Roadha Mihaaru
އައްޑޫ މޭޔަރުގެ ކާރުގައި "އިންޑިއާ އައުޓް" ޖަހައިފި

އައްޑޫ މޭޔަރުގެ ކާރުގައި "އިންޑިއާ އައުޓް" ޖަހައިފި

26 މާޗް 2022

އައްޑޫގެ މޭޔަރު އަލީ ނިޒާރުގެ ކާރުގައި "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑޫގެ މޭޔަރު އަލީ ނިޒާރުގެ ކާރުގައި "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފި އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ނިޒާރު މިއަދު ވިދާޅުވީ އޭނާގެ ކާރުގެ ބޮނެޓް މަތީގައި "އިންޑިއާ އައުޓް" ލިޔެ ސްޕްރޭކުރި މައްސަލަ މިއަދު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެއީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އެކަމުގެ ޒިންމާ އިދިކޮޅު ފަރާތްތަކުން ނަގަން ޖެހޭނެ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

"އިދިކޮޅު މީހުން އެކްޓިވްކޮށް ބައިތިއްބަން ބޭނުންކުރާ ސިޔާސީ ސްލޯގަންއެއް އެއީ. ވަރަށް ފިތުނަވެރި ވިސްނުމެއްގައި ހިންގާ ކަމެއް،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޭ މެންދަމު 2:00 ހާއިރު ގެއަށް ވަޑައިގެންނެވިއިރު ވެސް ކާރަށް ސްޕްރޭ ޖަހައިފައެއް ނެތެވެ. އެކަން ކޮށްފައި ވަނީ އޭގެ ވެސް ފަހުން ކަމަށް ބެލެވޭ ކަމަށް ނިޒާރު ވިދާޅުވި އެވ.ެ

އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

އައްޑޫ މޭޔަރުގެ ކާރަށް ގެއްލުންދިން އިރު އިއްޔެ މާލޭގައި އިދިކޮޅު ފަރާތްތަކުން ވަނީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކޮށްފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު އައްޑު އަށް ވަޑައިގެން، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ހިތަދޫގައި އިމާރާތްކުރި ފުލުހުންގެ ތަމްރީނު މަރުކަޒު ހުޅުއްވައި ދެއްވާނެ އެވެ.