Roadha Mihaaru
މުއިއްޒު އުޅުއްވަނީ ޒިންމާއިން ރެކެން: އަކްރަމް

މުއިއްޒު އުޅުއްވަނީ ޒިންމާއިން ރެކެން، ގަރާޖުތައް ބަދަލުކުރުން ނުހުއްޓުވަން: އަކްރަމް

11 ނޮވެމްބަރ 2022

އިންޑަސްޓްރިއަލް ވިލެޖަށް ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން އުޅުމުން ޕްލޭނިން މިނިސްޓްރީން އެ ބިން އަތުލައި މަސައްކަތް ހުއްޓުވީ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏަސް އެއީ އެކަން ހިނގި ގޮތް ނޫން ކަމަށާއި މޭޔަރު އުޅުއްވަނީ ޒިންމާއިން ރެކެން ކަމަށް ނެޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އިންޑަސްޓްރިއަލް ވިލެޖަށް ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން އުޅުމުން ޕްލޭނިން މިނިސްޓްރީން އެ ބިން އަތުލައި މަސައްކަތް ހުއްޓުވީ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏަސް އެއީ އެކަން ހިނގި ގޮތް ނޫން ކަމަށާއި މޭޔަރު އުޅުއްވަނީ ޒިންމާއިން ރެކެން ކަމަށް ނެޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ހުއްދަ ނެތި ހިންގަމުން ދިޔަ، އަދި މީގެ ކުރިން ވެސް ދެ ފަހަރަށް އަލިފާނުގެ ހާދިސާ ހިނގާފައިވާ ގަރާޖެއްގައި ރޯވެ އެތަނުގެ މަތީގައި ހުރި މީހުން ދިރިއުޅޭ ބައިތަކަށް އަލިފާންގަނޑު ފެތުރި 10 ބިދޭސީއަކު މަރުވި ހާދިސާއަށް ފަހު ކައުންސިން ބުނެފައިވަނީ ގަރާޖު ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް، ޕްލޭނިން މިނިސްޓްރީން ހުއްޓުވީ ކަމަށެވެ. އަދި އެ ސަރަހައްދު އަތުލައި ބްރިޖުގެ މަސައްކަތަށް ދިނީ ކަމަށާއި ބިދޭސީން ދިރިއުޅޭ ތަންތަނާ ބެހޭ ސާވޭއެއް ހަދައި ކަމާބެހޭ މިނިސްޓްރީތަކަށް ހުށަހެޅުމުން ވެސް އަޅާނުލީ ކަމަށެވެ.

އަކްރަމް ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖް އަތުލީ ކަމަށް ބުނާއިރު އެއީ އެއްވެސް އިރަކު ކައުންސިލްގެ ތަނެއް ނޫން ކަމަށެވެ. އެތަނަށް ގަރާޖުތައް ބަދަލުކުރަން އުޅުނު ކަމަށް ބުނާއިރު އެއީ ކައުންސިލްގެ ބިމެއް ނޫން ކަމަށާއި ގަރާޖްތާއި ވޯކްޝޮޕްތައް ބަދަލުކުރަން ސަރުކާރުން ނިންމާފައި އޮތީ ތިލަފުއްޓަށް ކަމަށް އަކްރަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖަށް އެ ތަންތަން ބަދަލުކުރެވެން ނެތް ސަބަބު އާ ކައުންސިލް އިންތިހާބުކުރުމާ އެކު ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި އޮޅުންފިލުވައި ދެއްވި ކަމަށެވެ. އަކްރަމް ވިދާޅުވީ ބްރިޖްގެ މަސައްކަތް ކުރާނެ ވާހަކަ އާއި ތިލަފުއްޓަށް ގަރާޖްތައް ބަދަލުކުރާނެ ވާހަކަ މުއިއްޒަށް ދެންނެވި ކަމަށެވެ.

އަޅުގަނޑުމެން [އިންޑަސްޓްރިއަލް ވިލެޖް] އަތުލީއޭ އެ ވިދާޅުވަނީ ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑުމެން ނުއެއް ދެން އެ ބިމެއް. އެއީ ތެދު ވާހަކައެއް: އަކްރަމް

އަކްރަމް ވިދާޅުވީ ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން ފެށިޔަސް އެކަމަށް އަދި ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށާއި އޭގެ ކުރިން ސިޓީ ކައުންސިލުން ކުރަންވީ ކަމަކީ ކައުންސިލްގެ ޒިންމާ އަދާކޮށް ގަރާޖްތަކާއި ވޯކްޝޮޕްތައް ގަވައިދާ އެއްގޮތަށް ހިންގާތޯ ބެލުން ކަމަށެވެ.

