Roadha Mihaaru
"ހައްގު ހޯދައިދެވޭނީ ފަނޑިޔާރުން ނަޒާހަތްތެރިވެގެން"

ހައްގު ހޯދައިދެވޭނީ ފަނޑިޔާރުން ނަޒާހަތްތެރިވެގެން: އުއްތަމަ ފަނޑިޔާރު

24 މާޗް 2022

ފަނޑިޔާރެއްގެ ނަޒާހާތްތެރިކަމާ މެދު ތިން ވަނަ ފަރާތަކުން ކިރިޔާ ވެސް ސުވާލު އުފައްދާކަމުގައިވާ ނަމަ، އެފަދަ މައްސަލަތަކުގައި ބައިވެރިނުވުމަށާއި ރައްޔިތުންނަށް ހައްގު ހޯދައިދެވޭނީ ނަޒާހަތްތެރި ފަނޑިޔާރުންނަށް ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފަނޑިޔާރެއްގެ ނަޒާހާތްތެރިކަމާ މެދު ތިން ވަނަ ފަރާތަކުން ކިރިޔާ ވެސް ސުވާލު އުފައްދާކަމުގައިވާ ނަމަ، އެފަދަ މައްސަލަތަކުގައި ބައިވެރިނުވުމަށާއި ރައްޔިތުންނަށް ހައްގު ހޯދައިދެވޭނީ ނަޒާހަތްތެރި ފަނޑިޔާރުންނަށް ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިރޭ ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤަޟާއީ އަހަރުގެ މި އަހަރުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވީ ފަނޑިޔާރުންގެ މަސްއޫލިޔަތަކީ ގާނޫނުގެ ވެރިކަން ދެމެހެއްޓުން ކަމަށާއި އެކަން ކުރެވޭނީ މިނިވަން ފަނޑިޔާރުގެއެއް އޮވެގެން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މިނިވަން ޖުޑީޝަރީއެއް ނެތި ގައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ގާއިމުނުކުރެވޭނެކަން ތާރީހު ހެކިދޭ ކަމަށެވެ. އަދި މިނިވަން މުސްތަގިއްލު ކޯޓެއްގައި އިންސާފުން ޝަރީއަތް ކުރުމަކީ ކޮންމެ މީހަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވާއިރު އެ ހައްގު ކަށަވަރުކޮށްދެވޭނީ ފަނޑިޔާރުންނަކީ މިނިވަން ބަޔަކަށްވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒިންމާ އަދާކުރުމުގައި ފަނޑިޔާރުންގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ ނަޒާހާތްތެރިކަމާ އެކު މަސައްކަތުގައި ދެމި ތިބުމުން. ތިމާގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ތިން ވަނަ ފަރާތަކުން އިނގިލި ދިއްކޮށްފާނެ ފަދަ މައްސަލައެއްގައި ބައިވެރިނުވެ ފަނޑިޔާރުކަމުގެ ޒިންމާ އަދާކޮށް ތެދުވެރިކަމާ އިހުލާސްތެރިކަމާއެކު މަސައްކަތްކުރުން،" މުއުތަސިމް ވިދާޅުވި އެވެ.

ވަކި ފަރާތަކަށް ބުރަނުވެ، ޒާތީ ކަންކަމުން އެއްކިބާވެ ފަނޑިޔާރުން އެމީހުންގެ ޒިންމާ އަދާކުރައްވަން މުއުތަސިމް ގޮވާލެއްވި އެވެ. އަދި ރައްޔިތުންގެ ފަރާތުން ފަނޑިޔާރުގެއާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއް ނުކުރުމަކީ ފަނޑިޔާރުންގެ އެންމެ އިސް ވާޖިބުކަމަށް ދެކިވަޑައިގަންނަވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ދަތި ދަނޑިވަޅުގައި ޝަރުއީ ދާއިރާއަށް އައި ހެޔޮ ބަދަލުތައް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ޓެކްނޮލޮޖީއާ އަހުލުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުން ފާހަގަކުރެއްވައި މުއުތަސިމް ވިދާޅުވީ ކޮވިޑްގެ ތެރޭގައި ޝަރުއީ ދާއިރާއަށް އައި ހެޔޮ ބަދަލުތައް ދަމަހައްޓައި އެކަންކަމާ އެކު ކުރިއަށް ދިއުން ވަރަށް މުހިއްމު ކަމަށެވެ.

"ވަރަށް ބީރައްޓެހިކޮށް ހިނގަމުންދިޔަ ޝަރީއަތްތައް އާންމުކޮށް ހުޅުވާލެވިގެން މަތީ މަރުހަލާގެ ގިނަ އަޑުއެހުންތައް ރައްޔިތުންނަށް ފަސޭހަ ކަމާ އެކު ބެލޭނެ ގޮތްތަކަށް ލައިވް ސްޓްރީމް ކުރުމުގެ އިންތިޒާމު ހަމަޖެއްސިފައިވޭ،" އޭނާ ވިދާޅުވި އެވެ.

ޝަރުއީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އޭގެ ތެރޭގައި އިންޓަގްރޭޓެޑް ކޯޓް މެނޭޖްމަންޓް ސިސްޓަމެއް ތަރައްގީކުރުމާއި ޖުޑިޝަލް ޑޭޓާ ބޭސްއެއް ގާއިމުކުރުމާއި ޝަރިއަތްތަކުގައި ދައްކާ ވާހަކަ ބަހުން ބަހަށް ލިޔެވޭ ގޮތަށް "ސްޕީޗް ޓު ޓެކްސް" ޓެކްނޮލޮޖީ މެދުވެރިކޮށް ބަޔާންތައް ލިޔުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ.. އަދި މަތީ ކޯޓުތަކާއި ދަށު ކޯޓުތަކުގެ ނިންމުންތައް ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފަސޭހައިން ބަލައިލެވޭ ގޮތަށް ކޭސް ރިޕޯޓާ ސޮފްޓްވެއާއެއް ތައްޔާރުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

'ޤަޟާއީ އަހަރު 2022' އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެކަމަކު މި ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަފުޅެއް ނުދައްކަވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 'ޤަޟާއީ އަހަރު 2022' އިފްތިތާހުކޮށްދެއްވުން-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 'ޤަޟާއީ އަހަރު 2022' އިފްތިތާހުކޮށްދެއްވުން-- ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތަކީ ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމަށް ބާއްވާ ރަސްމިއްޔާތެކެވެ.

މި ޖަލްސާގައި ރައްޔިޔުންގެ މަޖިލީހުގެ ރައީސް ވަނީ ޝަރުއީ ދާއިރާ އޮޓޯމޭޓްކުރުމުގެ ގޮތުން އަލަށް ތައާރަފްކުރާ ތިން އެޕްލިކޭޝަނެއް އިފްތިތާހްކޮށްދެއްވައިފަ އވެ.