23 މާޗް 2022
"ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު ނުއުފުލުނަސް ރޯދަ މަހެއް ނާންނާނެ މުދަލުގެ އަގު ބޮޑުކޮށްގެން ވިޔަފާރިވެރިން ބޮޑެތި ފައިދާތަކެއް ނުނަގާ އެއްވެސް ރޯދަ މަހެއް،" އާންމުންގެ މީހަކު ޝަކުވާ ކުރި އެވެ.
"ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު ނުއުފުލުނަސް ރޯދަ މަހެއް ނާންނާނެ މުދަލުގެ އަގު ބޮޑުކޮށްގެން ވިޔަފާރިވެރިން ބޮޑެތި ފައިދާތަކެއް ނުނަގާ އެއްވެސް ރޯދަ މަހެއް،" އާންމުންގެ މީހަކު ޝަކުވާ ކުރި އެވެ.
އެއީ ތެދަކަށް ވެދާނެ އެވެ؛ އެކަމަކު ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ވިޔަފާރީގެ އެއް ބަޔަކީ ޑިމާންޑާއި ސަޕްލައި ދިމާ ނުވާ ނަމަ، އޭގެ ފައިދާ ނެގުމެވެ. އެތައް ބަޔަކު އެކައްޗެއް ބޭނުންވެގެން ތިބޭ ވަގުތެއްގައި ބާޒާރުން އެ ހުސްވާނަމަ، އެ މުދަލެއްގެ އަގު ބޮޑުވާނެ އެވެ.
ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި އެހެން ހަދާ ދެ ސަބަބެއް އޮވެ އެވެ. އެއް ކަމަކީ، ފައިސާ ހުރި މީހާ އެ މުދާ އެއްކޮށް ނަގައިގެން އޭނާ މާ އަގުބޮޑުކޮށް ވިއްކުމުގެ ބިރު އޮތުމެވެ. އަނެއް ކަމަކީ، އަގުބޮޑުކޮށް ވިޔަސް އެންމެންނަށް އެ މުދަލެއް ފޯރުކޮށްދިނުމެވެ.
އެކަމަކު އޭގެ އަނެއްކޮޅު ވެސް ރާއްޖޭގައި އޮވެ އެވެ. އޭގެ އެއް މިސާލަކީ މިރުހެވެ. މިތަންމެ ބައިވަރު މިރުސް ބާޒާރުގައި ހުއްޓަސް މިރުހުގެ އަގު ބާޒާރުގައި ބޮޑުވެ އެވެ. މިދިޔަ ރޯދަ މަހު ވެސް ވިޔަފާރިވެރިން ކިއީ އަގުތަކުގައި ނުވިކިގެން ވަރަށް ގިނަ އަދަދެއްގެ މިރުސް އުކާލަން ވެސް ޖެހުނެވެ. އެހެންވެ، ވިޔަފާރިވެރިން އެ ދައްކާ އުޒުރުތައް މުޅިން ރަނގަޅެއް ވެސް ނޫނެވެ.
ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގު އުފުލުމަކީ ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރާ ކަމެކެވެ. ކޮންމެ އަހަރަކު ވެސް ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުތައް ތަފާތެވެ. ވިޔަފާރި ބަނދަރުގައި މުދާ ތާށި ވުމުގެ ސަބަބުން ބައެއް އަހަރުތަކުގައި މުދަލުގެ އަގު އުފުލޭއިރު މުދާ ގެނައުމުގައި ހުރި ދަތިތަކުގެ ސަބަބުން ވެސް މުދަލުގެ އަގު އުފުލެ އެވެ.
"މިހާރު" އާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި މި އަހަރުގެ ރޯދަ މަހު ވެސް މުދަލުގެ އަގު އުފުލޭނެ އެވެ. މިފަހަރު ސަބަބަކީ، ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގު އުފުލެމުން ދިއުމެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގައި ބައިވެރި ސަބަބުތައް އެބަހުރި ކަމަށް ވެސް އެ ވިޔަފާރިވެރިން ބުނެ އެވެ. އެންމެ ބޮޑު ސަބަބަކީ ރަޝިއާ އާއި ޔޫކްރޭން ގެ ހަނގުރާމަ އެވެ.
ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މުދާ އެތެރެ ކުރާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު "މިހާރު" އަށް ވިދާޅުވީ ރަޝިއާ އާއި ޔޫކްރޭން ހަނގުރާމައިގެ އަސަރު މުޅި ޔޫރަޕަށް ކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ޔޫރަޕުގައި އުފައްދާ ތަކެތީގެ އަގު އުފުލިފައިވާއިރު ރާއްޖެ އަށް އެތަކެތި ގެނެސް ވިއްކަން ޖެހޭނީ އަގު ބޮޑުކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިހާރައަކުން ބަޔަކުން ވިޔަފާރި ކުރަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ރޯދަޔާ ދިމާކޮށް އެ މަހު އެންމެ ގިނައިން ބޭނުން ކުރާ ތަކެތީގެ އާ ޝިޕްމަންޓްތައް ގެންނަ ކަމަށެވެ. ރޯދަ މަހު ތަކެތީގެ އަގު އުފުލެނީ ވެސް އާ އަގުތަކުގައި ގަންނަން ލިބޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔޫރަޕުން ގެންނަ ސާމާނު މިހާރު ލިބެނީ އަގުބޮޑުކޮށް. އަދިވެސް ހަނގުރާމަ އެދަނީ ކުރިއަށް. ރޯދަ މަހަށް ބޭނުންވާ ސާމާނު މިހާރު މިގެންނައިރު އަޅުގަޑުމެން މިހާރު ހުރި އަގުތަކުގައި ވިއްކަންޏާ ގެއްލުމުގައި ވިއްކާނީ. އެހެންވެ، އަގުބޮޑުވާނެ ކަމަށް އަޅުގަނޑަށް ބެލެވެނީ،" ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވި އެވެ.
ޔޫރަޕުގެ ގައުމުތަކުގައި މުދަލުގެ އަގު އުފުލިފައިވާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުއުފުލުމަކީ ވެސް ތަކެތީގެ އަގު އުފުލޭނެ ސަބަބެކެވެ. މި ވަގުތު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ބްރެންޓް ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މަތިވެފައިވާއިރު މީގެ ސަބަބުން ޝިޕިން ދާއިރާގެ އަގުތައް އުފުލިފައިވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
މީހަކު މާސްކު އަޅައިގެން ވިޔަފާރި ކުރަނީ-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު
ރާއްޖެ އަށް މުދާ އެތެރެ ކުރާ އެހެން ކުންފުންޏެއްގެ އިސް ބޭފުޅަކު މައުލޫމާތު ހާމަ ނުކުރުމަށް އެދި ވިދާޅުވީ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖެ އަށް މުދާ ގެންނަން ކުރާ ހަރަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
"ކޮންމެ މީހަކަށް ވެސް އެނގޭނެ ވިޔަފާރި ކުރެވޭނީ ފައިދާއެއް ލައިގެން ކަން. ރާއްޖޭން ބޭރުން މިހާރު ކޮންމެ އެއްޗެއް ގެނަޔަސް ތެލުގެ އަގު ބޮޑުވީމަ ބޮޑު ފީތައް ދައްކަން ޖެހޭ. ތެލުގެ އަގު ދަށްވެގެން ދެން ގެންނަ ޝިޕްމަންޓުތަކުގައި އަގު ކުޑަވިޔަސް ވާނީ،" އޭނާ ވިދާޅުވި އެވެ.
އެހެން ބައެއް ވިޔަފާރިވެރިން ވެސް ބުނާ ގޮތުގައި ކޮވިޑަށް ފަހު ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި އޮތް ހުރަސްތައް އަދިވެސް މުޅިން ނައްތައެއް ނުލެވެ އެވެ. ކޮންޓެއިނަރު ހޯދުމާއި އޭގެ އަގު ކަނޑައެޅުން އެހާ ފަސޭހަ ނޫން ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.
"މިކަން މިހެން އޮއްވައި ރޯދަ އަށް ކޮންމެހެން ވެސް ގެންނަން ބޭނުންވާ މުދާ އެބަހުރި. އެއީ ކޮންމެ އަގެއްގައި ވިޔަސް ގެންނަން ޖެހޭ އެއްޗެހި،" އެއް ވިޔަފާރިވެރިއަކު ބުންޏެވެ.
"ސީދާ ރޯދަ މަހޭ ކިޔައިފައި އަގު ބޮޑުވަނީއެއް ނޫން. އެކަމަކު އާންމު މީހާ އަށް ފެންނާނީ ރޯދަ މަހު އެ ގެނެސްގެން ވިއްކަން ފެށީމަ ރޯދަ މަހު އަގު ބޮޑުވާ ތަން."
