Roadha Mihaaru
ގުރައިދޫ މަރުކަޒުގައި ސައިކޭޓްރިސްޓެއް ނެތްތާ 9 އަހަރު

ގުރައިދޫ މަރުކަޒުގައި ސައިކޭޓްރިސްޓެއް ނެތްތާ 9 އަހަރު!

20 މާޗް 2022

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ނަފުސާނީ ފަރުވާ ރަނގަޅަށް ނުދެވޭއިރު، އެ ފަރުވާ އަށް ހާއްސަ ޑޮކްޓަރެއް ނެތްތާ ވެސް ނުވަ އަހަރުވެފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ނަފުސާނީ ފަރުވާ ރަނގަޅަށް ނުދެވޭއިރު، އެ ފަރުވާ އަށް ހާއްސަ ޑޮކްޓަރެއް ނެތްތާ ވެސް ނުވަ އަހަރުވެފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެފި އެވެ.

އެޗްއާރްސީއެމުން ގުރައިދޫ މަރުކަޒަށް މި މަހު ކުރީކޮޅު ކުރި މޮނީޓަރިންގެ ޒިޔާރަތަށް ފަހު، އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަން ވަނީ މިދިޔަ ހަފުތާގައި ޖެންޑާ މިނިސްޓްރީ އާއި އެ މަރުކަޒުގެ އިސްވެރިންނާ ހިއްސާކޮށްފަ އެވެ. އެ ފަރާތްތަކާ ހިއްސާކުރި ބައެއް މައުލޫމާތުތައް މިދިޔަ ބުރާފަސްތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި އެ ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ.

އެ ނޫސްބަޔާނުގައި ބުނީ، އެ ކޮމިޝަނުން 2013 ވަނަ އަހަރު އެ މަރުކަޒަށް ކުރި ޒިޔާރަތަށް ފަހު، ނަފުސާނީ ފަރުވާ އަށް ހާއްސަ ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ހިދުމަތް އެތަނުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުށަހަޅާފައިވާނެ އެވެ. އެކަމަކު އޭގެ އަށް އަހަރު ފަހުން، މިދިޔަ އަހަރު އެ ކޮމިޝަނުން މަރުކަޒަށް ދިޔައިރު ވެސް ނަފުސާނީ ފަރުވާ އަށް ހާއްސަ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނެތް ކަމަށް ބުންޏެވެ.

ނަމަވެސް، މިދިޔަ އަހަރު އައިޖީއެމްއެޗްގައި ހުންނަ މެންޓަލް ހެލްތު ސެންޓަރުގެ ޓީމެއް އެ މަރުކަޒަށް ޒިޔާރަތްކޮށް، ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން 20 މީހަކު ބަލާފައިވާ ކަން މިދިޔަ މަހު ކުރި ޒިޔާރަތުން ފާހަގަވެފައިވާ ކަމަށް ބުންޏެވެ.

ގުރައިދޫ މަރުކަޒުގައި ފިރިހެނުންގެ ވޯޑްގައި ތިބޭ ބައެއް މީހުން: އެ މަރުކަޒުގެ ކެޕޭސިޓީ އަށް ވުރެ މީހުން ގިނަ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ގުރައިދޫ މަރުކަޒުގައި ފިރިހެނުންގެ ވޯޑްގައި ތިބޭ ބައެއް މީހުން: އެ މަރުކަޒުގެ ކެޕޭސިޓީ އަށް ވުރެ މީހުން ގިނަ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މެންޓަލް ހެލްތު ސެންޓަރުން މަހަކު އެއް ފަހަރު އެ މަރުކަޒަށް ޒިޔާރަތްކޮށް، އެތަނުގައި ތިބި ނަފުސާނީ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް އެ ކޮމިޝަނުން އެދުނެވެ. އެކަމަކު އެގޮތަށް އެކަން ކުރަން ދަތިވާނެ ކަމަށް އެ ސެންޓަރުން ބުނުމުން، ދެ މަހުން އެއް މަހު އެކަން ކޮށްދޭން އެދިފައި ވިޔަސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން އެ އިންތިޒާމު ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.

"އެހެންކަމުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ނަފުސާނީ ބަލީގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ މަރުކަޒުގައި ނަފުސާނީ ބަލީގެ ހާއްސަ ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުށަހަޅައި، މިކަން ކަމާބެހޭ އިދާރާގެ ސަމާލުކަމަށް ވަނީ ގެނެވިފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

އެ މައްސަލަ ހައްލުކުރުމަށް ރާއްޖެއިން ބޭރުން ނަފުސާނީ ބަލިތަކަށް ހާއްސަ ދެ ޑޮކްޓަރުން ގެންނަ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފާހަގަކުރެވުނު އިތުރު ބައެއް ކަންކަން

- ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ނުވަތަ ގަވާއިދެއް ނެތުން.

- މަރުކަޒުގެ ގޯތިތެރެ މޮނީޓާކުރުމަށް ސީސީޓީވީ ހަރުކޮށްފައި ވިޔަސް، ވޯޑުތަކުގެ އެތެރެ ފެންނަ ގޮތަށް ކެމެރާ ހަރުކޮށްފައި ނެތުމުން އެތަނުގެ މުވައްޒަފުންނާއި ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ.

- މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުނަށް މަސައްކަތާ ގުޅޭ ދާއިރާތަކުން ތަމްރީން ލިބިފައިނެތުން.

- މަރުކަޒުން ފަރުވާ ހޯދާ މީހުންނަށް ފައިދާހުރި ކާނާ ނުލިބުން.

- ފަރުވާ ހޯދާ މީހުންގެ އަދަދާ އަޅާބަލާއިރު، ކެއާ ވޯކަރުންގެ އަދަދު މަދުވުން.

ގުރައިދޫ މަރުކަޒުގެ އެންމެފަހުގެ ތަފާސްހިސާބުތައް.

ގުރައިދޫ މަރުކަޒުގެ އެންމެފަހުގެ ތަފާސްހިސާބުތައް.

އެޗްއާރުސީއެމުން ފާހަގަކޮށްފައިވާ ގޮތުގައި، ގުރައިދޫ މަރުކަޒުގެ ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް އަމަލީ ސިފައެއްގައި މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން އެ ކޮމިޝަނަށް އަންގާފައިވެ އެވެ.

ދައުލަތުގެ އެހީ ކޮންމެހެން ބޭނުންވާ މީހުންނަށް އެ ހައްގު ކަށަވަރުކޮށްދިނުމަށް 1970ގެ އަހަރުތަކުގައި ހުޅުވި ގުރައިދޫ މަރުކަޒު މިހާރު ވެފައި ވަނީ އާއިލާތަކުން ބަލަން މަސައްކަތަކަށްވެ އުމުރުން ދުވަސްވީ މީހުން ގެންގޮސް ލާ ތަނަކަށެވެ. އެ މަރުކަޒު ނަފުސާނީ ބަލި މީހުންނަށް ހާއްސަކުރިޔަސް، އެތަނުގައި ތިބީ އެ ބަލިތަކުގެ މީހުން އެކަންޏެއް ނޫނެވެ. ރަނގަޅުވެފައި ތިބި މީހުންނާއި އެއްވެސް ބައްޔެއް ނެތަސް އެތަނަށް ގެންދާ ހާލަތު ގަދަކަމުން ކުރިމަތިކުރުވި މީހުން ވެސް ހިމެނެ އެވެ.

އެ މަރުކަޒުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެތަން ހުޅުވި ފަހުން ގެންދިޔަ ދޮށީ އުމުރުގެ މީހުންގެ ތެރެއިން މަދު މީހަކު ފިޔަވައި، މަރާ ހަމައަށް އާއިލާތައް ފެނުމުގެ ނަސީބެއް ނުލިބެ އެވެ. ނަފްސާނީ ބަލީގައި ފަރުވާކުރަން ގެންދާ މީހުންގެ ތެރެއިން، ރަނގަޅުވާ މީހުންނާ ވެސް ހަވާލެއް ނުވެ އެވެ.

އެ މަރުކަޒުގެ ކެޕޭސިޓީ އަށް ވުރެ ވެސް އިތުރަށް މިހާރު އެތަނުގައި މީހުން ވެސް އެބަ ތިއްބެވެ. ޖުމްލަ 160 މީހުންގެ ޖާގައިގެ އެތަނުގައި މި ވަގުތު 193 މީހަކު ބަލަހައްޓަ އެވެ.