Roadha Mihaaru
ގުރައިދޫ މަރުކަޒަށް ދެ ސައިކޭޓްރިސްޓް ހޯދަނީ

ގުރައިދޫ މަރުކަޒަށް ޖޫންގެ ކުރިން ދެ ސައިކޭޓްރިސްޓުް ހޯދަނީ

21 މާޗް 2022

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަންނަ ޖޫން މަހުގެ ކުރިން ދެ ސައިކޭޓްރިސްޓުން ގެންނާނެ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަންނަ ޖޫން މަހުގެ ކުރިން ދެ ސައިކޭޓްރިސްޓުން ގެންނާނެ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ގުރައިދޫ މަރުކަޒުގެ ހާލަތާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު ޖެންޑާ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބް ވިދާޅުވީ އެ މަރުކަޒުގައި މިދިޔަ ނުވަ އަހަރުގެ ތެރޭގައި ސައިކޭޓްރިސްޓެއް ނެތް ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ އެޗްއާރުސީއެމުން މައުލޫމާތު ދިން ގޮތުން، ފުށުއެރުންތަކެއް އުޅޭތީ ކަމަށެވެ.

ޝިހާބް ވިދާޅުވީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެ މަރުކަޒުގައި ސައިކޭޓްރިސްޓެއް ހުރި ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އެޗްއާރުސީއެމުން 2013 ގައި އެ މަރުކަޒަށް ދިޔައިރު އެތަނުގައި ސައިކޭޓްރިސްޓެއް ނެތް. އެ ކޮމިޝަނުން 2021 ގައި ދިޔައިރު ވެސް ނެތް. އެ މައުލޫމާތު ރަނގަޅު. އެކަމަކު، އެ ދެމެދުގައިވީ މުއްދަތުގައި މަރުކަޒުގައި ސައިކޭޓްރިސްޓެއް ހުރި،" އޭނާ ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒައުފިޝާން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެ މަރުކަޒުގައި ހުރި ސައިކޭޓްރިސްޓް ކެނޑިގެން ދިޔައީ 2020 ގައި ކޮވިޑްގެ ހާލަތު ގޯސްވި ދުވަސްވަރުގައި ކަމަށެވެ. އެކަމަކު އޭގެ ފަހުން ސައިކޭޓްރިސްޓެއް ނެތް ނަމަވެސް، އައިޖީއެމްއެޗުގެ ޑޮކްޓަރުން މަރުކަޒަށް ގެންގޮސްގެން ދެ ފަހަރެއްގެ މަތިން ޗެކަޕްތައް ހަދާފައިވާ ކަމަށެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ސައިކޭޓްރިސްޓެއް ހޯދަން ދަތިވެފައި ވިޔަސް، ހެލްތު މިނިސްޓްރީއާ ގުޅިގެން މިހާރު އެ މަރުކަޒަށް ދެ ސައިކޭޓްރިސްޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޖޫންގެ ކުރިން އެ މަގާމަށް މީހުން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާމަނަންޓް ސެކްރެޓަރީ ޒައުފިޝާން އަބްދުﷲ ކަމާލުއްދީން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާމަނަންޓް ސެކްރެޓަރީ ޒައުފިޝާން އަބްދުﷲ ކަމާލުއްދީން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިތުރު މުވައްޒަފުން ވެސް ނަގަނީ

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ގުރައިދޫ މަރުކަޒަށް ބޭނުންވާ މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ވެސް 2019 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އެ މަރުކަޒުގައި 2020 ވަނަ އަހަރު ފެށުނުއިރު، ހުރީ އެންމެ ނަރުހެއް ކަމަށާއި އެކަމަކު މިހާ ހިސާބަށް އައިރު، އެ އަދަދު ހަތަކަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ކެއާވޯކަރުން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