ލޯކަލް މާރުކޭޓުގައި މީހަކު ކުރުނބާ ހަދަނީ-- ފައިލް ފޮޓޯ: މިހާރު
އާއްމު ވިޔަފާރިތަކުގެ އިތުރުން ރޯދަ މަހު މާރުކޭޓުގައި ވިއްކާ ތަރުކާރީ އާއި މޭވާގެ ބައެއް ބާވަތްތައް ވެސް އަގުބޮޑުވާނެ ކަމަށް ލަފާކުރެ އެވެ. މީގެ ތެރޭގައި ހިމެނެނީ ރޯދަ މަހު ދިވެހިން އެންމެ ގިނައިން ބޭނުން ކުރާ ބާވަތްތައް ހިމެނެ އެވެ.
ރޯދަ މަހު މާރުކޭޓުގައި އަގު އުފުލޭނެ ކަމަށް ލަފާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ކަރާ، އަނބު، ކުރުނބާ، މިރުސް ހިމެނެ އެވެ. އެތަނުގައި ގޮޅިއެއް ހިންގާ މީހަކު "މިހާރު" އަށް ބުނީ ތަކެތީގެ އަގު އުފުލޭނީ އެއަށް އޮންނަ ޑިމާންޑް ރޯދަ މަހު ބޮޑުވާތީ ކަމަށެވެ.
ކޮންމެ ރޯދަ މަހަކާ ދިމާކޮށް މިތަކެތީގެ އަގު ވެސް އުފުލެ އެވެ. ކަރާ، ކުރުނބާ އަދި މިރުސް ފަދަ ތަކެތި މާލެ ގެންނަނީ ރާއްޖޭގެ ރަށްތަކުން ކަމުގައި ވި ނަމަވެސް ރޯދަ މަހު ބޭނުންވާ ވަރަށް އެތަކެތި ނުލިބޭ ކަމަށް ގޮޅި ހިންގާ މީހަކު ބުންޏެވެ.
"އަޅުގަނޑުމެންނަށް ރޯދަ މަހު ވެސް ތަކެތި ލިބޭ. ނުލިބެނީކީ ނޫން. އެކަމަކު ރޯދަ މަހު އެ ތަކެތި ބޭނުންވާ މީހުން މާގިނައީ. ގިނަ އެއްޗެހި ގެންނަތާ ދެ ދުވަސް ތެރޭ ހުސްވާނެ. އެހެންވެ، ސަޕްލައި އަށްވުރެ ޑިމާންޑް ބޮޑުވީމަ މަޖުބޫރު ވަނީ އަގު ބޮޑުކުރަން،" އޭނާ ބުންޏެވެ.
ބަޔަކު ފިހާރައަކުން މޭވާއާއި ތަރުކާރީ ގަންނަނީ--- ފައިލް ފޮޓޯ--މިހާރު
ރޯދަ މަހު ތަކެތީގެ އަގު އުފުލޭނެ ވާހަކަ ބޮޑެތި ވިޔަފާރިތަކުން ވަނީ އިކޮނޮމިކް މިނިސްޓްރީއާ ވެސް ހިއްސާ ކޮށްފަ އެވެ.
އާއްމު ފިހާރަތަކުންނާއި މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު އުފުލޭނެ ކަމަށް ވިޔަފާރިވެރިން ލަފާ ކުރި ނަމަވެސް އަގުތައް މާބޮޑަށް އުފުލުނަ ނުދޭނެ ކަމަށް ވެސް ބުންޏެވެ. އަދި އާއްމުންނަށް ދަތި ނުވާނެ ހެން ރޯދަޔަށް ބޭނުންވާ ހުރިހާ ސާމާނެއް މަސް ނިމެންދެން ހުސްނުވެ ލިބެން ހުންނާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ފިޔާ ބަސްތާއެއްގެ އަގު 400ރ. އަށް އަރައިފި
ތަކެތީގެ އަގު ހެޔޮ ކުރަން ސަރުކާރަށް ގޮވާލާ ގަރާރެއް
އެގްރި އިން ލުނބޯ ވިއްކުން: ވިއްކަން ފަށާއިރަށް ހުސް
ރޯދަ މަހު ބާރުބޮޑު ދެ މާރުކޭޓު މިހާރު ފަޅަށް
ރޯދައަށް ހެޕީ މާކެޓުން ބައެއް ތަކެތީގެ އަގުހެޔޮ ކޮށްފި
ރެޑްވޭވުން އިތުރު ބާވަތްތަކެއްގެ އަގު ހެޔޮކޮށްފި
ލޮނުމެދު ކިލޯއެއްގެ އަގު 150ރ.އަށް އަރައިފި
ބާޒާރުން ފިޔާ ހުސްވެއްޖެ
މި ރޯދަމަހަކީ ތަކެތީގެ އަގު ހެޔޮ މަހެއް
ހެޕީމާކެޓުން ރޯދައަށް ތަކެތި އަގުހެޔޮކޮށްފި