Roadha Mihaaru
ޔާމީނާއި މި ސަރުކާރުން ދައްކާ ހޮޅި ވާހަކަ!

އެއްވެ އުޅުމުގެ ހައްގު: ޔާމީނާއި މި ސަރުކާރުން ދައްކާ ހޮޅި ވާހަކަ!

28 މާޗް 2022

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މާލޭގައި ކުރި ބޮޑު މުޒާހަރާ އަށް ފަހު އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އިއްޔެ ރޭ އެމަނިކުފާނުގެ ޕާޓީ މެމްބަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި މީހުން މުޒާހަރާ ކުރަނީ އެ ބައެއްގެ ވިސްނުމުގައި ހައްގުތަކެއް ގެއްލިއްޖެ ކަމަށް ދެކިގެނެވެ؛ އެ ހައްގުތައް ކަށަވަރު ނުވާތީ އެވެ. ބޮޑެތި އަނިޔާ ވެގެން ވެސް މުޒާހަރާތަކަށް މީހުން ނިކުންނަނީ "މަޖަލަކަށް ނޫން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މާލޭގައި ކުރި ބޮޑު މުޒާހަރާ އަށް ފަހު އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އިއްޔެ ރޭ އެމަނިކުފާނުގެ ޕާޓީ މެމްބަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި މީހުން މުޒާހަރާ ކުރަނީ އެ ބައެއްގެ ވިސްނުމުގައި ހައްގުތަކެއް ގެއްލިއްޖެ ކަމަށް ދެކިގެނެވެ؛ އެ ހައްގުތައް ކަށަވަރު ނުވާތީ އެވެ. ބޮޑެތި އަނިޔާ ވެގެން ވެސް މުޒާހަރާތަކަށް މީހުން ނިކުންނަނީ "މަޖަލަކަށް ނޫން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައި ވަނިކޮށް ފުލުހުން ފޮނުވައިގެން އެއްވުންތަކަށް ހުރަސް އެޅުމަކީ، ޔާމީން ވިދާޅުވި ގޮތުގައި، ވަރަށް "ހެއްވާ" ކަމަކެވެ. އެމްޑީޕީ އަށް ޑިމޮކްރެޓިކްގެ ނަން ކިޔަސް އެއީ ކޮމިއުނިސްޓް ފިކުރުގެ ހުދުމުހުތާރު ޕާޓީއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދެން އެމަނިކުފާނު ވިދާޅުވީ އަދި އެއަށް ވުރެ ވެސް މާ މުހިންމު އަދި ހެއްވާ ވާހަކަ އެކެވެ؛ "އަޅުގަނޑުމެން [ކުރީ ސަރުކާރުން] ހުއްދަ ދިނިން މުޒާހަރާ ކުރަން. އަޅުގަނޑުމެންގެ ފަސް އަހަރު ނުހުންނާނެ މުޒާހަރާ ކުރަން މަނާ ކޮށްފައެއް."

އަޅުގަނޑުމެން [ކުރީ ސަރުކާރުން] ހުއްދަ ދިނިން މުޒާހަރާ ކުރަން. އަޅުގަނޑުމެންގެ ފަސް އަހަރު ނުހުންނާނެ މުޒާހަރާ ކުރަން މަނާ ކޮށްފައެއް -- ޔާމީން

ގާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުން ކުރިން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވެ އެވެ. އެކަމަކު އެންމެ ފަހުން ޕީޕީއެމް އިން ބޭއްވި މުޒާހަރާ އާއި މިއަދާ ހަމައަށް އެ ޕާޓީން ބާއްވާ ހުރިހާ އެއްވުމެއް ވެސް ރޫޅާލަން ފުލުހުން ދައްކާ ހުއްޖަތަކީ ޔާމީންގެ ވެރިކަމުގައި، ކުރިން އެންގުމަކާ ނުލައި މާލޭ މަގުތަކުގައި އެއް ނުވެވޭ ގޮތަށް "ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް" ގެނައި އިސްލާހެވެ.

