Roadha Mihaaru
ޝިޒޫގެ ކޭކުގެ ރަހަ ޗައިނާގައި ވެސް ހެޔޮވަރު

ޝިޒޫގެ ކޭކުގެ ރަހަ ޗައިނާގައި ވެސް ހެޔޮވަރު

04 އެޕްރީލް 2022

ފިރިމީހާ ޑރ. އަލީ ޝަމީމް ކިޔެވުމަށް މީގެ 15 އަހަރު ކުރިން އާއިލާއާއެކު އެމެރިކާއަށް ބަދަލުވެ، އިތުރު މަސައްކަތެއް ނުކޮށް ގޭގައި ހުންނަން ޖެހުމުން އާމިނަތު ޝިޒްނާ ޝަރީފް [ޝިޒޫ] ކުރަން ފެށީ ކޭކު އަޅާ ވީޑިއޯތައް ބަލައި އެ މަސައްކަތް ދަސްކުރުމެވެ. އެކި ޓިއުޓޯރިއަލްތައް ބަލައިގެން ބަޓާ ކޭކު އަޅަން ދަސްވިތަނާ ބަދަލުވާން ޖެހުނީ ރާއްޖެއަށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިރިމީހާ ޑރ. އަލީ ޝަމީމް ކިޔެވުމަށް މީގެ 15 އަހަރު ކުރިން އާއިލާއާއެކު އެމެރިކާއަށް ބަދަލުވެ، އިތުރު މަސައްކަތެއް ނުކޮށް ގޭގައި ހުންނަން ޖެހުމުން އާމިނަތު ޝިޒްނާ ޝަރީފް [ޝިޒޫ] ކުރަން ފެށީ ކޭކު އަޅާ ވީޑިއޯތައް ބަލައި އެ މަސައްކަތް ދަސްކުރުމެވެ. އެކި ޓިއުޓޯރިއަލްތައް ބަލައިގެން ބަޓާ ކޭކު އަޅަން ދަސްވިތަނާ ބަދަލުވާން ޖެހުނީ ރާއްޖެއަށެވެ.

އޭރު ނަރުހަކަށް އުޅެމުން އައި ދެ ކުދިންގެ މަންމަ އެންމެ ބޭނުންވި ވަރަށް ކޭކެއް ނޭޅުނެވެ. އެކަމަކު އެ އާއިލާ ޖޯޑަން އަށް ބަދަލުވެ، ޕާޓް-ޓައިމް ވަޒީފާއެއްގެ ގޮތުގައި ބޯޑިން ސްކޫލްގެ ހެލްތު ސެންޓަރުގައި މަސައްކަތްކުރިއިރު އޭނާ ދިޔައީ ހަފުތާ ބަންދުގައި ކޭކު އަޅަމުންނެވެ. އެ ގައުމުގައި ހަ އަހަރު ވަންދެން ދިރިއުޅުމަށް ފަހު އިންޑޮނޭޝިޔާ އަށް ބަދަލުވެ، އެ ގައުމުގައި އުޅުނު ތިން އަހަރުގެ ތެރޭގައި ރާނބާ ފަތް ކޭކު އަޅަން ޝިޒޫ ދަސްކުރި އެވެ.

"ރާނބާ ފަތް ކޭކަކީ އިންޑޮނޭޝިޔާގައި ވަރަށް މަޝްހޫރު ކޭކެއް. އެގޮތަށް އެ ކޭކު އަޅަން ދަސްކޮށް އަދި ފަހުން އަމިއްލަ ރެސިޕީއެއްގައި ކޭކު އެޅުމުން ވަރަށް ގިނަ މީހުންނަށް ކަމުދިޔަ،" ޝިޒޫ ބުންޏެވެ.

އިންޑޮނޭޝިޔާގައި ދިރިއުޅެ، އަނެއްކާ ވެސް މާލެ ބަދަލުވެ ކޭކު އަޅަން ފެށި އެވެ. އަދި "ޝިޒޫ ބޭކްސް" ގެ ނަމުގައި އިންސްޓަގްރާމުން އިންޓްރެމެޓް ކޭކުތައް ފެންނަން ފެށީ މީގެ ދެ އަހަރު ކުރިން ޗައިނާގެ ވެރިރަށް، ބެއިޖިންއަށް ދިރިއުޅުން ބަދަލުކުރި ފަހުންނެވެ.

