Roadha Mihaaru
ބާޒާރުން ފިޔާ ހުސްވެއްޖެ

ބާޒާރުން ފިޔާ ހުސްވެއްޖެ

10 އޮކްޓޯބަރ 2019

އިންޑިޔާގެ ސަޕްލަޔަރުން ފިޔާ ވިއްކުން ހުއްޓާލުމުން ރާއްޖޭގެ ބާޒާރުން ފިޔާ ހުސްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިޔާގެ ސަޕްލަޔަރުން ފިޔާ ވިއްކުން ހުއްޓާލުމުން ރާއްޖޭގެ ބާޒާރުން ފިޔާ ހުސްވެއްޖެ އެވެ.

ލޯކަލް މާރުކޭޓުގައި ހޯލްސޭލްކޮށް ފިޔާ ވިއްކި ގިނަ ތަންތަނުގައި މިހާރު ފިޔާ ވިއްކާކަށް ނެތެވެ. އަދި ހޯލްސޭލް ބައެއް ފިހާރަތަކުން ފިޔާ ކޮންޓްރޯލް ކޮށްގެން ވަކިވަކިން ކިލޯއިން ވިއްކާ އިރު ރީޓެއިލް ފިހާރަތަކުން މިހާރު ފިޔާ ކިލޯއެއްގެ އަގު ވަނީ 50ރ. އަށް އަރައިފަ އެވެ.

ރާއްޖެ އަށް ގިނަ އަދަދަކަށް ފިޔާ އިމްޕޯޓް ކުރާ އެމްޔޫ ސްޓޯރުގައި ވެސް މިހާރު ފިޔާއެއް ނެތެވެ. އެ ފިހާރައިގެ ހެޑް ކޭޝިޔާ ހުސައިން ސަމާއު ބުނީ، ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭ، 300 ބަސްތާ އެއްކޮށް ހުސްވެފައިވާ ކަމަށެވެ.

"ފިޔާ ބަސްތާއެއް ވިއްކީ 1،000ރ. އަށް. ފިޔާ މިހާރު އިންޑިޔާއިން ނުލިބޭ. ނޭނގެ ލިބޭނެ އިރެއް ވެސް،" އޭނާ ބުންޏެވެ.

އޭނާ ބުނީ، އެ ފިހާރައިން ފިޔާ ހުސްވި އިރު ފިޔާ ހޯލްސޭލްކޮށް ވިއްކާ ފިހާރަތަކުން ބަސްތާއެއް ލިބެނީ 1،200ރ. އަށް ކަމަށެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ފިޔާ އެކްސްޕޯޓް ކުރާ މުޑުވާލި ކުންފުނިން ބުނީ، އެންމެ ފަހުން ގެނައި ދެ ޝިޕްމެންޓްގައި ވެސް ފިޔާ ނުގެންނަ ކަމަށެވެ. މުޑުވާލިން ބުނީ، ފިޔާ މިހާރު އިންޑިޔާއިން ނުލިބޭ ކަމަށާއި ދެން ފިޔާ ހޯދަން ޖެހޭނީ ލަންކާ ނުވަތަ ޕާކިސްތާނުން ކަމަށެވެ. އެހެންނަމަވެސް އެ ކުންފުނިން ފިޔާ ގެންނަން ވަކި ގޮތެއް އަދި ނިންމައިފައެއް ނުވެ އެވެ. މުޑުވާލިން އާންމުކޮށް ކޮންމެ ހަލްތާއަކު 25 ކިލޯގެ 800 ފިޔާ ބަސްތާ ރާއްޖެ އެތެރެ ކުރެ އެވެ.

ބާޒާރުގައި ހޯލްސޭލްކޮށް ފިޔާ ވިއްކާ އިވްނިން ސްޓޯރުން މިހާރު ފިޔާ ވިއްކަނީ ވަކިވަނިން ކިލޯއިންނެވެ. އެ ފިހާރައިން ބުނީ، ބާޒާރުން އެއްކޮށް ފިޔާ ހުސްވެފައިވާ އިރު، ހުރި މަދު ބަސްތާތަކުން ފިޔާ ވިއްކަނީ ކިލޯއިން ކަމަށެވެ.

