި އަހަރު ނިމޭއިރު ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އަރާނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލުގެ އަގު ވަނީ އުފުލިފަ އެވެ. މި ވަގުތު ރާއްޖޭގައި ޕެޓްރޯލް ލިޓަރެއް 14.60ރ. އަށް ލިބޭއިރު ޑީސަލް ލިޓަރެއްގެ އަގަކީ 14.80ރ. އެވެ.