Roadha Mihaaru
ދެކުނުގެ ރަށްތައް ބޮޑެތި ކުށްތަކުގެ ހާއްޔަކަށް!

ދެކުނުގެ ރަށްތައް ބޮޑެތި ކުށްތަކުގެ ހާއްޔަކަށް!

12 ސެޕްޓެމްބަރ 2022

ގޭންގު ގްރޫޕުތަކުން ފެށިގެން ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ދެކުނުގެ ރަށްތައް އޮތީ އެންމެ ނުރައްކާ ދަރަޖައިގަ އެވެ. ލ. ގަމުގައި ކުރިއަށްދާ "ވިއަވަތި" ކޮންފަރެންސްގައި ފުލުހުން އިއްޔެ ހިއްސާކުރި މައުލޫމާތުތަކުން ސާފުވި އެއް މަންޒަރަކީ ކުށްވެރިންގެ ހާއްޔަކަށް މި ރަށްތައް ވެފައިވާ ކަމެވެ.

އާސިމާ ނިޒާރު ލ. ގަމުން އާސިމާ ނިޒާރު

ގޭންގު ގްރޫޕުތަކުން ފެށިގެން ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ދެކުނުގެ ރަށްތައް އޮތީ އެންމެ ނުރައްކާ ދަރަޖައިގަ އެވެ. ލ. ގަމުގައި ކުރިއަށްދާ "ވިއަވަތި" ކޮންފަރެންސްގައި ފުލުހުން އިއްޔެ ހިއްސާކުރި މައުލޫމާތުތަކުން ސާފުވި އެއް މަންޒަރަކީ ކުށްވެރިންގެ ހާއްޔަކަށް މި ރަށްތައް ވެފައިވާ ކަމެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އާރިފު ވިދާޅުވި ގޮތުގައި ދ. އަތޮޅުން ފެށިގެން އައްޑު އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ 44 ގޭންގް އެބަ އޮތް ކަމަށެވެ. އޭގެ ތެރެއިން ހަރަކާތްތެރިކޮށް އުޅެނީ 17 ގްރޫޕެވެ.

އާރިފް ވިދާޅުވީ ދެކުނު އަތޮޅުތަކުގައި ހަރަކާތްތެރިވާ ގޭންގުތަކުގައި 700 މެމްބަރުން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި 100 ކުޑަކުދިން ހިމެނެ އެވެ.

ގޭންގު މާރާމާރީއާ ގުޅިގެން 2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް 32 މީހަކު މަރާލާފައިވެ އެވެ. އޭގެ ތެރެއިން ދެކުނުގައި ހަ މީހަކު މަރާލާފައިވެ އެވެ. އެ މައްސަލަތަކުގައި 185 މީހުން 21 ކުޑަކުދިން ހައްޔަރުކުރި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ފަރާތްތަކަށް ގޭންގުތަކުން ނުފޫޒާއި ބާރުވެރިކަން ފޯރުވާ ކަމަށެވެ. ދައުލަތުގެ އެކި ގުނަވަންތަކަށް އިންފިލްޓްރޭޓް ކުރުމާއި ޝަރުއީ މަރުހަލާގައި މައްސަލަތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލުން މެދުވެރިކޮށް ނުފޫޒު ފޯރުވުން ހިމެނެ އެވެ.

އެ ކަންކަމުގެ އިތުރުން ގޭންގުތަކުގެ އިސް މީހުން ރަށްރަށުން ބިން ގަނެ، ވިޔަފާރި ފަށަން މަސައްކަތްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މިހާރު ގެސްޓް ހައުސާއި ފިހާރަ އަދި އޮޑި ދޯނި ބަނެ، ވިއްކުމުގެ މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، މި ފަހުން ވެސް މާލެއިން ގްރޫޕެއްގެ އިސް މީހަކު އައްޑު އަށް ދަތުރުކޮށް ބިން ގަންނަން މަޝްވަރާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ވިއަވަތި ކޮންފަރެންސްގައި ފުލުހުން ޕްރެސް ކޮންފަރެންސް ދެނީ.-- ފޮޓޯ: ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސްގައި ފުލުހުން ޕްރެސް ކޮންފަރެންސް ދެނީ.-- ފޮޓޯ: ރައީސް އޮފީސް

