Roadha Mihaaru
އަބަދު ކޯޅުން: މައްސަލައަކަށް ހައްލެއް ނުލިބޭ!

އަބަދު ކޯޅުން: މައްސަލައަކަށް ހައްލެއް ނުލިބޭ!

20 މާޗް 2022

ލާމަރުކަޒީ ގާނޫނުން ލިބެންޖެހޭ ހުރިހާ ބާރެއް ކައުންސިލްތަކަށް ދޫކޮށްލާނެ ކަމަށް މި ސަރުކާރުން ބުންޏަސް މުޅި މަންޒަރު ބަދަލު ވަނީ މާލެއާ ހިސާބުންނެވެ. އިދިކޮޅު ޕީޕީއެމްގެ ފުރިހަމަ ބާރުގެ ދަށުގައި މާލޭ ސިޓީ ކައުންސިލް އޮތުމާ އެކު އެ ޝަކުވާތައް ބޮޑުވެ، ސަރުކާރާ އޮތް ކޯޅުން ވެސް އެހާ ބޮޑެވެ. ކައުންސިލާ ސަރުކާރުގެ މި ބޮޑު ކޯޅުމުގައި ރައްޔިތުން ފިތި، ޝަކުވާ ކުރިޔަސް އެއް ބަޔަކު އަނެއް ބަޔަކަށް ތިބީ ދޫދޭގޮތަކަށް ނޫނެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލާމަރުކަޒީ ގާނޫނުން ލިބެންޖެހޭ ހުރިހާ ބާރެއް ކައުންސިލްތަކަށް ދޫކޮށްލާނެ ކަމަށް މި ސަރުކާރުން ބުންޏަސް މުޅި މަންޒަރު ބަދަލު ވަނީ މާލެއާ ހިސާބުންނެވެ. އިދިކޮޅު ޕީޕީއެމްގެ ފުރިހަމަ ބާރުގެ ދަށުގައި މާލޭ ސިޓީ ކައުންސިލް އޮތުމާ އެކު އެ ޝަކުވާތައް ބޮޑުވެ، ސަރުކާރާ އޮތް ކޯޅުން ވެސް އެހާ ބޮޑެވެ. ކައުންސިލާ ސަރުކާރުގެ މި ބޮޑު ކޯޅުމުގައި ރައްޔިތުން ފިތި، ޝަކުވާ ކުރިޔަސް އެއް ބަޔަކު އަނެއް ބަޔަކަށް ތިބީ ދޫދޭގޮތަކަށް ނޫނެވެ.

އެމްޑީޕީގެ ކޮންޓްރޯލް ފުރަތަމަ ފަހަރަށް މާލެ އިން ގެއްލި 12 ގޮނޑިއާ އެކު ކައުންސިލްގެ އަޣުލަބިއްޔަތު ދިނީ ޕީޕީއެމް އަށެވެ. ބާރުތައް ދޫކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދީ ލާމަރުކަޒުކުރުން މަޑުޖެހުނީ އެ ހިސާބުން ކަމަށް ކައުންސިލުން ގަބޫލުކުރިޔަސް، ސަރުކާރުން ބުނަނީ އެއާ ދިމާ އިދިކޮޅަށެވެ. ސިޓީ ކައުންސިލަކީ ސަރުކާރަށް "ދުއްޕާން" ކުރާ ތަނެއްގެ ގޮތުގަ އެވެ.

އެ އުޅެނީ މާ ކަންތައް ކުރެވޭ ބައެއްކަން ދައްކަން: އަކްރަމް

މި ކޯޅުންގަނޑު ފަހުން ބޮޑުވީ މާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މައްސަލައިގަ އެވެ. ލޭންޑް ޔޫސް ޕްލޭން ފާސް ނުކުރަނީސް ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން މާލޭ ސިޓީ ކައުންސިލުން ހުޅުވާލިތަނާހެން އެކަން ހުއްޓުވީ ޕްލޭނިން މިނިސްޓްރީންނެވެ.

