Roadha Mihaaru
ޔޫރޯ 2028 ބޭއްވުމުގެ ބިޑުން ވެސް ރަޝިއާ ބާކީވަނީ

ޔޫރޯ 2028 ބޭއްވުމުގެ ބިޑުން ވެސް ރަޝިއާ ބާކީވަނީ

06 މާޗް 2022

ލަންޑަން (މާޗް 6) - ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ބިޑުން ވެސް ރަޝިއާ ބާކީ ވާން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ލަންޑަން (މާޗް 6) - ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ބިޑުން ވެސް ރަޝިއާ ބާކީ ވާން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ޔޫރޯ 2028 ބޭއްވުމަށް، ތުރުކީ އާއި ރަޝިއާ ގުޅިގެން ބިޑް ކުރުމަށް ދެ ގައުމުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް ރަޝިއާ ހިމެނޭ އެއްވެސް ބިޑެއް ޔޫއެފާއިން ބަލައި ނުގަންނާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

ޔޫރޯ 2028 ބޭއްވުމަށް ދެން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އިނގިރޭސި ވިލާތާއި އަޔަލެންޑް ގުޅިގެންނެވެ. އަދި އިޓަލީން ވެސް ވަނީ ބިޑް ކުރަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ބިޑްގައި ހިމެނެން ޖެހޭނެ ކަންކަން މިމަހު 30 ގައި ޔޫއެފާއިން އިއުލާން ކުރާނެ އެވެ. ބިޑް ހުށަހެޅުމުގެ އެންމެ ފަހު މުއްދަތު ހަމަވާނީ އަންނަ އަހަރު ސެޕްޓެމްބަރުގަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިނގިރޭސި ވިލާތާއި އަޔަލެންޑް ގުޅިގެން ހުށަހަޅާ ބިޑަށް ތާއީދު ކުރުމަށް ޔޫއެފާގެ ރައީސް އެލެގްޒެންޑާ ކެފެރިން ހުންނެވީ ތައްޔާރަށެވެ. ނަމަވެސް ޝަރުތަކީ 2030 ގެ ވޯލްޑް ކަޕަށް އިނގިރޭސި ވިލާތާއި އަޔަލެންޑުން ބިޑް ނުކޮށް، ސްޕެއިން އާއި ޕޯޗުގަލް ގުޅިގެން ހުށަހަޅާ ބިޑަށް ތާއީދު ކުރުން ކަމަށް ސްޕެއިންގެ މީޑީއާތަކުން ބުންޏެވެ.

ޔޫކްރޭނާ ދެކޮޅަށް މިހާރު ފަށައިފައިވާ ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ފީފާ އާއި ޔޫއެފާ އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕުގެ ކޮލިފައިން ޕްލޭ-އޮފުން ރަޝިއާ ވަނީ ބޭރުކޮށްފަ އެވެ.

ހަނގުރާމަ ނުހުއްޓައިފި ނަމަ ޖަރުމަންގައި 2024 ގައި ބާއްވާ ޔޫރޯ އިން ޖާގަ ހޯދުމަށް ކުޅޭ ކޮލިފައިން އިން ވެސް ރަޝިއާ ބޭރު ކުރާނެ ކަމަށް ބެލެވެ އެވެ. ހަނގުރާމައިގެ ސަބަބުން ރަޝިއާއާ ދެކޮޅަށް އެކަނި ފިޔަވަޅު އަޅާތީ ފީފާ އާއި ޔޫއެފާ އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒު ވެފަ އެވެ. ފަލަސްތީންގެ ބިންތަކަށް އަރައި އިޒްރޭލުން ދޭ ހަމަލަތަކާ ގުޅިގެން އިޒްރޭލާ ދެކޮޅަށް ވެސް ފިޔަވަޅު އަޅަން ބައެއް ފަރާތްތަކުން ވަނީ ފީފާ އާއި ޔޫއެފާ އަށް ގޮވާލައިފަ އެވެ.