Roadha Mihaaru
ހޫތީންގެ ގިނަ ހަމަލާތަކެއް ސައޫދީ އަށް

ހޫތީންގެ ގިނަ ހަމަލާތަކެއް ސައޫދީ އަށް

21 ނޮވެމްބަރ 2021

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރާ ހޫތީ ހަނގުރާމަވެރިން، ސައޫދީ އަރަބިއްޔާގެ އެކި ސަހަރުތަކަށް ޑްރޯންގެ ގިނަ ހަމަލާތަކެއް، އިއްޔެ ދީފައިވާނެ ކަމަށް ހޫތީން ބުނެފި އެވެ.

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރާ ހޫތީ ހަނގުރާމަވެރިން، ސައޫދީ އަރަބިއްޔާގެ އެކި ސަހަރުތަކަށް ޑްރޯންގެ ގިނަ ހަމަލާތަކެއް، އިއްޔެ ދީފައިވާނެ ކަމަށް ހޫތީން ބުނެފި އެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ ބުނި ގޮތުގައި އިއްޔެ ހަމަލާ ދިން އަމާޒުތަކުގެ ތެރޭގައި، ޖިއްދާގައި ހުންނަ ސައޫދީގެ ތެޔޮ ކުންފުނި އަރާމްކޯގެ ތެޔޮ ސާފުކުރާ ކާރުޚާނާ ހިމެނެ އެވެ. އަރާމްކޯގެ އިތުރުން، ޖިއްދާ، ރިޔާޒް، އަބްހާ އަދި ޖީޒާން އާއި ނަޖްރާންގައި ހުރި ސައޫދީ ސިފައިންގެ 13 އަމާޒަކަށް އިއްޔެ ޑްރޯންގެ ހަމަލާތައް ދިން ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

ސާރީ ބުނި ގޮތުގައި އެ ޖަމާތުން ސައޫދީގެ އަމާޒުތަކަށް ހަމަލާ ދެނީ، ސައޫދީ އާއި ގުޅިފައިވާ ލަޝްކަރުން ޔަމަނަށް ދޭ ހަމަލާތަކަށާއި، ޔަމަން ހިސޯރުކޮށްފައި އޮތުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ސައުދީގެ އަމާޒުތަކަކަށް 14 ހަމަލާއެއް ދިން ކަމަށް ހޫތީން ބުންޏަސް، ސައޫދީ ސަރުކާރުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

އޭގެ ބަދަލުގައި ސައޫދީން ބުނީ އެ ގައުމުގެ ސިފައިންނާއި ގުޅިފައިވާ ލަޝްކަރުގެ ސިފައިން، އިއްޔެ ވެސް ޔަމަންގައި ތިބި ހޫތީންގެ އަމާޒުތަކަށް ހަމަލާދީ ހޫތީންގެ ހަނގުރާމަވެރިންތަކެއް މަރާލައިފާ ކަމަށެވެ. އެ ގޮތުން ވެރިރަށް ސަންއާ އާއި ސާދާގެ އިތުރުން މައުރިބްގައި ހުރި ހޫތީންގެ އަސްކަރީ ގުދަންތަކާއި، ވައިގެ ދިފާއީ ނިޒާމުތަކަށާއި ޑްރޯންތަކުގެ މުވާސަލަތީ ނިޒާމުތަކަށް އިއްޔެ ހަމަލާ ދިން ކަމަށް ހޫތީން ބުންޏެވެ.

އީރާންގެ މަދަދާ އެކު، ޔަމަންގައި ހަނގުރާމަކުރަމުންދާ ހޫތީ ހަނގުރާމަވެރިން ބުނާ ގޮތުގައި ސައޫދީ އަރަބިއްޔާގެ އަމާޒުތަކަށް ދިން ޑްރޯން ހަމަލާތައް ވަރަށް ކާމިޔާބެވެ. ނަމަވެސް އެ ކާމިޔާބީގެ ތަފްސީލެއް ހޫތީން ނުދެ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޔަމަންގައި މިހާރު ކުރިއަށް ދާ ދާހިލީ ހަނގުރާމައަށް އިތުރު ހަރަދުތަކެއް ކުރަން ސައޫދީ އަރަބިއްޔާ މިހާރު ބޭނުމެއް ނުވެ އެވެ. އޭގެ ބަދަލުގައި ސައޫދީން މިހާރު ބޮޑަށް އިސްކަން ދެނީ، އެ ގައުމުގެ ސަރަހައްދީ އިން ހިމާޔަތް ކުރުމަށެވެ.

ޔަމަންގެ ދާހިލީ ހަނގުރާމަ ފެށުނީ އެ ގައުމުގެ ބޮޑުވަޒީރު އަބްދު ރައްބު މަންސޫރުލް ހާދީގެ ވެރިކަމާ ދެކޮޅަށް، ހޫތީ ހަނގުރާމަވެރިން 2014 ވަނަ އަހަރުގެ ފަހުކޮޅު ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހޫތީ ހަނގުރާމަވެރިން، ވެރިރަށް ސަންއާ ހިފުމާ ގުޅިގެން، ހަނގުރާމަ އިތުރަށް ފުޅާވެ، 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި، ބޮޑުވަޒީރު އަބްދުރައްބު މަންސޫރު ގައުމު ދޫކުރައްވައި ސައޫދީ އަށް ވަޑައިގެންނެވި އެވެ.

އަބްދުރައްބު މަންސޫރަށް އަލުން ވެރިކަން ހޯދައިދިނުމުގެ ބޭނުމުގައި، ސައޫދީ އަރަބިއްޔާ އާއި އަރަބި ބައެއް ގައުމުތައް ގުޅިގެން އެކުލަވައިލި ގުޅިފައިވާ ލަޝްކަރުން، 2015 ވަނަ އަހަރުގެ ތެރޭގައި، ޔަމަންގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫތީންގެ އަމާޒުތަކަށް ވައިގެ މަގުން ހަމަލާ ދޭން ފެށި އެވެ.

އދ.ގެ ތަފާސްހިސާބުތައް ބުނާ ގޮތުން، 2014 ވަނަ އަހަރުން ފެށިގެން ޔަމަންގައި ކުރިއަށް ދާ ދާހިލީ ހަނގުރާމައިގައި މިހާތަނަށް 233،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. ޔަމަންގެ ދާހިލީ ހަނގުރާމަ ހުއްޓުވުމަށް އދ. އާއި އެމެރިކާ އަދި ވިލާތުގެ އިއްތިހާދުން މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފަ އެވެ.