އިދިކޮޅު ދެ ޕާޓީން މި ވަގުތު ކުރާ އެންމެ ބޮޑު ޝަކުވާ ގޮސް ގުޅެނީ، އެ ދެ ޕާޓީގެ ލީޑަރު ޔާމީންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން (މިހާރު ސަރުކާރު ހިންގާ ކޯލިޝަން) ކުރަމުން އައި މުޒާހަރާތަކަށް އެތައް ގޮތަކުން ހުރަސް އެޅުމަށް ފަހު އެންމެ ފަހުން ގާނޫނަށް ގެނައި ބަދަލެކެވެ!

ޔާމީންގެ ވެރިކަމުގައި މާލޭ މަގުމަތީ ކުރި މުޒާހަރާއަކަށް ފުލުހުން ހުރަސް އަޅަނީ---ފޮޓޯ: މިހާރު

ޔާމީންގެ ވެރިކަމުގައި މާލޭ މަގުމަތީ ކުރި މުޒާހަރާއަކަށް ފުލުހުން ހުރަސް އަޅަނީ---ފޮޓޯ: މިހާރު

"ރައްޔިތުންގެ ކުރިމަތީ ހުރިހާ ކަމެއް ހިނގީ. އެންމެ ގަދައަށް މުޒާހަރާތަކަށް ހުރަސް އެޅި އެއް ވެރިޔަކީ ޔާމީނު ކަން ތާރީހު ހެކިދޭ. ވީޑިއޯތައް ވެސް އެހެރީ ފެންނަން. އެކަމަކު ގިނަ ފަހަރަށް ވެރިކަން ކޮށްފައި ތިބި މީހުން ވެރިކަމުން ފޭބީމަ ކަންކަން ހަނދާނެއް ނުހުރޭ."

"ރައްޔިތުންގެ ކުރިމަތީ ހުރިހާ ކަމެއް ހިނގީ. އެންމެ ގަދައަށް މުޒާހަރާތަކަށް ހުރަސް އެޅި އެއް ވެރިޔަކީ ޔާމީނު ކަން ތާރީހު ހެކިދޭ. ވީޑިއޯތައް ވެސް އެހެރީ ފެންނަން. އެކަމަކު ގިނަ ފަހަރަށް ވެރިކަން ކޮށްފައި ތިބި މީހުން ވެރިކަމުން ފޭބީމަ ކަންކަން ހަނދާނެއް ނުހުރޭ. މިހާރު އެހެން މީހަކަށް ވެގެން އެ ހުންނެވީ،" މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި އެވެ.

ޗައިނާ އާ ދެކޮޅަށް އޭރުގެ އިދިކޮޅު ލީޑަރުން ނިކުމެ ކުރި ހުރިހާ މުޒާހަރާތަކާއި "ފ. އަތޮޅު ވިއްކާލާތީ" ކުރި މުޒާހަރާ އާއި ހަވީރު ނޫހާއި އަބުރުގެ ބިލާ ގުޅިގެން ނޫސްވެރިން ނިކުމެ ކުރި ހުރިހާ މުޒާހަރާތަކާއި އިދިކޮޅު ލީޑަރުން ޖަލަށް ލުމުން އެ ޕާޓީތަކުން ބޭއްވި ހުރިހާ އެއްވުމެއްގައި ވެސް ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކޮށްގެން އަނިޔާވެރި ގޮތަކަށް އެތައް ބަޔަކު ހައްޔަރު ކުރީ ވެސް ޔާމީންގެ ވެރިކަަމުގަ އެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ބާއްވާ އެއްވުންތަކާއި މުޒާހަރާތަކާއި ޕާޓީތަކުގެ ޖަގަހަތައް ކުރިމަތީ ހަވީރު ސައެއް ބޭއްވިޔަސް ރޫޅާލައި ފުލުހުން ފޮނުވައިގެން ގޮނޑި އާއި މޭޒުތައް ގެންދިޔަ އެވެ. ސަރުކާރުން ހިތްހަމަނުޖެހޭ ވާހަކައެއް ލިޔެފައި އޮތް ބެނާއެއް މަގުމަތީ ދެމިޔަސް އެ ނަގައި ފޮރުވި އެވެ.