"ވީޑިއޯތަކުން ފެނޭ މޫސް ކޭކު، މިރޯ ގްލޭސް ކޭކު ރެޑް ވެލްވެޓް ކޭކް. މީތި ދަސްކުރާ ހިތްވެއްޖެ ހުންނަލެއް ރީތިކަމުން،" ނާސިންގެ ދާއިރާއިން މެލޭޝިޔާއިން ޑިގްރީ ހާސިލްކޮށްފައިވާ ޝިޒޫ ބުންޏެވެ.

އޭނާ ވަނީ ތަފާތު އެކި ކޭކުތައް އަޅަން ދަސްކުރަން އޮންލައިން ތިން ކޯހެއްގައި ބައިވެރިވެފަ އެވެ. އޭގެ ތެރެއިން ވިނާރާގެ ކޯސް ފެށުމުގެ ކުރިން ބޭއްވި ވެބިނާގައި ހަވާލުކުރި ކޭކެއް ހަދައިގެން ޝިޒޫ ވަނީ ގަދަ 10 ގައި ހިމެނިފަ އެވެ. އޭގެ ފަހުން ބައިވެރިވި އެހެން ކޯހެއްގެ ވެބިނާގައި ވެސް ބައިވެރިވި 100 އަށްވުރެ ގިނަ މީހުންގެ ތެރެއިން ޝިޒޫގެ ކޭކް ގަދަ 10 އަށް ލައްވައިލި އެވެ.

ޝިޒޫ މިހާރު އެންމެ ގިނައިން އަޅަނީ މޫސް ކޭކެވެ. އޭގެ އިތުރުން، ރެޑް ވެލްވެޓް ކޭކާއި މިރޯ ގްލޭޒްގެ ހުނަރުތައް ކޭކުން ދައްކާލި އެވެ.

ޝިޒޫ، އޭނާގެ ފިރިމީހާ އަދި ދެ ކުދިންނާއެކު.

ޝިޒޫ، އޭނާގެ ފިރިމީހާ އަދި ދެ ކުދިންނާއެކު.

"ޗައިނާގައި ވަރަށް ފުރުސަތުތައް ލިބޭ ކޭކަށް. މިހާރު ހޯމް ބޭކަރީއެއް ގޮތަށް މި ވިއްކަނީ ކޭކު... ބޭރު މީހުންނަށް މި ކޭކުތައް ވަރަށް ކަމުދޭ،" ޝިޒޫ ބުންޏެވެ.

ކޭކުތައް އިސްތިހާރު ކުރުމަށް އޭނާ ވަނީ ކޮމިއުނިޓީ ހަތަރު ގްރޫޕެއް ހަދައިފަ އެވެ. އެ ކޮންމެ ގްރޫޕެއްގައި ވެސް 2،000 އެއްހާ މީހުން އުޅެ އެވެ. އޭނާ ބުނީ އޯޑަރު ދިނުމުން ކޭކު ޑެލިވާ ވެސް ކޮށްދޭ ކަމަށެވެ.

"ވަރަށް ގިނަ އޯޑަރު ލިބޭ މިހާރު. ބެއިޖިންގައި ވެސް ވަރަށް ނޫޅޭ މީގެ ކޭކު އަޅާ މީހެއް. ވެލްވެޓް ކޭކު ބޮޑަށް މި މީހުންނަށް ކަމުދަނީ. ވެލްވެޓް ކޭކަކީ ވަރަށް ޔުނިކް އެއްޗެއް މިތާނގައި،" އޭނާ ބުންޏެވެ.

ބައިވަރު ލޭޔާތައް ލައިގެން މޫސް ކޭކެއް ހަދަން މަދުވެގެން ތިން ދުވަސް ހޭދަވެ އެވެ. އެކި ލޭޔާތައް ހެދުމަށްފަހު ފްރިޖުގައި ބަހައްޓަން ޖެހެ އެވެ. އެ ކޭކު ނެގުމަށްފަހު ކޮމްޕްރެސާ އަދި ގަން ބޭނުންކޮށްގެން ކޭކަށް ސްޕްރޭކޮށް، ގާތްގަނޑަކަށް ފަސް ގަޑިއިރު ފްރިޖުގެ ފިނިކުރާ ބަޔަށް ލާފައި ބަހައްޓަންޖެހެ އެވެ.

ކޭކަށް ސްޕްރޭ ކުރާއިރު، އެ ކޭކު ބަހައްޓާފައި ހުންނަ ތަން ޖެހެނީ ވަކި ފިނި މިނެއްގައި ބަހައްޓާށެވެ. އެހެންނޫނީ ކޭކު ހަލާކުވެގެން ސްޕްރޭ ނުކުރެވޭނެ އެވެ.

