Roadha Mihaaru
ބަންދުކުރި މުއްދަތުގައި އިސްތިއުނާފް މުއްދަތު ނުހިނގާނެ

ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ސުޕްރީމް ކޯޓުގެ އިސްތިއުނާފް މުއްދަތު ނުހިނގާ ގޮތަށް ހަދައިފި

12 އެޕްރީލް 2020

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ސުޕްރީމް ކޯޓުގެ އިސްތިއުނާފް މުއްދަތު ނުހިނގާ ގޮތަށް އެ ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ސުޕްރީމް ކޯޓުގެ އިސްތިއުނާފް މުއްދަތު ނުހިނގާ ގޮތަށް އެ ކޯޓުން ހަމަޖައްސައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، މިދިޔަ މަހުން ފެށިގެން ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ، އެ ކޯޓުތައް ވެސް އެ މުއްދަތުގައި ވަނީ ބަންދުކޮށްފަ އެވެ. އެކަމަކު އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ އިންތިޒާމް ކޯޓުތަކުން ވަނީ ހަމަޖައްސައިފަ އެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ސުޕްރީމް ކޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލު އެ ކޯޓުން މިއަދު އާންމު ކުރިއިރު، އޭގައިވާ ގޮތުން އަވަސް ނިޔާގެ މައްސަލަތަކާއި ގާނޫނުގައި ވަކި މުއްދަތެއް ކަނޑައެޅިފައިވާ ކަންކަމާ ގުޅޭ މައްސަލަތައް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު އޮތަސް، އެ ނޫން މައްސަލަތައް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާ އެކު ހުށަހެޅިދާނެ އެވެ. އަދި އެ ހާލަތުގައި އިސްތިއުނާފްގެ މުއްދަތު ގުނާނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ސަރުކާރު އޮފީސްތައް ބަންދު ކޮށްފައިވާ މުއްދަތު އުނި ކުރުމަށް ފަހު ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އޭގައިވާ ގޮތުން ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ކަނޑައެޅިފައިވާ މައްސަލަތަކާއި އަވަސް ނިޔާގެ މައްސަލަތައް ފިޔަވައި އެ ނޫން ބާވަތުގެ މައްސަލަތަކުގެ ޝަރީއަތް އެ މުއްދަތުގައި ކުރިއަށް ގެންދާނީ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުން ކޮށްގެންނެވެ. އަދި އެފަދަ ޝަރީއަތްތަކުގެ ބަޔާންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ކުރިއަށް ގެންދާނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ.

މީގެ އިތުރުން، އާންމު ފަރާތްތަކާއި ދައުލަތުގެ އިދާރާތަކުން ފޮނުވާ ލިޔުންތަކާއި އީމެއިިލް މެދުވެރިކޮށް ފޮޮނުވޭނެ ކަމަށާއި އެފަދަ ލިޔުންތަކަށް 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އެކަމަކު އީމެއިލް އާއި އިލެކްޓްރޯނިކް ވަސީލަތްތަކުން މުއާމަލާތް ނުކުރެވޭ މީހުންނަށް ޚިދުމަތް ދިނުމަށްޓަކައި ކޮންމެ ހޯމަ އަކާއި ބުރާސްފަތި ދުވަހެއްގައި ކޯޓު ހުޅުވާފައި ހުންނާނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ކުށުގެ ރެކޯޑް ސާފުކޮޮށް ދިނުމުގެ ޚިދުމަތް ވެސް އީމެއިލް މެދުވެރިކޮށް ލިބޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކޮށްފައިވާ މުއްދަތުގައި ކޯޓުތަކުން ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތަކާއި ބަންދާ މެދު ގޮތެއް ނިންމުން ފަދަ ޝަރީއަތްތައް ފިޔަވައި އެހެން ޝަރީއަތްތަކެއް ނުބާއްވަ އެވެ. އެކަމަކު މައްސަލަތައް އީމެއިލް މެދުވެރިކޮށް ހުށަހެޅުމާއި ބަލައިގަތުމުގެ އިންތިޒާމް އެހެން ކޯޓުތަކުން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު މިހާރު ބައެއް ކޯޓުތަކުން ދަނީ މުހިންމު ބައެއް ޝަރީއަތްތައް ކުރިއަށް ގެންދަން ފަށައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 20 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން ހަތް މީހަކު ފިޔަވައި ދެން ތިބި އެންމެން ވަނީ ފަރުވާއަށް ފަހު ރަނގަޅުވެފަ އެވެ. ބާކީ ތިިބި ހަތް މީހުންގެ ތެރެއިން ފަސް މީހުންނަކީ ރާއްޖެ އިިން ބޭރުން އައި ދިވެހިންނެވެ.