Roadha Mihaaru
ޓްރަމްޕުގެ ކެމްޕޭން މެނޭޖަރަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް

ޓްރަމްޕުގެ ކެމްޕޭން މެނޭޖަރަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް

31 އޮކްޓޯބަރ 2017

ވޮޝިންޓަން (އޮކްޓޯބަރު 31) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކުރީގެ ކެމްޕޭން މެނޭޖަރު ޕޯލް މެނަފޯޓް އާއި އޭނާގެ އެކުވެރިއެއް ކަމަށްވާ ރިކް ގޭޓްސްގެ މައްޗަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 31) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކުރީގެ ކެމްޕޭން މެނޭޖަރު ޕޯލް މެނަފޯޓް އާއި އޭނާގެ އެކުވެރިއެއް ކަމަށްވާ ރިކް ގޭޓްސްގެ މައްޗަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

އެމެރިކާގެ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެފްބީއައި އިން ތަހުގީގު ކުރަމުން ދަނިކޮށް މެނަފޯޓާއި ގޭޓްސްގެ މައްޗަށް ވަނީ މަނީ ލޯންޑްރިން އާއި އެމެރިކާއާ ދެކޮޅަށް ނުބައި ރޭވުންތައް ރޭވިކަމުގެ ތުހުމަތުކޮށްފަ އެވެ. މި ދެ މީހުން ވެސް އިއްޔެ ވަނީ އެފްބީއައި އަށް އަމިއްލަ އަށް ހަވާލުވެފަ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ މެނަފޯޓާއި ގޭޓްސްގެ މައްޗަށް 12 ކަމެއް ތުހުމަތު ކުރެވޭ ކަމަށެވެ. މިއީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ބަލާ ސްޕެޝަލް ކައުންސެލް ރޮބަޓް މުލާގެ ތަހުގީގު ޓީމުން ދައުވާ އުފުލާ ފުރަތަމަ ދެ މީހުންނެވެ. އެކަމަކު ދެ މީހުންގެ މައްޗަށް ޓްރަމްޕުގެ ކެމްޕޭނާ ގުޅޭ މައްސަލައެއްގެ ތުހުމަތުކޮށްފައެއް ނުވެ އެވެ.

ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކޮށްފައިވާ ގޮތުގައި ޔޫކްރޭނުގެ އިންތިޚާބުގައި 2006 ވަނަ އަހަރު ކެމްޕޭން ކޮށްގެން އެ މީހުން ވަނީ އެތައް މިލިއަން ޑޮލަރެއް ފޮރުވައިފަ އެވެ. އަދި މިދިޔަ އަހަރާ ޖެހެންދެން އެ ފައިސާ އެމެރިކާ އާއި އެހެން ގައުމުތަކުގެ ކުންފުނިތަކާއި ބޭންކުތަކުގައި ގެންގުޅެފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެހެންވެ އެ މީހުންގެ މައްޗަށް ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާ ވެސް އުފުލޭނެ އެވެ.

ކެމްޕޭން މެނޭޖަރަށް މި ތުހުމަތުތައް ކުރުމާ އެކު ޓްރަމްޕް ވަނީ އެއީ ރިޔާސީ އިންތިޚާބުގެ މާ ކުރިން ހިނގާފައިވާ ކަމެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

އަނެއްކޮޅުން ކެމްޕޭނުގައި ޓްރަމްޕުގެ އެޑްވައިޒަރީ ޓީމުގައި މަސައްކަތް ކުރެއްވި ޖޯޖް ޕަޕަޑޮޕޫލޮސް ވަނީ އެފްބީއައިގެ އެޖެންޓުންނަށް ދޮގު މައުލޫމާތު ދިން ކަމަށް އެއްބަސްވެފައި ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

ޓްރަމްޕުގެ ކެމްޕޭން މެނޭޖަރަކަށް މަސައްކަތް ކުރައްވަނިކޮށް މެނަފޯޓް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު މަގާމުން ދުރުކޮށްފަ އެވެ. އެއީ ޔޫކްރޭނުގެ އިންތިޚާބުގައި ރަޝިޔާގެ ތާއީދު އޮންނަ ޕާޓީއެއްގެ ފަރާތުން އެތައް މިލިއަން ޑޮލަރެއް ނެންގެވިކަމުގެ ތުހުމަތުގަ އެވެ. ރަޝިޔާ އިން އެމެރިކާގެ އިންތިޚާބަށް ނުފޫޒުވި މައްސަލައިގެ ތަހުގީގުގައި މެނަފޯޓަކީ މުހިންމު މީހެކެވެ. ޓްރަމްޕުގެ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އާއި ދަނބިދަރިކަލުން ޖާރެޑް ކުޝްނާ އަދި ރަޝިޔާ ސަރުކާރުގެ ވަކީލަކާ އެކު މެނަފޯޓް ބޭއްވި ބައްދަލުވުމަށް މީޑިއާގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.