Roadha Mihaaru
އަދިވެސް އެ ރުއިމުގެ އަޑު؛ އާދޭސްތައް!

އަދިވެސް އެ ރުއިމުގެ އަޑު؛ އާދޭސްތައް!

16 އެޕްރީލް 2022

ގުރައިދޫ މަރުކަޒުގައި ފިރިހެނަކު ރޮމުން ދެކޮޅަށް ހިނގާތަން ފެނުނެވެ. އޭނާ ރޮމުން ކިޔަނީ "ރަށަށް ދާން ބޭނުމޭ" އެވެ. އޭނާ އެ ރޮނީ ކީއްވެތޯ އެތަނުގެ މުވައްޒަފުން ގާތުގައި އެހެމުން ބުނީ އެއީ އަހަރެމެން އެތަނަށް ދިއުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެ މަރުކަޒަށް ގެންދިޔަ މީހެއް ކަމަށެވެ. ނަފުސާނީ މައްސަލަތަކެއް ވެސް ހުންނަ އެ މީހާ ބެލެން ނެތް ކަމަށް ބުނެ އާއިލާ އިން އޭނާ މަރުކަޒާ ހަވާލުކުރީ އެވެ. އެތަނަށް ގެންދިޔަ ފަހުން އޭނާ ރަށަށް ފޮނުވަން އަބަދުވެސް އާދޭސްކޮށް، ރޮއެ ހަދަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަރުކަޒުގެ މުވައްޒަފުން އެ މީހާ ގޮވައިގެން، އެތަނުގައި ފިރިހެނުން ތިބޭ ވޯޑާ ދިމާލަށް ހިނގައިގަތުމުން، އަހަރެމެން ވެސް އެ މީހުންގެ ފަހަތުން ދިޔައީމެވެ. އެ ވޯޑުގެ ބޭރުގައި ހުރި ޖޯލިފައްޗެއްގައި އެކަކު ނިދާފައި އޮތެވެ. ހޭލައި އިން މީހަކު ވެސް ޖޯލީގައި އޮތް އިރު، އެހެން މީހަކު އެ ޖޯލި ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެ އިނެވެ. އަހަރެން ގޮސް އިށީނީ އެ މީހުންގެ މެދުގައި ޖޯލީގަ އެވެ.

ގުރައިދޫ މަރުކަޒުގައި ރޮމުން ދެކޮޅަށް ހިނގި މީހާ އެ މަރުކަޒުގައި ފިރިހެނުން ތިބޭ ވޯޑާ ދިމާލަށް ދަނީ: އެ މަރުކަޒުން ހިތާމަވެރި ވާހަކައެއް ނޫނީ ނީވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގުރައިދޫ މަރުކަޒުގައި ރޮމުން ދެކޮޅަށް ހިނގި މީހާ އެ މަރުކަޒުގައި ފިރިހެނުން ތިބޭ ވޯޑާ ދިމާލަށް ދަނީ: އެ މަރުކަޒުން ހިތާމަވެރި ވާހަކައެއް ނޫނީ ނީވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އޭނާ މިތަނަށް އައިފަހުން އެހެން އެ އުޅެނީ. އާކޮޅު ވީމާ ކަންނޭނގެ،" އެ ޖޯލީގައި ހޭލައި އިން މީހާ ބުންޏެވެ.

ކަޅު ގަމީހަކާއި ވިލުނޫ ކުލައިގެ މުންޑެއް އަނދެގެން އިން އަހުމަދު އިސްމާއިލް ފުރަތަމަ ވެސް ކިޔައިދިނީ ރޯން ހުރި މީހާގެ ވާހަކަތަކެވެ. އެ މީހާ އެތަނަށް ގެނައި ސަބަބުތަކެވެ. އިސްމާއިލް ބުނާ ގޮތުން، އެތަނަށް ގެންދާ ގިނަ މީހުން ފުރަތަމަ ދުވަސްކޮޅު އުޅެނީ ހަމަ އެހެންނެވެ. އޭނާ އެހެން ބުނީ، އެ މަރުކަޒުގައި އޭނާ އިންނަތާ މިވީ 10 ވަރަކަށް އަހަރުގެ ތެރޭގައި އެ މަންޒަރު ފެނިފައި ހުރީމަ އެވެ.

އެކަމަކު، އުމުރުން މިހާރު 68 އަހަރު ގުނަމުން އަންނަ އިސްމާއިލް، އެ މަރުކަޒުގައި އެހާ ގިނަ ދުވަހު އިންނަން ޖެހުނު ސަބަބެއް އޭނާ ނުބުންޏެވެ. ފަހަރެއްގައި އާއިލާ އާއި ދަރިން ގޯސްކޮށްފައި އެއްޗެއް ބުނަން އޭނާ ޖެހިލުންވަނީ ކަމަށް ވެސް ވެދާނެ އެވެ. ދެތިން ފަހަރަކު އެހުމުން ބުނީ އޭނާގެ އެއްބަނޑު ދެ މީހަކާއި ދެ ކުދިން ވެސް ތިބޭ ކަމަށެވެ.

