Roadha Mihaaru
ކޮމަންޑޫގެ އިހުތިސާސްގެ ތެރޭގައި މަތިކޮމަންޑޫ ހިމަނައިފި

ކޮމަންޑޫގެ އިހުތިސާސްގެ ތެރޭގައި މަތިކޮމަންޑޫ ހިމަނައި ރަސްމީކޮށް އިއުލާންކޮށްފި

31 މާޗް 2022

ށ. ކޮމަންޑޫގެ އިހުތިސާސްގެ ތެރޭގައި މަތިކޮމަންޑު އާއި އިތުރު ފަޅުރަށެއް ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ށ. ކޮމަންޑޫގެ އިހުތިސާސްގެ ތެރޭގައި މަތިކޮމަންޑު އާއި އިތުރު ފަޅުރަށެއް ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ރައީސް ނެރުއްވި ގަރާރެއްގައި ވިދާޅުވީ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސްއާ މަތިކޮށްފައިވީ ހިނދު، ކޮމަންޑޫގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ މަތިކޮމަންޑު އާއި ކުޑަފަރުފިނޮޅު ހިމަނަން ފެނިވަޑައިގަންނަވާތީ އެގޮތަށް ނިންމަވާފައިވާ ކަމަށެވެ.

ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން މިރޭ "މިހާރު" އަށް ވިދާޅުވީ، ރައީސްގެ ގަރާރު ނެރުއްވީ، މަތިކޮމަންޑޫގެ ބިން ހިއްކުމުން ކުޑަފަރުފިނޮޅު ވެސް އެ ރަށުގެ އިހުތިސާސްގެ ތެރެއަށް ވަންނާނެތީ، ކޮމަންޑޫގެ އިދާރީ ދާއިރާގެ އިހުތިސާސް އަލުން ކަނޑައަޅައިދޭން ކައުންސިލުން ރައީސްގެ އަރިހުގައި އެދިފައި ވާތީ ކަމަށެވެ.

ސަރުކާރުން އަންނަނީ ބިން ހިއްކައިގެން ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅާލުމުގެ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. އެ މަޝްއޫރު ފެށީ، މިދިޔަ ފެބްރުއަރީ މަހުގައި ބޭއްވި ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު ހޮވުމުގެ ބައި އިލެކްޝަނާ ދިމާކޮށެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ވެސް ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރި މުހައްމަދު ރާޝީދެވެ.

ށ. ކޮމަންޑު އާއި މަތިކޮމަންޑޫގެ ބިން ހިއްކައިގެން އެ ދެ ރަށް ގުޅާލުމުގެ އަމަލީ މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ކޮމަންޑު އާއި މަތިކޮމަންޑޫގެ ބިން ހިއްކައިގެން އެ ދެ ރަށް ގުޅާލުމުގެ އަމަލީ މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖެނުއަރީ 12 ގަ އެވެ. އެ މަޝްރޫއުގެ ދަށުން މަތިކޮމަންޑޫން 16.7 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 249 މިލިއަނަށް ވުރެ ގިިނަ ރުފިޔާ ހަރަދުކުރާއިރު، މަސައްކަތް ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަތިކޮމަންޑޫގެ ބިން ހިއްކުމަށް ފަހު، އެ ރަށާ ކޮމަންޑޫ ގުޅާލާނީ ކޮންކްރީޓް ފާލަމަކުންނެވެ.

ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅާލުމަކީ މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް މަޝްރޫއެވެ. މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައި ނެތް އެ މަޝްރޫއު، ބައި އިލެކްޝަން ކައިރިވަނިކޮށް އިއުލާންކޮށް، މަސައްކަތް ފެށުމުން އެއީ ސަރުކާރުން އިންތިހާބަށް ނުފޫޒުފޯރުވަން ވެގެން ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރި އެވެ.

މަތިކޮމަންޑޫގެ އުތުރު ފަރާތުގައި އޮންނަ ކުޑަފަރުފިނޮޅަކީ ކޮމަންޑޫގެ މީހުންގެ އާންމުކޮށް ޕިކްނިކް ދިއުމަށް ބޭނުންކުރާ ރަށެވެ. ބޮޑު ތުނޑިއެއް ވެސް އޮންނަ އެ ރަށުގައި ހުންނަނީ އެންމެ ހަތް ރުކެވެ.