2018 ގައި އިދިކޮޅު ޕާޓީތަކުން އިންތިޒާމުކޮގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ބޭއްވި އެއްވުމުގައި މީހަކު ހައްޔަރު ކުރަނީ--ފޮޓޯ: މިހާރު

2018 ގައި އިދިކޮޅު ޕާޓީތަކުން އިންތިޒާމުކޮގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ބޭއްވި އެއްވުމުގައި މީހަކު ހައްޔަރު ކުރަނީ--ފޮޓޯ: މިހާރު

ގާނޫނުއަސާސީގައި އެއްވެ އުޅުމުގެ މިނިވަންކަން އޮންނާތީ ގާނޫނީ ގޮތުން ހުރި ބައެއް ހުރަސްތައް ނައްތާލުމަށް މާލޭގައި ކުރިން އެންގުމަކާ ނުލައި އެއްވެވޭނީ ހަމައެކަނި ކާނިވާގައި ކަމަށް ގާނޫނުން ކަނޑައެޅީ ވެސް ހަމަ ޔާމީންގެ ވެރިކަމުގަ އެވެ.

ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ބައިވެރިވި ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އޭރު ވެސް ތިއްބެވީ ޔާމީނާ އެކު އެވެ. ސުލްހަވެރިކަމުގެ ގާނޫނަށް ގެނައި އިސްލާހު ދިފާއު ކުރައްވައި، އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ އެއީ މާލޭގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް އުނދަގޫވެ ޓްރެފިކަށް ބުރޫ އެރުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެއީ ސުލްހަވެރި އެއްވުމެއް ނޫން ކަމަށާއި ރައްޔިތުންނަށް ގެއްލުން ލިބޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވަމުން ގެންދެވި އެވެ.

މިއަދު މުޒާހަރާތައް ހުއްޓުވާތީ ރުޅިގަދަވެ، މި ސަރުކާރަށް ފާޑު ކިޔާއިރު ކުރީ ސަރުކާރުން އަމަލު ކުރީ ކިހިނެއްތޯ ހަނދާން ކޮށްލަން ޖެހެ އެވެ. ކަނޑައެޅިގެން އެނގި ތިބެ، "ކުރީ ސަރުކާރުން މުޒާހަރާކުރުން މަނާ ނުކުރާ" ކަމަށް ޔާމީން ވިދާޅުވުމަކީ ހަގީގަތެއް ނޫނެވެ. -- ހަމައެހެންމެ، އެއްވެ އުޅުމުގެ މިނިވަންކަން ކޮބައިހޭ ކިޔައި، އޭރު އަޑުގަދަ ކުރި މީހުން މިއަދު ވެރިކަމަށް އަރައި، މި ދައްކަނީ ވެސް ރަނގަޅު މިސާލެއް ނޫނެވެ!

އުވާލާން ބުނި އިސްލާހުގެ ފަހަތަށް ސަރުކާރު ވަދެ ފިލާ!

ޔާމީންގެ ވެރިކަމުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް އެޅުމެވެ. މުޒާހަރާއެއް ކުރަމުން ދިޔަ ވަގުތު އެއް ރޭ ޖުމްހޫރީ މައިދާން ކައިރިން ހައްޔަރު ކުރި، އޭރު އިދިކޮޅު ކެނޑިޑޭޓެއް ގޮތުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ދުވަހު ބަދަލު ކުރާނެ އެއް ގާނޫނަކީ އެއްވެ އުޅުމަށް ހުރަސް އެޅޭ ގޮތަށް ޔާމީންގެ ސަރުކާރުން ގެނައި އިސްލާހު ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު ރައީސް ކަމާ ހަވާލުވުމަށް ފަހު މިއަދަށް 1227 ދުވަސް ވީއިރު ވެސް، ކުރިން އެނގުމަކާ ނުލައި މާލޭގައި އެއްވެ އުޅުމުގެ މިނިވަންކަން ލިބޭ ގޮތަށް ގާނޫނަށް އިސްލާހެއް ނުގެނެ އެވެ. އެ އިސްލާހު ނުގެނެސް ލަސް ކުރާ މައްސަލަ އަށް ރަނގަޅު ޖަވާބެއް ވެސް ނުދެއްވަ އެވެ.