އެހެންވެ، އެމީހުން ކޮބައިތޯ އެހީމެވެ.

ގުރައިދޫ މަރުކަޒުގައި ހުންނަ އުމުރުން ދުވަސްވީ ފިރިހެނުންގެ ވޯޑު ކުރިމަތީގައި ހުރި ޖޯލީގައި ތިބަ މީހުންނާއި "މިހާރު"ގެ ނޫސްވެރިން ވާހަކަދައްކަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގުރައިދޫ މަރުކަޒުގައި ހުންނަ އުމުރުން ދުވަސްވީ ފިރިހެނުންގެ ވޯޑު ކުރިމަތީގައި ހުރި ޖޯލީގައި ތިބަ މީހުންނާއި "މިހާރު"ގެ ނޫސްވެރިން ވާހަކަދައްކަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މީހުން ކައިރިއަށް ދިޔަޔަސް ކިހިނެއް އުޅޭނީ؟ އުޅޭނެ ތަނެއް ނެތް. މިތާ މީހުން ގޯހެއް ނޫން، އެހެންވީމަ މިތާ މަ މީނީ."

"އެއްބަނޑު މީހުން އުޅެނީ ރަށުގައި. ދެ ކުދިން މީހުންނާ އިނދެގެން މާލޭގައި އުޅެނީ،" އޭނާ ބުންޏެވެ.

"އެ މީހުން ގުޅައި، ހާލު ބަލާ. ގޯހެއް ނޫން. އެކަމަކު، އެ މީހުން ކައިރިއަށް ނުދެވޭތީ ދެރަވަނީ."

"އެމީހުން ކައިރިއަށް ދިޔަސް ކިހިނެއް އުޅޭނީ؟ އުޅޭނެ ތަނެއް ނެތް. މިތާ މީހުން ގޯހެއް ނޫން، އެހެންވީމަ މިތާ މަ މީނީ."

އަލުން ވެސް އެހެމުން އޭނާ އެތަނަށް ގެންދިޔަ ސަބަބެއް ނުބުންޏެވެ. އެކަމަކު ދަރިން ގާތުގައި އުޅެން ދާން އޭނާ ވަރަށް ބޭނުންވެ އެވެ. މަރުކަޒުގެ މުވައްޒަފުން ބުނި ގޮތުގައި، އިސްމާއިލް އަކީ ވެސް އޭނާގެ ބަލިހާލު ހުރި ގޮތުން، އާއިލާ އަށް ބެލެން ނެތް ކަމަށް ބުނެ އެތަނާ ހަވާލުކުރި މީހެކެވެ.

ގުރައިދޫ މަރުކަޒުގައި ހުންނަ އުމުރުން ދުވަސްވީ ފިރިހެނުންގެ ވޯޑުގެ ބޭރުން ނަގާފައިވާ އެތަނުގެ އެތެރެ ފެންނަ ފޮޓޯއެއް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގުރައިދޫ މަރުކަޒުގައި ހުންނަ އުމުރުން ދުވަސްވީ ފިރިހެނުންގެ ވޯޑުގެ ބޭރުން ނަގާފައިވާ އެތަނުގެ އެތެރެ ފެންނަ ފޮޓޯއެއް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިސްމާއިލްއާ ވާހަކަދައްކަން އިންދައި، އެ ޖޯލި ކައިރީގައި ގޮނޑީގައި އިން އާދަމް މުހައްމަދު އަހަންނަށް ގޮވި އެވެ. ކޮންތާކުން އައި ކުއްޖެއްތޯ އޭނާ އެހި އެވެ. އަހަރެން ދިޔައީ މާލެއިން ދޯއޭ ބުނެ، މާލޭގެ ގެއެއްގެ ނަން ކިޔައިފައި އެހީ، އޭނާގެ "ސޮރު" ދަންނަން ހެއްޔޭ އެވެ. މާލޭގައި އޭނާގެ އަމިއްލަ ގެ ހުރެޔޭ، އަދި އޭނާގެ އަންހެނުންނާއި ދަރިފުޅު ވެސް އުޅެނީ އެ ގޭގައި ކަމަށް ބުންޏެވެ.

"އެ މީހުންނަށް ނޭނގެނީ ކަންނޭނގެ އަހަރެން މިތާ ހުރި ކަން. އެނގޭ ނަމަ ގެންދާނެ."

އެހެންވިއްޔާ، 55 އަހަރުގެ އާދަމް އެ މަރުކަޒުގައި އިންނަން ޖެހުނީ ކީއްވެތޯ އެހެމުން، ބުނާނެ އެއްޗެއް ވެސް އޭނާ އަކަށް ނޭނގުނެވެ. ބުނީ ބަލިވީމަ ދެން އުޅެންޖެހޭނީ މިހެންތާއޭ އެވެ. އޭނާ އަކީ ކުރިން ބޯޓުދަތުރުކޮށް އުޅުނު މީހެކޭ ވެސް ބުންޏެވެ.

"އަހަރެންގެ ސޮރު ހަމަ ނޭނގެ؟" ނުދަންނަމޭ ބުނުމުން އާދަމް ތަކުރާރުކޮށް އަހަރެން ގާތު އެއްސެވެ.

