Roadha Mihaaru
ޓާޓާ ފްލެޓްގެ ލޯނަށް ހުށަހެޅީ ތިން މީހެއް: އެޗްޑީސީ

ޓާޓާ ފްލެޓުގެ ލޯނަށް މިހާތަނަށް ހުށަހެޅީ ތިން މީހެއް: އެޗްޑީސީ

22 ޑިސެމްބަރ 2016

ކުރީގެ އަރަބިއްޔާ އަދި ގާކޮށި ހުރި ތަނުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ލޯނު ހޯދުމަށް މިހާތަނަށް ހުށަހެޅީ އެންމެ ތިން މީހަކު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކުރީގެ އަރަބިއްޔާ އަދި ގާކޮށި ހުރި ތަނުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ލޯނު ހޯދުމަށް މިހާތަނަށް ހުށަހެޅީ އެންމެ ތިން މީހަކު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

މަޖީދީމަގުގައި ހުންނަ "މާލޭ ސްކުއާ" އަދި އަމީނީމަގުގައި ހުންނަ "މާލޭ ގްރޭންޑް"ގައި ހަދާފައިވާ ފްލެޓްތައް ލިބުނު މީހުން އަންނަ މަހުގެ 26 ގެ ކުރިން އެޗްޑީސީ އަށް ފައިސާ ދެއްކޭނެ ގޮތެއް ހަމަޖައްސަން ޖެހެ އެވެ. އެގޮތުން އެއް ފަހަރާ ދެ މިލިއަން ރުފިޔާ ނުވަތަ ބޭންކް މެދުވެރިކޮށް ލޯނު ހޯދައިގެން ވެސް އެ ފައިސާ ދައްކަން ޖެހެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ތިން މީހަކު ލޯނު ހޯދުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ފްލެޓްގެ އަގު އެއްފަހަރާ ދައްކާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފްލެޓްތައް ލިބުނު މީހުން އަންނަނީ އެމްއައިބީގެ އިތުރުން އެޗްޑީއެފްސީ އާއި ބީއެމްއެލް މެދުވެރިކޮށް ވެސް ލޯނު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެޗްޑީއެފްސީ އަށް މިހާތަނަށް އެއްވެސް އެޕްލިކޭޝަނެއް ހުށަހަޅާފައިނުވާ ކަމަށް އެތަނުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް އެޕްލިކޭޝަން ހުށަހަޅާފައި ނުވި ނަމަވެސް ދުވާލަކު 10 ވަރަކަށް މީހުން ލޯނާ ބެހޭ މައުލޫމާތު ސާފުކުރެ އެވެ.

"އަޅުގަނޑަށް ލަފާކުރެވެނީ ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި އެޕްލިކޭޝަންތައް ލިބެން ފަށާނެ ކަމަށް. އެއީ ޖެނުއަރީ 26 އާ ހަމައަށް ފުރުސަތު އޮތީމަ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ތެރެއިން ގެދޮރަށް ފައިނޭންސް ކޮށްދޭ އެންމެ ދަށް ރޭޓަކީ ނުވަ ޕަސެންޓް އިންޓަރެސްޓް ރޭޓެވެ. އޭގެ ތެރެއިން އެމްއައިބީން ޑައުންޕޭމަންޓަށް 20 ޕަސެންޓް ދެއްކުމުން އަހަރަކު ނުވަ ޕަސެންޓް ޕްރޮފިޓްގައި 20 އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ފައިނޭންސް ކޮށްދެ އެވެ. މިގޮތަށް އެ ބޭންކުން ފައިނޭންސް ކޮށްދެނީ ތިން މިލިއަނަށް ވުރެ އަގު ކުޑަ ތަންތަނަށެވެ.

އެމްއައިބީގެ ރޭޓްތައް ދައްކާ ގޮތުން ޓާޓާ ފްލެޓަކަށް 20 އަހަރުގެ ތެރޭގައި 3،454.939ރ. ދައްކަން ޖެހެ އެވެ. އެ އަދަދު ދައްކަން ޖެހެނީ ދެ މިލިއަން ރުފިޔާ ފްލެޓަކަށް މަހަކު 14،395.58ރ. ދައްކާ ނަމަ އެވެ. އެހެން ބޭންކުތަކާއި ފައިނޭންސް ކޮށްދޭ ތަންތަނުން 20 ޕަަސެންޓް ޑައުންޕޭމަންޓް ދެއްކި ނަމަވެސް އިންޓަރެސްޓްގެ ގޮތުގައި މަދުވެގެން 10 ޕަސެންޓް އިންޓަރެސްޓްގެ ގޮތުގައި ޗާޖްކުރެ އެވެ.

އެޗްޑީސީން މި މަހުގެ ކުރީކޮޅު އަންގާފައި ވަނީ ލޯނުގެ ކަންކަން ހަމަޖެއްސި ކަމުގެ ލިޔުން އަންނަ މަހުގެ 26ގެ ކުރިން ހުށަހެޅުމަށެވެ. އަދި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ކުރާ އެއްބަސްވުމަކަށް ފަހުގައި ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.

ދެ އިމާރާތުން ދޭ ފްލެޓެއްގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ. އަދި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް އެކި މީސްމީހުން އަންނަނީ އެދެމުންނެވެ.

ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.