ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރާއި އާރްޑީސީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
31 އޯގަސްޓް 2022
ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރާއި އާރްޑީސީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
އަމީނީމަގުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތަށް ފަހު، ޓުވިޓާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލަކީ އަބަދުވެސް ތަރައްގީއަށް ވަރަށް ބޮޑަށް ތާއީދުކުރާ، ތަރައްގީގެ ފިކުރުގެ ބައެއް ކަމަށެވެ. އެހެންވެ، އެ މަޝްރޫއުއަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށް ޔަގީންކަން ދެއްވި އެވެ.
"އެހެންވީމަ، ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، އަދި އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބައެއް ފަހަރު ކަންކަން ނުވިކަމުގައި ވިޔަސް، މާލޭގެ ރައްޔިތުންނަށް، މާލޭ ސިޓީގެ ތަރައްގީއަށް ކަންތައްތަކެއް ކުރެވެމުން ދާ ނަމަ، އެކަމުގައި އުފަލާ އެކީގައި ދެވެން އޮތް ފުރިހަމަ އެއްބާރުލުމެއް ދޭނަން،" އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އަމީނީ މަގު ހެދުމުގެ މަޝްރޫޢު ފަށަން ބޭއްވުނު ރަސްމިއްޔާތަށްފަހު ދެއްވި އިންޓަވިއު pic.twitter.com/zYPHQvuwUu
— Male' City Council (@MaleCitymv) August 30, 2022
އަމީނީމަގު ހެދުމުގެ މަޝްރޫއު ސަރުކާރުން އާރްޑީސީއާ ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމުގެ ތުހުމަތުކޮށް، ސިޓީ ކައުންސިލުން ވަނީ މިދިޔަ މަހު އޭސީސީ އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި އަދި އޭސީސީން ވަކި ގޮތެއް ނުނިންމަ އެވެ.
އަމީނީމަގު ހަދަން ޕްލޭނިން މިނިސްޓްރީން، އާރްޑީސީއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން އޭރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. އެ ކައުންސިލުން ބުނީ އެއީ މާލޭގެ މަގުތައް ހެދުމަށް އެ ކައުންސިލުން ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން އާރްޑީސީއާ ކުރިން ވެސް ހަވާލުކޮށްފައި އޮތް މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ހުއްޓުނީ ސަރުކާރުން ބަޖެޓު ނުދީގެން ކަމަށް ވެސް ބުންޏެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް އާރުޑީސީއާ ހަވާލުކޮށްގެން މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދަށުން މާލޭގެ 13 ސެގްމަންޓެއްގައި މަގެއް ހެދުމުގެ މަޝްރޫއެއް ހިންގަމުން ދަނިކޮށް، އަމީނީ މަގުގެ މަސައްކަތް ވަކިން އާރުޑީސީއާ ހަވާލުކުރުމުން އޮޅުންތަކެއް އެރި ކަމަށެވެ.
އެ އޮޅުންތަކެއް އަރަން މެދުވެރި ސަބަބަކީ، މާލޭގެ 13 ސެގްމަންޓެއްގައި މަގު ހެދުމުގެ މަޝްރޫއެއް ހިންގަމުން ދަނިކޮށް، އަދި އެ މަޝްރޫއަށް އަމީނީމަގު އިތުރުކުރުމުގެ ވާހަކަތައް ވެސް ކޮންމެވެސް ވަރަކަށް ދެކެވިފައިވަނިކޮށް، އެ މަގުގެ މަސައްކަތް ވަކިން އާރުޑީސީއާ މިނިސްޓްރީން ހަވާލުކުރުން ކަމަށް އަކްރަމް ވިދާޅުވި އެވެ.
"އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ މަސައްކަތްތަކާ ގުޅޭ މަޝްރޫއުތައް އެންމެ ގިނަ އަދަދަކަށް ހިންގާ ކުންފުނި ކަމަށް ވާތީ. އަދި އާރްޑީސީގައި މި ބާވަތުގެ މަސްކަތްތަކާ ގުޅޭ ފަންނީ ތަޖުރިބާކާރު މުވައްޒަފުން ވަރަށް ގިނަ،" އޭނާ ވިދާޅުވި އެވެ.
އަމީނީމަގުގައި ތާރުއެޅުމަށް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރީ މިދިޔަ މަހު ތިނެއްގަ އެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށް، 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން މިހާރު ބާކީ އޮތީ ހަތް މަސް ދުވަހެވެ.
އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގައި ތާރުއަޅައި، ފެންހިންދާ ނިޒާމެއް ގާއިމްކުރާނެ އެވެ.
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
ބަދަލެއް ނުގެންނާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
އަމީނީމަގުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދޭ: އޭސީސީ
ތާރުއަޅައިގެން އަމީނީމަގު ހެދުމުގެ މަސައްކަތް ފަށައިފި
މަޝްރޫއު އަތުލުމާ އެމްޑީޕީގެ ކައުންސިލަރުން ވެސް ދެކޮޅު
މަގު ހެދުމުގެ މަޝްރޫއު އަތުލީ ގާނޫނާ ޚިލާފަށް:މުއިއްޒު
އަމީނީމަގުގެ ބާކީ ބައި ނިންމަވާނީ މުއިއްޒު: އަކްރަމް
ޣިޔާސުއްދީނާ ހަމައަށް ތާރު އަޅައި ނިންމަނީ
ފެންހިންދުން ލަސްވެ ގެއްލުންވުމުން ޝަކުވާ ބޮޑުވެއްޖެ
އަމީނީ މަގުގައި ތާރު އެޅި ސަރަހައްދު ހުޅުވާލައިފި