ޝިޒޫ ބުނީ އޭނާއަށް ރަނގަޅަށް މޫސް ކޭކު އަޅައި ސްޕްރޭ ކުރަން ދަސްވީ ވަރަށް ގިނަ ކޭކުތައް ހަލާކުވެގެންނެވެ.

ބެއިޖިންގެ ލައިފްސްޓައިލް މެގަޒިނަކުން ވެސް މި ފަހުން ހޯދި އެންމެ މޮޅު ކޭކު އަޅާ މީހުންގެ ތެރޭގައި ޝިޒޫ ހިމަނާފައިވެ އެވެ.

ފާއިތުވި ދެ ހަފުތާ ތެރޭގައި ވެސް ކޮންމެ ދުވަހަކު 1-2 ކޭކު އޭނާ ހެދި އެވެ. ބާރު ބޮޑުވި މިދިޔަ މަހުގެ ކޮންމެ ދުވަހަކަށް ކަހަލަ ގޮތަކަށް އޯޑަރުތައް ލިބުނަސް ޝިޒޫ ބުނީ ބެއިޖިންގައި އެންމެ ގިނައިން ކޭކަށް އޯޑަރު ލިބެނީ ހަފުތާ ބަންދުގައި ކަމަށެވެ.

"މިތާނގައި އެމްބަސީތައް ގިނަވީމަ ގިނަ އިވެންޓުތައް އޮންނާނެ އެމްބަސީތަކުގައި. މިސާލަކަށް، ރޮމޭނިއާ އެމްބަސީއާ ގަތަރު އެމްބަސީންނާ ވަރަށް ގިނައިން އޯޑަރުތައް ލިބޭނެ،" ޝިޒޫ ބުންޏެވެ.

ޝިޒޫ: އޭނާގެ ކޭކުތަަކަށް ބޮޑު ބެއިޖިންގައި ޑިމާންޑު ބޮޑު.

ޝިޒޫ: އޭނާގެ ކޭކުތަަކަށް ބޮޑު ބެއިޖިންގައި ޑިމާންޑު ބޮޑު.

ބެއިޗިންގެ މާކެޓު ބޮޑުވުމުން ރާއްޖެއަށް ވުރެ ބޮޑު އަގުގައި ކޭކު ވިއްކޭނެ އެވެ. އެކަމަކު ޝިޒޫގެ ކޭކުތައް ވިއްކަނީ، އެ ހިސާބުގައި ވިއްކާ ކޭކަށްވުރެ ހެޔޮ އަގެއްގަ އެވެ. ކޭކަށް ބޭނުންވާ އެއްޗެހި ހޯދަން މާލޭގައި ބޮޑު ހަރަދެއް ކުރަންޖެހުމުން ދެމެހެއްޓެނިވި ގޮތެއްގައި އެ ވިޔަފާރިކުރަން ދަތި ކަމަކަށް ވާނެ ކަމަށް ޝިޒޫ ގަބޫލުކުރެ އެވެ.

"ވަރަށް ފަސޭހަ [ބެއިޖިންގައި] އަސްލުގައި. ބޮޑު އަގުގައި ވެސް ވިއްކޭ ކޭކު،" ގޭގެ އެއް ކޮޓަރި ކޭކު އެޅުމަށް ހާއްސަކޮށް، އެ މަސައްކަތް ކުރަމުން އަންނަ ޝިޒޫ ބުންޏެވެ.

ޝިޒޫ އަޅާފައިވާ ކޭކެއް.

ޝިޒޫ އަޅާފައިވާ ކޭކެއް.

ގާތްގަނޑަކަށް 8-10 މީހުންނަށް ކެވޭ ވަރުގެ ބޮޑު ކޭކެއް އޭނާ ވިއްކަނީ 1،150ރ. އަށެވެ. ކުދި ކޭކު ވިއްކަން ފަށާ އަގަކީ 700ރ. އެވެ. ބެއިޖިންގެ ރޭޓުތަކަށް ބަލާއިރު އެއީ ހެޔޮ އަގެކެވެ.

"ޕޭސްޓްރީ ޝެފެއް ނޫން މިއީ. ނާސެއް މިއީ ފުރަތަމަ. އެކަމަކު. އަޕާޓް ފްރޮމް ދެޓް ބޭކިން އަކީ،"

ކޭކު އެޅުމުގައި މިހާތަނަށް ލިބުނު ކާމިޔާބީތަކާ މެދު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. ބިޔަ ބޮޑު ބެއިޖިންގައި ޝިޒޫ ބޭކްސްގެ ރަހަތައް ވަރުގަދަވުމުން ލިބޭ އުފާ އެއަށްވުރެ ބޮޑެވެ.