Roadha Mihaaru
ޖަޕާނު އެހީގައި ގުރައިދޫ މަރުކަޒުގެ ވޯޑު މަރާމާތުކޮށްފި

ޖަޕާން ސަރުކާރުގެ އެހީގައި ގުރައިދޫ މަރުކަޒުގެ ވޯޑު މަރާމާތުކޮށްފި

18 އޯގަސްޓް 2022

ޖަޕާން ސަރުކާރުގެ އެހީގައި ގުރައިދޫ މަރުކަޒުގެ ވޯޑު މަރާމާތުކޮށް، އެތަނަށް ބޭނުންވާ ވަސީލަތްތަކާ އެކު މިއަދު ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖަޕާން ސަރުކާރުގެ އެހީގައި ގުރައިދޫ މަރުކަޒުގެ ވޯޑު މަރާމާތުކޮށް، އެތަނަށް ބޭނުންވާ ވަސީލަތްތަކާ އެކު މިއަދު ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

އެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުން ދިން އެހީ ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްދެއްވީ، އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޓަކެއޫޗީ މިދޯރީ އެވެ. މިނިސްޓްރީގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގަތީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ.

އެ ވޯޑު މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ޖެނުއަރީ 9، 2020 ގަ އެވެ. އެ މަސައްކަތް ކުރުމަށް ޖަޕާނުން 1.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މަސައްކަތުގެ ސަބަބުން އެ މަރުކަޒުގައި ބަލަހައްޓަމުން އަންނަ މީހުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށެވެ.

"... މި މަރުކަޒުގެ މެޑިކަލް ވޯޑް މަރާމާތުކުރުމުން ޖާގައިގެ ތަނަވަސްކަން އިތުރުވެ، އިމަޖެންސީ ނުވަތަ ކުއްލި ހާލަތްތަކުގައި މަރުކަޒުގައި ދިރިއުޅޭ މީހުންނަށް އަވަސް ފަރުވާދެވޭ އިންތިޒާމު ފަހިވެގެންދާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ އެހީ ކޮންމެހެން ބޭނުންވާ މީހުންނަށް އެ ހައްގު ކަށަވަރުކޮށްދިނުމަށް 1976 ގައި ހުޅުވި ގުރައިދޫ މަރުކަޒު މިހާރު ވެފައި ވަނީ އާއިލާތަކުން ބަލަން މަސައްކަތަކަށްވެ އުމުރުން ދުވަސްވީ މީހުން ގެންގޮސް ލާ ތަނަކަށެވެ.

އެ މަރުކަޒު ނަފުސާނީ ބަލި މީހުންނަށް ހާއްސަކުރިޔަސް، އެތަނުގައި ތިބީ އެ ބަލިތަކުގެ މީހުން އެކަންޏެއް ނޫނެވެ. ރަނގަޅުވެފައި ތިބި މީހުންނާއި އެއްވެސް ބައްޔެއް ނެތަސް އެތަނަށް ގެންދާ ހާލަތު ގަދަކަމުން ކުރިމަތިކުރުވި މީހުން ވެސް ހިމެނެ އެވެ.

އެ މަރުކަޒުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެތަން ހުޅުވި ފަހުން ގެންދިޔަ ދޮށީ އުމުރުގެ މީހުންގެ ތެރެއިން މަދު މީހަކު ފިޔަވައި، މަރާ ހަމަ އަށް އާއިލާތައް ފެނުމުގެ ނަސީބެއް ނުލިބެ އެވެ. އަދި ނަފްސާނީ ބަލީގައި ފަރުވާކުރަން ގެންދާ މީހުންގެ ތެރެއިން، ރަނގަޅުވާ މީހުންނާ ވެސް ހަވާލެއް ނުވެ އެވެ.

އެ މަރުކަޒުގެ ކެޕޭސިޓީ އަށް ވުރެ ވެސް އިތުރަށް މިހާރު އެތަނުގައި މީހުން ވެސް އެބަ ތިއްބެވެ. ޖުމްލަ 160 މީހުންގެ ޖާގައިގެ އެތަނުގައި މި ވަގުތު 191 މީހަކު ބަލަހައްޓަ އެވެ.