Roadha Mihaaru
ޕީޕީއެމްގެ މީދޫގެ "މުގޫ" އެމްޑީޕީ އަށް

ޕީޕީއެމްގެ މީދޫގެ "މުގޫ" އެމްޑީޕީ އަށް

06 ޖޫން 2023

އައްޑޫ މީދޫ ދާއިރާގައި އިދިކޮޅު ހަރަކާތް ހިންގުމުގައި މިހާތަނަށް އެންމެ އިސްކޮށް ހުންނެވި މުހައްމަދު އިބްރާހިމްދީދީ (މުހައްމައިދީ ނުވަތަ ބޭބެ) އެމްޑީޕީއާ ގުޅިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫ މީދޫ ދާއިރާގައި އިދިކޮޅު ހަރަކާތް ހިންގުމުގައި މިހާތަނަށް އެންމެ އިސްކޮށް ހުންނެވި މުހައްމަދު އިބްރާހިމްދީދީ (މުހައްމައިދީ ނުވަތަ ބޭބެ) އެމްޑީޕީއާ ގުޅިއްޖެ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް އޭނާ ސޮއިކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑު އަށް ކުރައްވި ދަތުރުފުޅުގައި އިއްޔެ ހުޅުދު އަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޕީޕީއެމް އުފެދުނީއްސުރެ އެ ޕާޓީގެ މީދޫގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރި އުމުރުން 67 އަހަރުގެ މުހައްމައިދީ އެ ޕާޓީން ވަކިވިއިރު އޭނާ ހުރީ ޕީޕީއެމްގެ އެސްއޯ ކޮމިޓީގެ ހަޒާންދާރެއްގެ ގޮތުގަ އެވެ.

ސޮއިކުރުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނީ ޕީޕީއެމް ދޫކޮށްލަން ނިންނި އެންމެ ބޮޑު ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރައްގީ ފެނުމުން ކަމަށެވެ.

"އަޅުގަނޑު ކިތަންމެ މުސްކުޅިޔަސް އަޅުގަނޑުގެ ހުންނަނީ ވަރަށް ޒުވާން ލެޔެއް. އަޅުގަނޑުގެ ގައުމީ ޖޯޝު ވަރަށް ބޮޑުވާނެ. ޕާޓީއަކަށް ނޫން އަޅުގަނޑު މަސައްކަތް ކުރަނީ. މި ގައުމަށްޓަކައި. ތަރައްގީއަށްޓަކައި. ރަށުގެ ކުރިއެރުމަށް،" މުހައްމައިދީ ބުންޏެވެ.

މުހައްމަދު އިބްރާހިމް ދީދީ އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ރައީށް އިބްރާހިމް މުހައްމަސު ސޯލިހާ ސަލާމް ކުރައްވަނީ.--

މުހައްމަދު އިބްރާހިމް ދީދީ އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ރައީށް އިބްރާހިމް މުހައްމަސު ސޯލިހާ ސަލާމް ކުރައްވަނީ.--

އޭނާ ބުނިގޮތުގައި އެ މަގުން ދެވެން އޮތީ އެމްޑީޕީއާ ގުޅިގެން ކަމަށް ގަބޫލު ކުރެވެ އެވެ.

"ރާއްޖޭގެ ކޮންމެ ރަށަކަށް ބެލިޔަސް މި ފެންނަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ތަރައްގީ. މި ސަރުކާރަކީ ވަކި ރަށެއް، ރަށުގެ ކުޑަބޮޑުމިނެއް ބެލުމެއް ނެތި، ބާކީ ނުކޮށް ކަންކަން ކުރައްވާ ވެރިއެއް ރައީސް ސޯލިހަކީ،" މުހައްމައިދީ ބުންޏެވެ.

"އަޅުގަނޑަށް ތަރައްގީ ފެންނަނީ އެމްޑީޕީން. އެހެންވެ އެމްޑީޕީއާ ގުޅިގެން ތަރައްގީގެ ކަންކަން ކުރިއަށް ގެންދަން ބޭނުންވާތީ."