ގޭންގުތަކުގެ މިހާރުގެ ހާލަތު

- އެއް އަވަށުން އަނެއް އަވަށަށް ނުވަތަ އެއް ރަށުން އަނެއް ރަށަށް ގޮސް މާރާމާރީ ހިނގުން

- ތޫނު ހަތިޔާރު ބޭނުންކުރުން

- މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުން

- މާލެ ސިޓީގައި ހަރަކާތްތެރިވާ ގްރޫޕުތަކާ ގުޅުން

- މީސްމީޑިއާގައި ގޭންގު ޕްރޮމޯޓުކުރުން

- ސްޕޯޓްސް ކްލަބް ރަޖިސްޓްރީކުރުން

- ރެކްރޫޓްމަންޓް

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ ދެކުނުގެ ރަށްތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ އެންމެ ބޮޑުކޮށް އުޅެނީ އައްޑޫގައި ކަމަށެވެ. އެގޮތުން، އެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރާ 933 މީހުން ތިބިއިރު، އޭގެ ވިޔަފާރިކުރާ 403 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ މަސްތުވާތަކެއްޗާ ގުޅޭގޮތުން މިހާތަނަށް 1،112 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.

ދެ ވަނައަށް މަސްތުވާތަކެތީގެ މައްސަލަ އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ފުވައްމުލަކުންނެވެ.

ޝަމީމް ވިދާޅުވީ އައްޑޫގައި މަސްތުވާތަކެތީގެ ތެރޭގައި ގިނައިން އުޅެނީ 18-30 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އެ އުމުރުގެ 1،847 މީހުން ތިބިއިރު، 18 އަހަރުން ދަށުގެ 221 ކުދިން ވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން 50 އަހަރުން މަތީގެ 106 މީހަކު ހިމެނެ އެވެ.

އައްޑޫގެ އިތުރުން އެހެން ރަށްތައް ހިމަނައިގެން މަސްތުވާތަކެތީގެ މައްސަލަތަކުގައި 18 އަހަރުން ދަށުގެ 380 ކުދިން ބައިވެރިވެ އެވެ. އަދި އޭގެ ވިޔަފާރިކުރުމުގައި 50 އަހަރުން މަތީގެ ހަތް މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ތިން އަންހެނުން ހިމެނެ އެވެ.

މައްސަލަތައް ހައްލުކުރުން

ފުލުހުން ބުނީ މަސްތުވާތަކެއްޗާއި ޑްރަގްސްގެ މައްސަލަ ހައްލުކުރުމަށް ކުރު އަދި މެރު ރާސްތާގެ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ކަންކަމަށް އާއްމުން ހޭލުންތެރިކުރުމާއި ކުޑަކުދިން ކުށުން ސަލާމަތްކުރުން އަދި ކަމާ ގުޅުންހުރި ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެއާއެކު، ހައި އިމްޕެކްޓް ކްރައިމަށް އަމާޒުކޮށް ހާއްސަކޮށް ޕްލޭނެއްގެ ދަށުން މަސައްކަތްކުރުމާއި އަވަށްޓެރި ފުލުހުންގެ ދައުރު އިތުރުކޮށް ކައުންސިލްތަކާއި މުޖުތަމައުގެ ބައިވެރިވުމާއެކު މައްސަލަތަކަށް ހައްލު ހޯދުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމާއި ރީޖަނަލް ސްޕެޝަލިސްޓް ކްރައިމް ސެލް ހެދުން އަދި އުތުރާއި ދެކުނުގައި މެރިޓައިން އޮޕަރޭޝަން ސެންޓަރު ގާއިމްކުރަން ނިންމާފައިވާކަން ފާހަގަަކުރި އެވެ.