Roadha Mihaaru
ޓްރަމްޕުގެ ކެމްޕޭނުގައި ރަޝިޔާގެ ނުފޫޒެއް ނެތް: ރިޕޯޓް

ޓްރަމްޕުގެ ކެމްޕޭނުގައި ރަޝިޔާގެ ނުފޫޒެއް ނެތް: ރިޕޯޓް

25 މާޗް 2019

ވޮޝިންޓަން (މާޗް 25) - އެމެރިކާގެ ރައީސް ކަމަށް ވަޑައިގަތުމަށް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ކެމްޕޭނުގައި ރަޝިޔާގެ ނުފޫޒް ބޭނުންކޮށްފައިވާކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް އެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 25) - އެމެރިކާގެ ރައީސް ކަމަށް ވަޑައިގަތުމަށް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ކެމްޕޭނުގައި ރަޝިޔާގެ ނުފޫޒް ބޭނުންކޮށްފައިވާކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް އެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި އިންތިޚާބަށް ރަޝިޔާ އިން ނުފޫޒް ފޯރުވައިފައިވޭތޯ ތަހުގީގުކޮށްފައި ވަނީ ސްޕެޝަލް ކައުންސެލް ރޮބަޓް މުލާގެ ބެއްލެވުމުގެ ދަށުންނެވެ. މުލާގެ ރިޕޯޓުގެ ޚުލާސާއެއް އެޓާނީ ޖެނެރަލް ރޮބަޓް ބާ މިހާރު ވަނީ ކޮންގްރެސްގެ ލީޑަރުންނަށް ފޮނުއްވައިފަ އެވެ.

"ޓްރަމްޕުގެ ކެމްޕޭނަށް ރަޝިޔާގެ ނުފޫޒް ފޯރުވި ކަމަށް ނުވަތަ އިންސާފަށް ޓްރަމްޕް ހުރަސް އެޅުއްވި ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ސްޕެޝަލް ކައުންސެލްގެ ރިޕޯޓުގައި ވަނީ ބުނެފައި،" ބާ ފޮނުއްވި ސިޓީގައި ބުނެފައިވެ އެވެ.

ބާގެ ޚުލާސާ ރިޕޯޓަށް ފަހު ޓްރަމްޕް ވަނީ އެކަމާ ހިތްހަމަޖެހިވަޑައިގެންނެވި ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

ބާ ވިދާޅުވެފައި ވަނީ އިންސާފު ގާއިމް ކުރުމަށް ޓްރަމްޕް ހުރަސް އެޅުއްވި ކަމުގެ އެއްވެސް ހެއްކެއް ސްޕެޝަލް ކައުންސެލްގެ ތަހުގީގުން ފެންނަން ނެތް ކަމަށް އޭނާ އާއި ޑިޕިއުޓީ އެޓާނީ ޖެނެރަލް ރޮޑް ރޮސެންސްޓެއިން ނިންމާފައިވާ ކަމަށެވެ.

ކޮންގްރެސްގައި ހިމެނޭ ޑިމޮކްރެޓިކް ލީޑަރުން ގެންދަވަނީ މުލާގެ މުޅި ރިޕޯޓް އާއްމު ކުރުމަށް ގޮވާލައްވަމުންނެވެ. އަދި އެޓާނީ ޖެނެރަލްގެ ޚުލާސާ ރިޕޯޓާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ.

މުލާގެ ރިޕޯޓް އެޓާނީ ޖެނެރަލް ބާ އަށް ފޮނުވާފައި ވަނީ ހުކުރު ދުވަހު އެވެ. މުލާގެ 22 މަސް ދުވަހުގެ ތަހުގީގުގައި 19 ވަކީލުންނާއި އެފްބީއައިގެ 40 އެޖެންޓެން އަދި އިންޓެލިޖެންސް އެނަލިސްޓުންނާއި ފޮރެންސިކް އެކައުންޓެންޓުން ބޭނުންކޮށްފައިވެ އެވެ. އެ ޓީމުން ވަނީ 500 އަށް ވުރެ ގިނަ މީހުންނާ އިންޓަވިއުކޮށް 500 އަށް ވުރެ ގިނަ ސާޗް ވޮރެންޓް ތަންފީޒްކޮށްފަ އެވެ. މުލާ ވަނީ 34 މީހަކާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ. އޭގެ ތެރޭގައި ޓްރަމްޕުގެ ކުރީގެ ކެމްޕޭން ޗެއާމަން ޕައުލް މަނަފޯޓް އާއި ވަކީލް މައިކަލް ކޯއެން ހިމެނެ އެވެ.