"އެ މީހުންނަށް ނޭނގެނީ ކަންނޭނގެ އަހަރެން މިތާ ހުރި ކަން. އެނގޭ ނަމަ ގެންދާނެ."

ގުރައިދޫ މަރުކަޒުގައި ހުންނަ އުމުރުން ދުވަސްވީ ފިރިހެނުންގެ ވޯޑު ކުރިމަތީގައި ހުރި ޖޯލީގައި މީހަކު ނިދާފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގުރައިދޫ މަރުކަޒުގައި ހުންނަ އުމުރުން ދުވަސްވީ ފިރިހެނުންގެ ވޯޑު ކުރިމަތީގައި ހުރި ޖޯލީގައި މީހަކު ނިދާފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަހަރެން މާލެ ގޮސް، އެ ގެ ހޯދައި އޭނާގެ ދަރިފުޅާއި އަންހެނުން ގާތުގައި، އޭނާ އެތަނުގައި އިން ވާހަކަ ބުނެދެއްޗޭ ވެސް ބުންޏެވެ. އޭނާ ދަރިފުޅު ވަޒީފާ އަދާކުރާ މަޝްހޫރު ތަނެއްގެ ނަން ވެސް ކިޔައި، އޭނާ އަކީ އެތަނުގެ މަތީ މަގާމެއްގައި އުޅޭ މީހެކޭ ވެސް ބުންޏެވެ. ގެ ނުފެނިއްޖިއްޔާ އެތަނަށް ދާން އެދުނެވެ.

އާދަމްގެ ވާހަކަތަކުން އަހަންނަށް ވެސް ކުޑަކޮށް ޝައްކެއްވުމުން، އޭނާގެ ވާހަކަ ވެސް ހޯދަން ޖެހުނީ މަރުކަޒުގެ މުވައްޒަފުން ގާތު އަހައިގެންނެވެ. އެ މީހުން ބުނި ގޮތުގައި، އަމިއްލަ އަށް ހިނގައިފައި އުޅެން އުނދަގޫވާ އާދަމް އެތަނަށް ގެންދިޔައީ ހުޅުމާލެ ކޮވިޑް ފެސިލިޓީންނެވެ. އޭނާ އަށް ކޮވިޑް ޖެހިގެން އެ ފެސިލިޓީގައި ބާއްވައި، އެ ބައްޔަށް ފަރުވާދީ ރަނގަޅުވި ފަހުން އާއިލާއިން ހަވާލެއް ނުވި އެވެ.

އޭނާގެ އަމިއްލަ ކުއްޖަކު ނުވެސް ހުރެ އެވެ. އޭނާގެ "ސޮރު" ކަމަށް ބުނީ، އޭނާގެ އަންހެނުން ކުރިން އެހެން މީހަކާ އިނދެގެން ލިބިފައި ހުރި ކުއްޖަކަށެވެ. އޭނާ އާއިލާއާ ހަވާލުކުރަންވެގެން ޖެންޑާ މިނިސްޓްރީ އެ އާއިލާގެ ގާތުގައި އެކަމަށް އެދެން ދިއުމުން ވެސް އެ މީހުން އެކަމަށް ދެކޮޅު ހެދި އެވެ. އާދަމްގެ އަމިއްލަ ގެއިން އޭނާ އަށް ތަނެއް ނެތް ކަމަށް ބުންޏެވެ.

އެންމެ ފަހުން މިނިސްޓްރީ އަށް މަޖުބޫރުވެގެން އޭނާ މަރުކަޒަށް ގެންދިޔައީ އެވެ.

ގުރައިދޫ މަރުކަޒުން އެ ކަހަލަ ހިތްދަތި ވާހަކައެއް ނޫނީ ނީވެ އެވެ.

ހަނދާނަށް އަންނަނީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން މި ނޫހުގެ "މެދުސަފުހާ" އަށް ނެގި، ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ އިންޓަވިއު އެވެ. ޖީހާން އެ ދުވަހު ވިދާޅުވި ވާހަކައަކާ މެދުގައި އަދިވެސް ވިސްނެ އެވެ. އޭނާ ވިދާޅުވީ ކޮމެޓީއާ ހަވާލުވެވަޑައިގަތް، އެންމެ ފުރަތަމަ ވެސް ގުރައިދޫގައި މަރުކަޒަށް ޒިޔާރަތްކުރެއްވި ދުވަހު، އެނބުރި މާލެ އައިސް، އެ ރޭ ނިދަން ވެސް އުނދަގޫވެގެން އުޅެން ޖެހުނު ކަމަށެވެ.

އަހަރެމެން ގުރައިދޫ މަރުކަޒަށް ދިޔަފަހުން މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ؛ އަދިވެސް އެ ދުވަހު ފެނުނު މަންޒަރުތައް ލޯމަރާލުމުން ސިފަވެ އެވެ. އެ ދުވަހު އެތަނުގައި ތިބެ މީހުން ރޮއެ، ކުރި އާދޭސްތައް ހަނދާނުން ފިލައިގެން ނުދެ އެވެ.