ބާޒާރުގެ ގިނަ ފިހާރަތަކެއްގައި ފިޔާގެ ސްޓޮކް އެއްކޮށް ހުސްވެފައިވާ އިރު ފިޔާ ލިބޭނެ ދުވަހެއް ވެސް ބުންނަ ނޭންގޭ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

މިހާ ބޮޑަށް އަގު އުފުލުނި ކީއްވެ؟

އިންޑިޔާ އަށް ކުރި ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، އެ ގައުމުގައި އުފައްދާ 35 ޕަސެންޓް ފިޔާ ދަނޑުތައް އެއްކޮށް ވަނީ ހަލާކުވެފަ އެވެ. އެންމެ ގިނައިން އިންޑިޔާގައި ފިޔާ އުފައްދަނީ މަހާރަޝްތްރާ އާއި ކަރްނާޓަކާގަ އެވެ. މި ދެ ސްޓޭޓަށް ވެސް މިދިޔަ އޮގަސްޓް މަހު، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވި އެވެ.

އިންޑިޔާއަކީ މި ސަރަހައްދުގައި އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ ގައުމެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް އިންޑިޔާ އިން 2.2 މިލިއަން ޓަނުގެ ފިޔާ އެކްސްޕޯޓް ކޮށްފައިވެ އެވެ. މުޅި އޭޝިޔާގެ ފިޔާގެ އެކްސްޕޯޓުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ވެސް ބޮޑު އަދަދެއް އިންޑިޔާއިން އެކްސްޕޯޓް ކުރާ އިރު ފިޔާ ލިބުން ދަތިވެ، އެ ގައުމުން ވަނީ ފިޔާ އެކްސްޕޯޓް ކުރުން އެއްކޮށް ހުއްޓާލައިފަ އެވެ.

އެހެން ނަމަވެސް، ރާއްޖެއާ އެ ގައުމާ ދެމެދު ހަދާފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުން، ރާއްޖެ އަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ އެތެރެ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިކަން މިހެން އޮތް ނަމަވެސް ފިޔާގެ ސަޕްލަޔަރުން ރާއްޖެ އަށް ވިއްކާ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުކޮށްފަ އެވެ. މިއާ އެކު ރާއްޖޭގައި ފިޔާ ހޯލްސޭލްކޮށް ލިބެން ހުންނަ ފިހާރަތަކުން ވެސް މިހާރު ވަނީ ސްޓޮކް ހުސްވެފަ އެވެ.

އިންޑިޔާގެ ކެއުންތައް ތައްޔާރުކުރުމުގައި އެންމެ ގިނައިން ބޭނުން ކުރާ އެއް ބާވަތަކީ ފިޔަ އެވެ. އަގު އުފުލި ސްޓޮކް މަދުވުމުން އެ ގައުމުގައި ވެސް ފިޔާ ގަތުމަށް ގިނަ ފިހާރަތަކެއްގައި ވަނީ ކިޔު ހަދައިފަ އެވެ. މީގެ ކުރިން ފިޔާ ކިލޯއެއް 25 ރުޕީސް (ގާތްގަނޑަކަށް 5ރ.) އަށް ލިބުނު އިރު މި މަހު ފިޔާގެ އަގު ވަނީ 80 ރުޕީސް އަށް ބޮޑުވެފަ އެވެ. މިއީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި އިންޑިޔާގައި ފިޔާގެ އަގު އެންމެ ބޮޑުވި ފަހަރެވެ.

ރާއްޖޭގައި ވެސް ކެއްކުމުގައި އެންމެ ގިނައިން ބޭނުން ކުރާ އެއް ބާވަތަކީ ފިޔާ ކަމުގައިވާ އިރު، ފިޔާގެ އަގު އެހާ ބޮޑަށް އުފުލުމުގެ ސަބަބުން، ދިވެހިންގެ ދިރިއުޅުމަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެ އެވެ.