"މުއިއްޒު އުޅުއްވަނީ ކަމުން ރެކިވަޑައިގަންނަވަން. އެ ބޭފުޅާގެ ޒިންމާއެއް ފުރަތަމަ އެއީ މި ކަންތައްތައް ބެލެެހެއްޓުން. އިންނާނެ ބިލްޑިން ކޯޑުގެ ގަވައިދާއި ހުރިހާ ކަމެއް ހިންގުން ހަވާލުކޮށްފައި. އެހެންވެ އެ ބޭފުުޅުން ބައްލަވަން ޖެހޭނެ ވޯކްޝޮޕެއް ހިންގަނީ ރަނގަޅަށްތޯ، ހުއްދަ ނަގައިގެންތޯ ނުނަގާތޯ،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ވޯކްޝޮޕް ހަދާ އިމާރާތެއްގެ މަތީގައި ކުރަނީ ކޮން ކަމެއްތޯ އެއީ ހުއްދަ ނަގައިގެން ކުރާ ކަމެއްތޯ ބެލުން އެއީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ.

އަލިފާން ރޯވި ތަނުގައި ފަޔަ އެންޑް ރެސްކިއުގެ ޓީމުތައް އަލިފާން ނިއްވުމާއި މީހުން ހޯދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އަލިފާން ރޯވި ތަނުގައި ފަޔަ އެންޑް ރެސްކިއުގެ ޓީމުތައް އަލިފާން ނިއްވުމާއި މީހުން ހޯދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

"އެ ބޭފުުޅުންގެ އެބަ އުޅޭ ބައިވަރު ބްލޮކް އޭޖެންޓުންތައް. އަޅުގަނޑަށް ހީވަނީ 200 އެއްހާ މީހުން އެބަ އުޅޭހެން އެކަމަށް މުސާރަ ދީފައި. އަނެއްކާ ބޮޑެތި ކޮންސަލްޓަންޓުން އެބަ ތިއްބެވި. އެ ބޭފުޅުން ހަރަދު އެ ކުރައްވަނީ މުޅިން އެހެން ކަމަކަށް."

އަކްރަމް ވިދާޅުވީ ގަރާޖެއް ހިންގަނީ ގަވައިދާ ހިލާފަށް ކަމަށް ވިޔަސް ނުވަތަ ހުއްދަ ނުނަގާ ކަމަށް ވިޔަސް އެތަނެއް ވަގުތުން ބަންދުކުރުމަކީ ސިޓީ ކައުންސިލަށް އޮންނަ ބާރެއް ކަމަށެވެ.

އަކްރަމް ވިދާޅުވީ މި ސަރުކާރާ ހަވާލުވިއިރު އިންޑަސްޓްރިއަލް ވިލެޖަށް ވޯކްޝޮޕްތައް ބަދަލުކުރަން ދިހަ ވަރަކަށް ބުރީގެ އަށެއްކަ އިމާރާތް އަޅަން ޕްލޭންކޮށްފައި އޮތް ކަމަށެވެ.

"އަޅުގަނޑުމެން ހަވާލުވެފައި ނިންމީ މިއީ އެކަށީގެންވާ ތަނެއް ނޫނޭ މިހާ ބޮޑެތި އިމާރާތްތަކެއް އަޅަން. ޖެހޭނީ ބިމުގައި ހުރި ސްޓްރެންގްތު ވެސް ބަލަން. މި ހުރިހާ ކަމެއް ކުރަން ވެސް ޖެހޭނޭ. އަނެއްކޮޅުން މިތަނަކީ މާލޭގައި މިހާރު ހުސްކޮށް އޮތް ބިންކޮޅުތަކުގެ ތެރެއިން އެންމެ ރަނގަޅަށް އޮތް ބިން. އެހެންވެ ހުސް ބިމެއްގައި އަނެއްކާ ތޮއްޖެހޭ ގޮތަށް ބޮޑެތި އިމާރާތްތަކެއް ނެގުން އެއީ ރަނގަޅު ކަމެއް ނޫނޭ،" އަކްރަމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި. -- ފޮޓޯ: މިހާރު

ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި. -- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ މިއީ ތިލަމާލެ ބްރިޖްގެ ލޭންޑިން ވެސް އަންނަ ހިސާބު ކަމަށް ވާތީ އެއީ ވޯކްޝޮޕްތައް ބަދަލުކުރަން އެންމެ ރަނގަޅު ތަން ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ ދެން މަސައްކަތްކުރީ މާލޭގައި ހިންގާ ގަރާޖުތައް ހުޅުމާލެއަށް ބަދަލުކުރަން ކަމަށާއި އެކަމަކު ހުުޅުމާލެއިން ބިން ހަމަނުޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ. އަކްރަމް ވިދާޅުވި ގޮތުގައި އޭރު ގާތްގަނޑަކަށް 130 ގަރާޖް މާލޭގައި ހިންގި ކަމަށާއި އެ ތަންތަނަށް ހުޅުމާލޭން ބިން ނުލިބުނީ ކަމަށެވެ.

ސަރުކާރުން ދެން ނިންމީ ވީހާވެސް ބޮޑަށް މާލެއާ ދުރަށް ގަރާޖްތަކާއި ވޯކްޝޮޕްތައް ގެންދަން ކަމަށާއި ބްރިޖް އެޅީމާ ތިލަފުއްޓަށް ދާކަށް އުނދަގުލެއް ނުވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އެހެންވެ އެގޮތަށް އަޅުގަނޑުމެން ނިންމާފައި މި އޮތީ. ބްރިޖް އެޅުނުހާ އަވަހަކަށް ތިލަފުއްޓަށް ވޯކްޝޮޕްތައް ބަދަލުކުރުމަށް."

އިންޑަސްޓްރިއަލް ވިލެޖް މިނިސްޓްރީން އަތުލީ ކަމަށް ބުނާތީ އެކަމަށް ރައްދު ދެއްވައި އަކްރަމް ވިދާޅުވީ އެއީ އެއްވެސް އިރަކު ސިޓީކައުންސިލްގެ ބިމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އަތެއްނުލަން. އެއީ ދީފައި އޮތް ބިމެއް ނޫން ސިޓީކައުންސިލަކަށް. 2019 ވަނަ އަަހަރު ލާމަރުކަޒީ ގާނޫނާ ގުޅިގެން އަޅުގަނޑުމެން އެ އަހަރު ވަކި ބިންތަކެއް ސިޓީ ކައުންސިލަށް ދިނިން. މިހާރު ވެސް ދީފައި އޮންނާނެ ވަކި ބިމެއް. ލާމަރުކަޒީ ގާނޫނުގެ ދަށުން ލޭންޑް ޔޫސް ޕްލޭން ހެދީމާ، އެ ފާސްކުރީމާ އެ ބޭފުޅުންގެ ބިންތަކަކަށް ވާނީ. ނުކުރާހާ ހިނދަކު އެއީ ސަރުކާރުގެ ބިންތަކެއް،" އަދިވެސް މާލޭގެ ލޭންޑް ޔޫސް ޕްލޭން ފާސް ނުކުރާކަން ފާހަގަކުރައްވަމުން އަކްރަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަތުލީއޭ އެ ވިދާޅުވަނީ ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑުމެން ނުއެއް ދެން އެ ބިމެއް. އެއީ ތެދު ވާހަކައެއް."

ގަރާޖުތަކާއި ވޯކްޝޮޕްތައް މާލެއިން ބޭރުކުރުމުގެ ވާހަކަ އަބަދުވެސް ދައްކަ އެވެ. ނުރައްކާތެރި ކޮންމެ ހާދިސައަކާ އެކު ކޮންމެ ފަހަރަކު އެ ވާހަކަ ދެކެވުމަށް ފަހު ނަތީޖާ ނުނެރެވި ހުއްޓެނީ އެވެ. އިއްޔެ ރޭގެ ހާދިސާއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓާކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށާއި މާލޭގައި ހުރި ވޯކްޝޮޕާއި ގަރާޖު ފަދަ ތަންތަން އަވަސް ގޮތެއްގައި އެހެން ތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް އެކުލަވާލުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފަ އެވެ.