"ޕީޕީއެމް އަށް ކޮށްދިން މަސައްކަތް ބަލައިނުގަތް، ވަނީ ބޮޑެތި އިހުމާލު"

މީގެ 12 އަހަރު ކުރިން 2011 ގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޭސްތިރިކަމުގައި އުފެއްދި ޕީޕީއެމަށް އެންމެ ފުރަތަމަ ސޮއިކުރި މީހުންގެ ތެރޭގައި ހިމެނޭ މުހައްމައިދީ ބުނީ އެ ޕާޓީން ވަކިވާން ނިންމީ އޭނާ ބަލައިނުގަތުމާއި ވަމުންދާ ބޮޑެތި އިހުމާލުތަކުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑެތި އިހުމާލުތައް ކުރޭ އެބަ ޕާޓީން. އެއް އިހުމާލެއް ދެ އިހުމާލެއް ނޫން. އެތައް އިހުމާލެއް ކޮށްފައި އެބަހުރި،" އޭނާ ބުންޏެވެ.

މުހައްމައިދީ ބުނީ، ޕީޕީއެމާ ގުޅޭ ކަންކަމުގައި މީދޫގައި އުޅެނީ ދެތިން މީހުން ކަމަށެވެ.

އެމްޑީޕީއާ އަލަށް ގުޅުނު މުހައްމަދު އިބްރާހިމް ދީދީ: އޭނާ ބުނީ ޕީޕީއެމުން އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް.-- ފޮޓޯ: މިހާރު

އެމްޑީޕީއާ އަލަށް ގުޅުނު މުހައްމަދު އިބްރާހިމް ދީދީ: އޭނާ ބުނީ ޕީޕީއެމުން އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް.-- ފޮޓޯ: މިހާރު

"ޕާޓީގައި ކޮންމެ ކަމެއް ކުރިޔަސް އަޅުގަނޑު ހުންނާނެ އެންމެ ކުރީގައި. ދުވަހަކު ވެސް ރައީސް ޔާމީނާ ބައްދަލެއް ނުވޭ. ދުވަހަކު ވާހަކަ ވެސް ނުދައްކަން. ޕީޕީއެމްގެ އޮފީހުގައި އަޅުގަނޑު މަސައްކަތް ކުރަނީ ވެސް. ޕީޕީއެމްގައި ވެސް އޮންނާނެ ކައުންސިލެއް، އެ ތަނުގެ އެއްވެސް މީހަކަށް އަޅުގަނޑު ނަން ވެސް ނޭނގޭ،" މުހައްމައިދީ ބުންޏެވެ.

"މި ވަރު ބަޔަކާ އެއްކޮށް އަޅުގަނޑު މަސައްކަތް ކުރާނީ ކިހިނެއްތޯ؟"

މުހައްމައިދީ (ކ) އެމްޑީޕީއަށް ސޮއިކުރުމަށް ފަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާ ފޯމު ހަވާލުކުރަނީ: އޭނާ ލަފާކުރާގޮތުން މީދޫއިން 50 އަށްވުރެ ގިނަ މީހުން އެމްޑީޕީއާ ގުޅޭނެ.-- ފޮޓޯ: ރައީސް އޮފީސް

މުހައްމައިދީ ބުނީ، މިދިޔަ 12 އަހަރަށް ބަލާއިރު، އޭނާ ކުރި ކަމެއް ބަލައިގަތް ބަޔަކު ޕީޕީއެމްގައި ނެތް ކަމަށެވެ.

"ހަމަ ކޮންމެ ކަމެއް ބޭބޭ ކުރަން ވެއްޖޭ، ދެން ބޭބެ ކުރާނެތާ،" އޭނާ ބުންޏެވެ.

މުހައްމައިދީ ލަފާކުރާގޮތުން މީދޫން 50 އަށް ވުރެ ގިނަ މީހުން އެމްޑީޕީއާ ގުޅޭނެ އެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީިޕީ އަށް މީދޫގެ 60 ޕަސެންޓް މީހުންގެ ވޯޓު ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.