Roadha Mihaaru
ޑްރަގްސް މައްސަލައިގައި ޕީއެންސީ ކައުންސިލް މެމްބަރެއް

ވަޅުލާފައި ހުއްޓައި ފެނުނު ޑްރަގު މައްސަލައިގައި ޕީއެންސީގެ ކައުންސިލް މެމްބަރަކު ހައްޔަރުކޮށްފި

25 މާޗް 2022

މާލޭގެ ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓައި ރޭ ހޯދި މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ފުލުހުން އެންމެ ބޮޑަށް ތުހުމަތުކުރާ، ޕީއެންސީގެ ކައުންސިލް މެމްބަރަކު މިއަދު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓައި ރޭ ހޯދި މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ފުލުހުން އެންމެ ބޮޑަށް ތުހުމަތުކުރާ، ޕީއެންސީގެ ކައުންސިލް މެމްބަރަކު މިއަދު ހައްޔަރުކޮށްފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާފަންނުގެ ގެއެއްގައި 42 ކިލޯގެ މަސްތުވާތަކެތި ރައްކާކުރި ކަމަށް އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލައިގައި ހައްޔަރުކުރީ އިދިކޮޅު ޕީއެންސީގެ ޓިކެޓުގައި އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އަލިފުށީ ދާއިރާއަށް ވާދަކުރެއްވި އަހުމަދު ހުސެއިނެވެ.

އޭނާއަކީ އެ ޕާޓީގެ ކައުންސިލް މެމްބަރެއް ވެސް މެ އެވެ.

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅޭ ބައަކާ ގުޅުން އޮތް ކަމަށް ބެލެވޭ އެ ތަކެތި ހުރީ ތަޅުންގަނޑުގެ އަޑީގައި ވަޅުލައިފަ އެވެ. އެ ތަކެތި ފެނުނީ އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓުގެ އޮފީސް ކުރިމަތީގައި ހުރި ގެއަކުންނެވެ. ދެ ބުރިއަށް ހަދާފައިވާ އެ ތަނުގައި މީހުން ދިރިއެއް ނޫޅެ އެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.