މަސްވެރިންގެ ޕާކް ސަރަހައްދުގައި މުޒާހަރާކުރި މީހުން ފުލުހުންނާ ކުރިމަތިލަނީ، ޕެޕާސްޕްރޭ ބޭނުންކޮށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސާ، ބައެއް މީހުން މި ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ -- ފައިލް ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މަސްވެރިންގެ ޕާކް ސަރަހައްދުގައި މުޒާހަރާކުރި މީހުން ފުލުހުންނާ ކުރިމަތިލަނީ، ޕެޕާސްޕްރޭ ބޭނުންކޮށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސާ، ބައެއް މީހުން މި ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ -- ފައިލް ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބިޔަ މެޖޯރިޓީއެއް އޮވެ، އަދި މަޖިލީހުގައި އެމަނިކުފާނުގެ ބާރު އޮތް ކަމަށް ރައީސް އަމިއްލަފުޅަށް ވިދާޅުވި އިރު ވެސް ގާނޫނު ބަދަލު ކުރާކަށް ހުށައެއް ނާޅުއްވަ އެވެ.

ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރެއް ގޮތުގައި ހުންނެވި އިރު އެ ގާނޫނު އިސްލާހު ކުރުމަށް 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުވި ބިލު ރައްޔިތުންގެ މަޖިލީހުގައި އޮތީ ޕާކު ކޮށްފަ އެވެ. އޭގެ ވާހަކަ ދައްކާލާނެ މެމްބަރަކު ނުވި އެވެ. އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތައް ހުއްޓުވަން މި ސަރުކާރުން ވެސް ހުއްޖަތަކަށް ދައްކާ އެއް ކަމަކީ އެ ގާނޫނެވެ.

ރައީސްގެ އެންމެ ބޮޑު އެއް ވައުދު އަދި އެމްޑީޕީން ވަކާލާތު ކުރާ އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭ މި މުހިންމު އިސްލާހު ނުގެނެސް މިއަދާ ހަމަޔަށް ބާއްވާފައި އޮތް އިރު ކުރިއަށް އޮތްތަނުގައި އެ އިސްލާހު ގެންނާނެ ކަމަށް ވެސް ސަރުކާރުން ނުބުނެ އެވެ.

އެކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މީގެ ކުރިން ވާހަކަ ދައްކަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ އިސްލާހު މިހާރު އޮތް ގޮތަށް އޮތުމުގެ މުހިންމު ކަން ވިދާޅުވެފަ އެވެ. ސަރުކާރުން ގާނޫނު އިސްލާހު ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަން އެނގެ އެވެ.

ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފަހި ކޮށްދޭން ކުރީ ސަރުކާރާއި އަދި މި ސަރުކާރުގައި ތިބި ސިޔާސީ ވެރިން ވެސް ބޭނުން ނުވާ ކަން އެނގެ އެވެ. އިދިކޮޅުގައި ތިބޭ ފަރާތަކަށް އެ ހައްގު މުހިންމު ވިޔަސް ސަރުކާރުގައި ހުންނަ ޕާޓީ އަށް މުހިންމު ވަނީ އެ ހައްގު ވީހާ ވެސް ހަނިވެފައި އޮތިއްޔާ އެވެ.

އެ ގާނޫނާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބޮންޑޭ ވިދާޅުވި ގޮތުގައި އިދިކޮޅުން މިހާރު ކުރަނީ ސުލްހަވެރި މުޒާހަރާއެއް ނޫނެވެ. އިންޑިއާ އައުޓަކީ ރައްޔިތުންނަށް ގެއްލުން ހުރި ސިޔާސީ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޔާމީން ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނުގެ ޕާޓީ މެމްބަރުންނާއި ވަޒީރުން ވެސް ދެއްކެވި ހުއްޖަތެކެވެ.