Roadha Mihaaru
އެމެރިކާގެ ރިޒާވު ތެޔޮ ދޫކުރަން ނިންމުމުން އަގު ދަށަށް

އެމެރިކާގެ ރިޒާވުން ތެޔޮ ދޫކުރަން ނިންމުމުން އަގުތައް ދަށަށް

31 މާޗް 2022

އެމެރިކާގެ ރިޒާވްގައި ރައްކާކޮށްފައި ހުރި ތެލުގެ ތެރެއިން ގިނަ އަދަދެއްގެ ތެޔޮ ދުނިޔޭގެ ބާޒާރަށް ނެރެން ގަސްދުކުރާ ކަމަށް އެ ގައުމުން ބުނުމާ ގުޅިގެން، ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް ދަށަށް ދާން ފަށައިފި އެވެ.

އެމެރިކާގެ ރިޒާވްގައި ރައްކާކޮށްފައި ހުރި ތެލުގެ ތެރެއިން ގިނަ އަދަދެއްގެ ތެޔޮ ދުނިޔޭގެ ބާޒާރަށް ނެރެން ގަސްދުކުރާ ކަމަށް އެ ގައުމުން ބުނުމާ ގުޅިގެން، ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް ދަށަށް ދާން ފަށައިފި އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން އިއްޔެ ބުނި ގޮތުގައި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ގޭހާއި ތެލުގެ އަގުތައް އުފުލެމުންދާ މައްސަލަ ހައްލުކުރުމުގެ ގޮތުން އެމެރިކާ އިން އަޅަން ގަސްދުކުރާ ފިޔަވަޅުތައް، ރައީސް ޖޯ ބައިޑެން މިއަދު އިއުލާން ކުރައްވާނެ އެވެ. މިކަން އިއުލާން ކުރައްވާނީ އެމެރިކާ ގަޑިން މިއަދު މެންދުރު ފަހު 1:30 (ރާއްޖޭ ގަޑިން މިރޭ 10:30) ގައި، ޓީވީ މެދުވެރިކުރައްވައި ގައުމާ މުހާތަބު ކުރައްވަމުންނެވެ.

ހުޅަނގުގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެމެރިކާގައި 1974 ވަނަ އަހަރުން ފެށިގެން އުފައްދާފައިވާ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވްގައި ރައްކާކޮށްފައި ހުރި ތެލުން، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި 180 މިލިއަން ފީފާ ތެޔޮ، ދުނިޔޭގެ ބާޒާރަށް ނެރޭނެ އެވެ. މިއީ އެމެރިކާގެ ރިޒާވުން މިހާ ގިނަ އަދަދެއްގެ ތެޔޮ، ދުނިޔޭގެ ބާޒާރަށް ނެރޭ ފުރަތަމަ ފަހަރެވެ.

ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ރަޝިޔާ އަށް ދަތިކުރުމުގެ ގޮތުން އެ ގައުމުގެ ތެޔޮ ގަތުން ހުއްޓައިލުމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ނިންމުމުން، ދުނިޔޭގެ ބާޒާރުގައި ވަނީ ތެލުގެ އަގު މަތިވެފަ އެވެ. އެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން، ރަޝިޔާ އިން ވިއްކާ ތެލަށް ރަޝިޔާގެ ފައިސާ ރުބެލް އިން އަގު ދައްކަންޖެހޭ ގޮތަށް އެ ގައުމުން ނިންމުމާ ގުޅިގެން، ގުދުރަތީ ގޭސް ލިބުން ދަތިވެދާނެ ކަމުގެ ބިރު އުފެދުމުން، ގޭހުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

އެމެރިކާގެ އެ ނިންމުމާ ގުޅިގެން އޭޝިޔާގެ ބާޒާރުގައި ވަނީ އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގުތައް 5.6 ޕަސެންޓް ދަށްވެފަ އެވެ. އަދި ބްރެންޓް ކްރޫޑުގެ އަގުތައް ވަނީ 4.8 ޕަސެންޓް ދަށްވެފަ އެވެ.

އެމެރިކާގެ ރިޒާވްގައި ހުރި ތެލުގެ ތެރެއިން ގިނަ އަދަދެއްގެ ތެޔޮ ދުނިޔޭގެ ބާޒާރަށް ނެރުމަށް އެމެރިކާ އިން ނިންމި އިރު، ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، އޯޕެކްގެ ގައުމުތައް – ރަޝިޔާ ވެސް ހިމެނޭ ގޮތަށް – މިއަދު ބައްދަލުކުރުމަށް އޮތީ ތާވަލުކޮށްފަ އެވެ.

ޔޫކްރޭން ހަނގުރާމަ ފެށުމާ އެކު ތެލުގެ އަގު އުފުލެމުން ގޮސް، މި މަހުގެ ކުރީކޮޅު ބްރެންޓް ކްރޫޑްގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 105 ޑޮލަރުގައި ހުރުމަށް ފަހު، މިހާރު ވަނީ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 139 ޑޮލަރަށް އަރައިފަ އެވެ.