އެކަން ހުއްޓުވީ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާއިރު، ވޯކްސައިޓެއްގެ ގޮތުގައި ބޭނުންކުރަން އޮތް ތަނެއް، ކުއްޔަށް ދޫކުރަން ހުޅުވާލުމުންނެވެ. އަދި އެއީ ގަވާއިދާ ހިލާފަށް ކައުންސިލުން ކުރި ކަމެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރަނީ ލޭންޑް ޔޫސް ޕްލޭން ފާސް ނުކޮށް އޮއްވާ ތަންތަން ކުއްޔަށް ދޭން ހުޅުވާލާތީ އެވެ. މިކަމުގައި ދެބަސްވެ މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ދެވުނެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، "މިހާރު" އަށް ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލުން އުޅެނީ މާކަންތައް ކުރެވޭ ބައެއް ކަމަށް ދައްކާށެވެެ. ހަގީގަތުގައި މާލޭ ސިޓީ ކައުންސިލުން މިހާރު މަސައްކަތްކުރަނީ ގަވާއިދާ ހިލާފަށް ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށާއި އެތަނުގެ މަސައްކަތްތައް ހުރީ ސަރުކާރަށް ޖެއްސުން ކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވެ އެވެ.

ހައުސިން މިނިސްޓްރީ ހުންނަ އިމާރާތް--

ހައުސިން މިނިސްޓްރީ ހުންނަ އިމާރާތް--

ބަހުގެ ހޫނު ހަމަލާތައް މީގެ ކުރިން ވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކުރައްވާފައިވާ އަކްރަމް ވިދާޅުވީ މުއިއްޒަކީ އަބަދުވެސް ސަރުކާރަށް ޖެއްސުންކުރަން މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި އޭނާ މިހާރު ވެސް މަސައްކަތްކުރައްވަނީ އެގޮތަށް ކަމަށެވެ.

"އިދިކޮޅު ޕާޓީއެއްގެ އިސް ބޭފުޅަކު މޭޔަރަކަށް އައީމާ ދެން ފެންނާނީ މި ކަހަލަ މަންޒަރު. ހަމަ ސީދާ ދުއްޕާން ކުރުމަށް ކުރާ ކަންކަން އެއީ."

"އިދިކޮޅު ޕާޓީއެއްގެ އިސް ބޭފުޅަކު މޭޔަރަކަށް އައީމާ ދެން ފެންނާނީ މި ކަހަލަ މަންޒަރު. ހަމަ ސީދާ ދުއްޕާން ކުރުމަށް ކުރާ ކަންކަން އެއީ،" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ މުއިއްޒާ ގުޅޭ ގޮތުން އަކްރަމް ވިދާޅުވި އެވެ.

އެކަމަކު މިދިޔަ ބުދަ ދުވަހު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ވިދާޅުވި ގޮތުގައި ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލީ ސަރުކާރަށް ނޭނގި ކުއްލިއަކަށް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބައެއް ބޭނުންވާނެތޯ ސާފުކުރުމަށް އެ ކައުންސިލުން ޕްލޭނިން މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބޭއްވި އެވެ. ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ހުށަހެޅުމުގެ ކުރިން ބޭއްވި އެ ބައްދަލުވުމުގައި، ވިލިމާލޭގެ ސިނާއީ ސަރަހައްދުން އެ މަސައްކަތަށް ބިން ބޭނުން ނުވާ ކަމަށް މިނިސްޓްރީން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ބައިވެރިވެވަޑައިގަންނަވަނީ--

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ބައިވެރިވެވަޑައިގަންނަވަނީ--

ނަރީޝް ވިދާޅުވީ މިނިސްޓްރީ "ހޭވެރިކަންވީ" ކައުންސިލުން ބިން ކުއްޔަށް ދޭން އިއުލާންކުރުމުން ކަމަށެވެ.

އެ މައްސަލަ ކޮޅެއްގައި ނުޖެހެނީސް އަނެއްކާ މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީން ކައުންސިލަށް ފޮނުއްވި ސިޓީގައި ވަނީ ވިލިމާލެއިން ފައިބަރު މަސައްކަތަށް ބިން ކަނޑައެޅުމުގެ ބާރު މާލޭ ސިޓީ ކައުންސިލަށް އަދި ނެތް ކަމަށެވެ. މި ސިޓީއަކީ ވެސް "އެގޮތަށް އެކަން ކުރަން އުޅޭކަމުގެ މައުލޫމާތު" ލިބިގެން ފޮނުވި ސިޓީ އެކެވެ.

