Roadha Mihaaru
ޒެލެންސްކީ، އެމެރިކާގެ ކޮންގްރެސްގައި ތަގުރީރުކުރައްވަނީ

ޒެލެންސްކީ، އެމެރިކާގެ ކޮންގްރެސްގައި ތަގުރީރު ކުރައްވަނީ

15 މާޗް 2022

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ގުޅިފައިވާ ބައްދަލުވުމެއްގައި (ކޮންގްރެސްގައި) ތަގުރީރުކުރެއްވުމަށް އެމެރިކާ އިން ނިންމައިފި އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ގުޅިފައިވާ ބައްދަލުވުމެއްގައި (ކޮންގްރެސްގައި) ތަގުރީރުކުރެއްވުމަށް އެމެރިކާ އިން ނިންމައިފި އެވެ.

އެމެރިކާގެ ކޮންގްރެސްގައި މާދަމާ ހެނދުނު ބާއްވާ ބައްދަލުވުމުގައި ރައީސް ޒެލެންސްކީ ތަގުރީރު ކުރައްވާނީ، ޔޫކްރޭންގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިންނެވެ. ރައީސް ޒެލެންސްކީ އެމެރިކާގެ ކޮންގްރެސްގައި ތަގުރީރު ކުރެއްވުމަށް ދައުވަތު ދިން އިރު، ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމުގެ ގޮތުން ރަޝިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަންނަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ގޮވާލައްވަމުންނެވެ.

"ކޮންގްރެސް އާއި އަހަރެމެންގެ ގައުމު އަދި މުޅި ދުނިޔެ ވެސްމ ޔޫކްރޭން ރައްޔިތުންނަށް މެދުވެރިވެފައިވާ ހާލަތާ މެދު ވަރަށް ބޮޑަށް ބިރުގަނެ ހިތާމަކުރަން. ރަޝިޔާ އިން ޔޫކްރޭންގައި ކުރަމުންދާ، އަނިޔާވެރި އަދި އެއްވެސް ހަމައަކުން ބަލައިނުގަނެވޭނެ ޣައިރު ގާނޫނީ ހަނގުރާމައިގެ ކުރިމަތީގައި ޔޫކްރޭންގެ ރައްޔިތުން ދައްކަމުން އަންނަނީ ވަރަށް އާދަޔާ ޚިލާފު ހިއްވަރަކާއި ވަރުގަދަ އަޒުމެއް،" އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނެންސީ ޕެލޯސީ އާއި، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާ އިއްޔެ ނެރުއްވި ގުޅިފައިވާ ބަޔާނުގައިވެ އެވެ.

ރަޝިޔާގެ އުދުވާނާ ދެކޮޅަށް އެމެރިކާ އިން ވަރުގަދަ އަސްކަރީ ރައްދެއް ދިނުމަށް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޑިމޮކްރެޓިކް މެމްބަރުންނާއި ރިޕަބްލިކަން މެންބަރުން ވެސް ގެންދަވަނީ، ރައީސް ބައިޑަން އަށާއި އެމެރިކާ ސަރުކާރަށް ގޮވާލަމުންނެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި، ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް އެމެރިކާ އިން ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން، ޕޮލެންޑު ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެ ގައުމުގެ އަސްކަރިއްޔާގައި ހިމެނޭ މިގް-29 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް، އެމެރިކާ އިން ޔޫކްރޭނަށް ފޮނުވުމަށް ވެސް އެ މެމްބަރުން ގެންދަވަނީ ގޮވާލައްވަމުންނެވެ. ޔޫކްރޭންގެ ޕައިލެޓުންނަކީ ހަމައެކަނި މިގް މަރުކާގެ ބޯޓުފަހަރު ދުއްވުމަށް ތަމްރީން ކޮށްފައި ތިބި ބަޔަކަށް ވާތީ، ޕޮލެންޑުން ހުށަހަޅާފައިވަނީ، އެ ގައުމުގައި ހުރި މިގް-29 މަރުކާގެ ބޯޓުތައް ޔޫކްރޭނަށް ފޮނުވުމަށެވެ. އޭގެ ބަދަލުގައި އެމެރިކާގެ އެފް-16 މަރުކާގެ މަތިންދާބޯޓު ޕޮލެންޑަށް ދިނުމަށެވެ.

ނަމަވެސް ޕޮލެންޑުގެ އެ ހުށަހެޅުން ގަބޫލުނުކުރުމަށް، މިދިޔަ ހަފުތާގައި އެމެރިކާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް އެމެރިކާ އިން ކަނޑަނޭޅުމަށް ވެސް ރައީސް ބައިޑެން ވަނީ ނިންމަވައިފަ އެވެ. އެއީ އެފަދަ ސަރަހައްދެއް ކަނޑައަޅައިފި ނަމަ، އެ ސަރަހައްދަށް ވަންނަ ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާ ކުރިމަތިލުމަށް އެމެރިކާގެ މަތިންދާބޯޓުތައް ފޮނުވަންޖެހޭނެތީ އެވެ.

ރައީސް ބައިޑެން ވިދާޅުވެފައިވާ ގޮތުގައި ރަޝިޔާ ސިފައިންނާ ދެކޮޅަށް، ޔޫކްރޭން ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނުމަކީ ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމައިގެ ފެށުމަށް ވެގެންދާނެ އެވެ. އެމެރިކާގެ އަމާޒަކީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށުނަ ނުދިނުން ކަމަށްވާތީ، ރަޝިޔާ ސިފައިންނާ ކުރިމަތިލުމަށް އެމެރިކާ ސިފައިން ނުފޮނުވާނެ ކަމަށް ބައިޑެން ވިދާޅުވެ އެވެ.