Roadha Mihaaru
އުތުރުގެ ޓޫރިޒަމް ތަރައްގީ ކުރަން އިންޑިއާގައި ފޯރަމެއް

އުތުރުގެ ޓޫރިޒަމަށް އިންވެސްޓަރުން ހޯދަން އިންޑިއާގައި ފޯރަމެއް

13 މާޗް 2022

ރާއްޖޭގެ އުތުރުގެ ޓޫރިޒަމް ކުރިއަރުވަން އިންވެސްޓަރުން ހޯދުމުގެ ބޭނުމުގައި އިންޑިއާގައި ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ އުތުރުގެ ޓޫރިޒަމް ކުރިއަރުވަން އިންވެސްޓަރުން ހޯދުމުގެ ބޭނުމުގައި އިންޑިއާގައި ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

އަންނަ އަންގާރަ ދުވަހު މުމްބާއީގައި ބާއްވާ އެ ފޯރަމަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އާއި އެމްޓީޑީސީ ގުޅިގެން ބާއްވާ ފޯރަމެކެވެ. އެ ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވަނީ އިންޑިއާއަށް ވަޑައިގެންފަ އެވެ.

އިންޑިއާގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް ހާއްސަ އެ ފޯރަމުގައި އިންވެސްޓަރުން ހޯދުމުގެ އިތުރުން ދަތުރުފަތުރު ފަހިކުރުމަށާއި ޓޫރިޒަމް ތަރައްގީ ކުރަން މަޝްވަރާތައް ކުރާނެ އެވެ.

އެ ފޯރަމުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި ޖަމިއްޔާތަކުގެ އިތުރުން އެއާލައިންތައް ބައިވެރިވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވެ ނިމޭއިރު އެ ސަރަހައްދުގެ ޓޫރިސްޓް އެނދުގެ އަދަދު އިތުރުކޮށް ދަތުރުފަތުރު ފަހިކުރުން މުހިންމު ކަމަށެވެ.

ފޯރަމް ބާއްވަނީ މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުރިއަށްދާ އައުޓްބައުންޑް ޓްރެވަލް މާކެޓްގެ ތެރެއިންނެވެ.