Roadha Mihaaru

އިންތިހާބުގެ އިސްތިއުނާފް އަނބުރާ ގެންދަން އީސީން ނިންމައިފި

ލޯކަލް ކައުންސިލް އިންތިހާބު ދެ މަަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

އިންތިހާބުގެ އިސްތިއުނާފް ނަގަން ނިންމައިފި
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

22 ޑިސެމްބަރ 2016

ލޯކަލް ކައުންސިލް އިންތިހާބު ދެ މަަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ޖެނުއަރީ 14 ގައި ބާއްވަން ނިންމި އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ޑިސެމްބަރު 1 ގައި ހުކުމް ކުރިޔަސް އެ މައްސަލަ އިސްތިއުނާފްކުރީ މިދިޔަ އަންގާރަ ދުވަހެވެ. އޭރު އިސްތިއުނާފްކުރުން އޮތީ ބޭކާރު ކަމަކަށް ވެފަ އެވެ. ސަބަބަކީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށް ހައި ކޯޓުން މިހާރު ނިންމިޔަސް، ޖެނުއަރީ 14 ގައި އިންތިހާބު ބޭއްވުމުގެ ފުރުސަތު، ގާނޫނީ ގޮތުން ނެތުމެވެ.

މައްސަލަ އިސްތިއުނާފްކުރިތާ ދެ ދުވަސް ފަހުން އަނބުރާ ނަގަން ނިންމީ، އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނިގޮތުގައި، އެ މައްސަލަ އަނބުރާ ނެގުމަށް ފަހު، އިންތިހާބު ބާއްވާނެ އާ ތާރީޚެއް އިއުލާންކުރަން، އިންތިހާބާ ބެހޭ ގައުމީ ލަފާ ދޭ ކޮމެޓީން މިދިއަ ހޯމަދުވަހު ލަފާ ދިނުމުންނެވެ. އެކަމަކު ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރީ ވެސް އެ ކޮމިޓީން އެގޮތަށް އެދިފައި އޮއްވަ އެވެ.

އެންމެން ވެސް ހީކޮށްގެން ތިބީ ސިވިލް ކޯޓުގެ ހުކުމް، ކޮމިޝަނުން ވަގުތުން އިސްތިއުނާފްކުރި ކަމަށެވެ. އެކަމަކު ހައި ކޯޓަށް މައްސަލަ ހުށަހެޅި އިރު ފުރިހަމަނުވާ ކަންކަން ހުރެގެން އިސްލާހުކުރަން ކޯޓުން އެދުމުން، ކޮމިޝަނުން އޮތީ އެކަން ނުކޮށެވެ. އަންގާރަދުވަހު މައްސަލަ އިސްތިއުނާފްކުރީ، ހައި ކޯޓަށް މައްސަލަ ހުށަނާޅާ ކަމަށް އެ ކޯޓުުން ބުނުމުން، ކޮމިޝަނަށް ފާޑުކިޔުން އަމާޒުވެފައި އޮއްވަ އެވެ.

ކޮމިޝަނުން ބުނީ މައްސަަ އަނބުރާ ނެގިއަސް ސިވިލް ކޯޓުގެ ހުކުމް ދެމިއޮންނާނެތީވެ، އެ ހުކުމާ އެއްގޮތަށް ކުރިއަށް ދާން، ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރަން ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ޖެނުއަރީ 14 ގައި ބާއްވަން އުޅުނު އިންތިހާބު ދެ މަހަށް ސިވިލް ކޯޓުން ފަސްކުރީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހަޅައިގެންނެވެ.

އެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީއެމަށް ބައިވެރި ނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.

ރައީސް ޔާމީން ފެކްޝަނުން ބޭނުންވެގެން އިންތިހާބު ފަސްކޮށް، އެތައް ބައެއްގެ ހައްގު ގެއްލިގެންދާ މައްސަލާގައި ސިޔާސީ ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.