"ކުރިން ކެއާ ވޯކަރުން ނަގަނީ ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއިން ސަޕޯޓް ސްޓާފުންގެ ގޮތުގައި. އެކަމަކު މިހާރު އަޅުގަނޑުމެން އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެތަނުގައި ތިބި ބަލި މީހުން ބެލޭވަރަށް ތަމްރީނުކުރެވޭނެ މީހުން ނަގަން ވަނީ ނިންމައިފައި،" ޒައުފިޝާން ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓްގައި އެ މަރުކަޒަށް ހާއްސަ މުޅިން އާ، އާންމު ހިދުމަތުގެ ނުވަ މަގާމެއް ހިމަނަފާއިވާނެ ކަމަށާއި އެ މަގާމުތަކަށް ނަގާ މީހުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގަން ވެސް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑިރެކްޓާ އޮފް ކުއަލިޓީ އެޝިއުރަންސް އެންޑް މެނޭޖްމަންޓް އޮފް ސްޓޭޓް ކެއާ އިންސްޓިޓިއުޝަންސް އައިޝަތު ނާޒް ވިދާޅުވީ، ކޮވިޑްގެ ހަލާތު އެންމެ ގޯސްވި ދުވަސްވަރު ވެސް އެ މިނިސްޓްރީން ވަނީ ސައިކޭޓްރިސްޓަކު ހޯދުމަށް ހެލްތު މިނިސްޓްރީއާ އެކު ވަރަށް ގިނަ މަޝްވަރާތައް ކޮށްފައި ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓާ އޮފް ކުއަލިޓީ އެޝިއުރަންސް އެންޑް މެނޭޖްމަންޓް އޮފް ސްޓޭޓް ކެއާ އިންސްޓިޓިއުޝަންސް އައިޝަތު ނާޒް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓާ އޮފް ކުއަލިޓީ އެޝިއުރަންސް އެންޑް މެނޭޖްމަންޓް އޮފް ސްޓޭޓް ކެއާ އިންސްޓިޓިއުޝަންސް އައިޝަތު ނާޒް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ބައެއް ބޭފުޅުންގެ ސީވީތައް ވެސް ލިބި އަމަލީ ސިފައެއްގައި މަސައްކަތް ކުރެވުނު. އެކަމަކު ކޮވިޑާއެކު ގައުމުގެ ހާލަތު އޮތް ގޮތުން އަޅުގަނޑުމެންނަށް ސައިކޭޓްރިސްޓް ނުގެނެވުނީ،" ނާޒް ވިދާޅުވި އެވެ.

ނާޒް ވިދާޅުވި ގޮތުގައި، އެޗްއާރްސީއެމުން އެންމެފަހުން ކުރި ޒިޔާރަތުގައި މަރުކަޒުގައި ރަނގަޅު ކުރަން ޖެހޭ ކަންކަމުގެ 30 ރިކޮމެންޑޭޝަނެއް ހުށަހެޅި ކަމަށާއި އެ ހުރިހާ ކަމަށް ވެސް މިހާރު އަމަލުކުރަން ފެށިފައިވާ ކަމަށެވެ. އޭގެ ތެރެއިން އަދި ހައްލު ނުވެ އޮތް ހަތް ކަމެއް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ އެހީ ކޮންމެހެން ބޭނުންވާ މީހުންނަށް އެ ހައްގު ކަށަވަރުކޮށްދިނުމަށް 1976 ގައި ހުޅުވި ގުރައިދޫ މަރުކަޒު މިހާރު ވެފައި ވަނީ އާއިލާތަކުން ބަލަން މަސައްކަތަކަށްވެ އުމުރުން ދުވަސްވީ މީހުން ގެންގޮސް ލާ ތަނަކަށެވެ. އެ މަރުކަޒު ނަފުސާނީ ބަލި މީހުންނަށް ހާއްސަކުރިޔަސް، އެތަނުގައި ތިބީ އެ ބަލިތަކުގެ މީހުން އެކަންޏެއް ނޫނެވެ. ރަނގަޅުވެފައި ތިބި މީހުންނާއި އެއްވެސް ބައްޔެއް ނެތަސް އެތަނަށް ގެންދާ ހާލަތު ގަދަކަމުން ކުރިމަތިކުރުވި މީހުން ވެސް ހިމެނެ އެވެ.

އެ މަރުކަޒުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެތަން ހުޅުވި ފަހުން ގެންދިޔަ ދޮށީ އުމުރުގެ މީހުންގެ ތެރެއިން މަދު މީހަކު ފިޔަވައި، މަރާ ހަމަ އަށް އާއިލާތައް ފެނުމުގެ ނަސީބެއް ނުލިބެ އެވެ. އަދި ނަފްސާނީ ބަލީގައި ފަރުވާކުރަން ގެންދާ މީހުންގެ ތެރެއިން، ރަނގަޅުވާ މީހުންނާ ވެސް ހަވާލެއް ނުވެ އެވެ.

އެ މަރުކަޒުގެ ކެޕޭސިޓީ އަށް ވުރެ ވެސް އިތުރަށް މިހާރު އެތަނުގައި މީހުން ވެސް އެބަ ތިއްބެވެ. ޖުމްލަ 160 މީހުންގެ ޖާގައިގެ އެތަނުގައި މި ވަގުތު 193 މީހަކު ބަލަހައްޓަ އެވެ.