Roadha Mihaaru
ޔަމަން ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ: ލުބްނާން

ޔަމަން ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ: ލުބްނާން ވަޒީރު

15 ޑިސެމްބަރ 2021

ޔަމަންގައި މިހާރު ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް، ލެބަނާންގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު އައްބާސް އަލްހާއްޖު ހަސަން ވިދާޅުވެއްޖެ އެވެ.

ޔަމަންގައި މިހާރު ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް، ލެބަނާންގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު އައްބާސް އަލްހާއްޖު ހަސަން ވިދާޅުވެއްޖެ އެވެ.

މިހާރުން މިހާރަށް ހުއްޓައިލަން ޖެހިފައިވާ އެންމެ ބޮޑު ހަނގުރާމައަކީ ޔަމަން ހަނގުރާމަ ކަމަށް، ލެބަނާންގެ ވަޒީރަކު މިވިދާޅުވީ، ޔަމަން ހަނގުރާމައިގައި ސައޫދީ އަރަބިއްޔާ އިން އަދާކުރަމުންދާ ދައުރާ ދެކޮޅަށް ލެބަނާންގެ ވަޒީރަކު ވާހަކަ ދެއްކެވި މައްސަލަ ވަރަށް ގޯސްވެފައި ވަނިކޮށެވެ. ޔަމަންގައި ސައޫދީން ކުރަނީ ބޭކާރު ހަނގުރާމައެއް ކަމަށް، ލެބަނާންގެ އިންފޮމޭޝަން ވަޒީރުގެ މަގާމުގައި ހުންނެވި ޖޯޖް ގަރްދާހީ ވިދާޅުވުމާ ގުޅިގެން، ދެ ގައުމުގެ މެދުގައި އުފެދުނު ސިޔާސީ ދެބަސްވުންތައް މައިތިރިވީ މިމަހުގެ ކުރީކޮޅު އެވަޒީރު އިސްތިއުފާ ދެއްވުމުންނެވެ.

ދަނޑުވެރިކަމާ ބެހޭ ވަޒީރު އައްބާސް ވިދާޅުވި ގޮތުގައި ދިރިހުރުމަށް އުންމީދުކުރި އެތައް ހާސް ބަޔަކު، ހަނގުރާމައިގެ ހަމަލާތަކުގަ އާއި ބަނޑުހައިހޫނުކަމާއި މަރުވެގެންދާ މަންޒަރު ދުށުމަކީ ކެތްވާނެ ކަމެއް ނޫނެވެ. ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ނަތީޖާތަކަށް ބެލުމެއް ނެތި، ހަނގުރާމަވެސް ކުރަންޖެހޭނެ ކަމަށާއި، މާތް ﷲ އިރާދަކުރެއްވި ބަޔަކަށް ނަސްރު ދެއްވާނެ ކަމަށް ބުންޏަސް، ހަނގުރާމައަކީ ހުއްޓައިލަން ޖެހޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަނގުރާމަ ފެށީ ކޮންމެ ބަޔަކު ކަމަށް ވިޔަސް، އަދި ހަނގުރާމައިގައި ހައްގު ގޮތުގައި ތިބީ ކޮންމެ ބަޔަކު ކަމަށް ވިޔަސް، އަދި ނަސްރު ލިބެނީ ކޮންމެ ބަޔަކަށް ކަމަށް ވިޔަސް، އަދި ކޮންމެ ގޮތަކަށް ހަނގުރާމައިގެ ނިމުން އައިކަމުގައި ވިޔަސް، ޔަމަންގައި މިހާރު ކުރަމުން އެދާ ހަނގުރާމަ ހުއްޓައިލަން ޖެހޭ،" ވަޒީރު ވިދާޅުވި އެވެ.

މީގެ ކުރިން ލެބަނާންގެ އިންފޮމޭޝަން މިނިސްޓަރު، ޔަމަނު ހަނގުރާމައާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން، ސައޫދީގައި ހުންނެވި ލެބަނާންގެ ސަފީރު އެ ގައުމުން ބޭރުކޮށް، ލެބަނާންގައި ހުންނެވި ސައޫދީ ސަފީރު ވަނީ އަނބުރާ ސައޫދީ އަށް ގެނެސްފަ އެވެ.

ސައޫދީގެ އެ ނިންމުމާ ގުޅިގެން އެމިރޭޓްސް އާއި ބަހްރައިނާއި ކުވައިތުގެ އިތުރުން ޔަމަނުން ވެސް ހަމަ އެ މޭރުމުން ލެބަނާނާ ދެކޮޅަށް ފިޔަވަޅު އެޅި އެވެ.

މަގާމުން އިސްތިއުފާ ދެއްވި، ލެބަނަންގެ ކުރީގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ގަރްދާހީއަކީ، އީރާންގެ މަދަދާ އެކު ހިންގާ ހިޒްބުﷲ ޖަމާއަތަށް ތާއީދުކުރައްވާ ބޭފުޅެކެވެ. މިފަހަރު ޔަމަން ހަނގުރާމައަށް ފާޑުވިދާޅުވި، ދަނޑުވެރިކަމާ ބެހޭ ވަޒީރު އައްބާސްއަކީ ވެސް، ހިޒްބުﷲ ޖަމާއަތާއި އަމަލް ޖަމާއަތާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ހިޒްބުﷲ އާއި އަމަލް ޖަމާއަތަކީ، ސައޫދީ އަރަބިއްޔާ އާއި ބައެއް އަރަބި ގައުމުތަކާއި ހުޅަނގުގެ ގައުމުތަކުން ޓެރަރިސްޓުން ގޮތުގައި ކަނޑައަޅާފައި އޮންނަ ދެ ޖަމާއަތެވެ.

ޔަމަންގެ ދާހިލީ ހަނގުރާމަ ހިނގަމުން ދަނީ، ޔަމަންގެ ސަރުކާރު ސިފައިންނާއި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާ ހޫތީ ހަނގުރާމަވެރިންނާ ދެމެދުގަ އެވެ. ހޫތީ ހަނގުރާމަވެރިންނަށް އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެނީ އީރާނުންނެވެ. ޔަމަންގެ ސަރުކާރު ސިފައިންނަށް އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެނީ ސައޫދީ އަރަބިޔާ އާއި އަރަބި ބައެއް ގައުމުތަކުންނެވެ.