ކަމެއް ކުރަން އުޅޭކަމަށް ނިންމައި، މިގޮތަށް ދެބަސްވަމުންދާއިރު އިރުއިރުކޮޅާ ފަހަރަކު ކަމެއްގައި ދެބަސްވަމުން އެބަދެ އެވެ. އެއްބަޔަކު އަނެއް ބަޔަކަށް ފެންނަނީ އެބައެއްގެ ކޮޅު މޮޅުކުރުމަށް މޮޅެތި ވާހަކަތައް ދައްކަމުންދާ މަންޒަރެވެ. މިއިން ރައްޔިތުންނަށްވީ ފައިދާއެއް ނެތެވެ. މައްސަލައަކަށް ހައްލެއް ނުލިބެ އެވެ.

ފިއްތުންތަކާ ހުރެ މަސައްކަތެއް ނުކުރެވޭ

ކައުންސިލްގެ ޝަކުވާއަކީ އެތަނުގެ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ނުދޭ މައްސަލައެވެ. މާލޭގެ ރައްޔިތުންނާ ގުޅިފައިވާ ބޮޑެތި މައްސަލަތަކުގައި ވެސް ކައުންސިލްގެ ބަހެއް ނެތި ގޮތް ނިންމަމުންދާ މައްސަލަ ވަރަށް ބޮޑެވެ. ވަކިން ހާއްސަކޮށް މާލޭއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުތަނަކަށް ވާއިރު އެކަމުގައި އެއްވެސް މިންވަރަކަށް މަޝްވަރާ ނުކުރާ ކަމަށް މުއިއްޒު ވިދާޅުވެފައި އެބަ ހުއްޓެވެ. އޭގެ ޖަވާބުގައި ދައުލަތުން ގޮތް ނިންމުމުން ކައުންސިލުން ނިންމާ ގޮތެއް އެނގެން ނުޖެހޭ ކަމަށް ދޭހަވާ މޭރުމުން މިނިސްޓްރީން ވާހަކަ ދައްކާފައި އެބަ ހުއްޓެވެ.

ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން މިހާ ބޮޑަށް ޒާތީވެގެން އެއްބަޔަކު އަނެއް ބަޔަކަށް މަސައްކަތްކުރަމުންދާއިރު ދެން އޮތީ މާލޭގެ މަގުތަކުގެ މައްސަލަ އެވެ. ހަލާކުވެ އެތައް ޒަމާނެއްވެފައިވާ މަގުތަކުގައި ހިނގާބިނގާވެ ދުއްވަން އުނދަގޫވެފައި ވާތީ އެ ޝަކުވާކޮށްކޮށް ރައްޔިތުންގެ އަރުބޮޑުން ހިތިރަހަލުން ފިޔަވައި އިތުރު ކަމެއް ނުވެ އެވެ.

މަގުތަކުގެ މައްސަލަ މިހާރުގެ ކައުންސިލުން ބުނާ ގޮތުގައި ހުއްޓިފައި އޮތީ ބަޖެޓް ހިފަހައްޓައިގެންނެވެ. އެކަމަކު އެ ބަޖެޓް ހިފަހައްޓާފައި ވަނީ ކައުންސިލުން ވެސް ފިނޭންސަށް ދޭން ޖެހޭ މައުލޫމާތުތަކެއް ނުދީގެން ކަމަށް އެނގިފައިވެ އެވެ. އެކަމަކު ފަހަރަކު ވަކި ތަނެއް ބަދުނާމުކޮށްލާ ކުރިއަށް ޖެހިލުމަށް ކޮންމެ ބަޔަކު ވެސް މަސައްކަތްކުރާތަން ފެންނައިރު މި ތަންތަނަށް ރައްޔިތުން ކުރާ އިތުބާރު ކުޑަ އެވެ.

އެއްބަޔަކު އަނެއް ބަޔަކުކުރާ މި ޖެއްސުންތަކުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެނީ އާންމުންނަށެވެ. ސަރުކާރާއި މާލޭ ސިޓީ ކައުންސިލުގެ ހިޔާލު ތަފާތުވުންތައް ބޮޑުކަމުން ސަރުކާރުގެ މި ދައުރު ނިމެންދެން ވެސް މާލޭ މީހުންނަށް ކައުންސިލުން ކަމެއް ކޮށްދެވޭނެތޯ ސުވާލު އުފެދެ އެވެ. މީގެ ކުރިން ފެނުނު މަންޒަރުތަކުން ބުރަވެވެނީ މިކޯޅުންތައް ކޮޅެއްގައި ނުޖެހި، އެއް ބަޔަކަށް ވެސް މީގެ ފައިދާއެއް ލިބި ނިމިގެންދާ ތަނެވެ.