Roadha Mihaaru
މި ދައުރު 4،588 ހައުސިން ޔުނިޓް ނިމޭނެ: ޕްލޭނިން

މި ދައުރު 4،588 ހައުސިން ޔުނިޓް ނިމޭނެ: ޕްލޭނިން މިނިސްޓްރީ

05 އެޕްރީލް 2022

މި ސަރުކާރުން ރާއްޖޭގައި 14،528 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްތަކުގެ އެކި މަރުހަލާތައް މިހާރު ވެސް ކުރިއަށް އެބަ ގެންދާ ކަމަށާއި އޭގެ ތެރެއިން 4،588 ޔުނިޓް މި ދައުރުގައި ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި ސަރުކާރުން ރާއްޖޭގައި 14،528 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްތަކުގެ އެކި މަރުހަލާތައް މިހާރު ވެސް ކުރިއަށް އެބަ ގެންދާ ކަމަށާއި އޭގެ ތެރެއިން 4،588 ޔުނިޓް މި ދައުރުގައި ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ރިޔާސީ ބަޔާނުގައި ރައީސް އިއުލާން ކުރެއްވި ހައުސިން މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އަދި، މި ދައުރު އެއްވެސް ފްލެޓެއް ނުނިމޭނެ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ ރިޔާސީ ބަޔާނާ ގުޅިގެން، އޭގެ ތަފުސީލު ހޯއްދެވުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހައުސިން މިނިސްޓަރަށް ފޮނުއްވި ސުވާލުތަކުގެ ޖަވާބު ވަރަށް ތަފްސީލުކޮށް ފޮނުވި ނަމަވެސް، އޭގެ މާނަ ނަގާފައިވަނީ ނުބައިކޮށެވެ. އަކްރަމް ވިދާޅުވީ 2023 އާ ހަމައަށް އެއްވެސް ހައުސިން ޔުނިޓެއް ނުނިމޭނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވިޔަސް އެއީ ދޮގު މައުލޫމާތެއް ކަމަށެވެ.

އަކްރަމް ވިިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ރަށްތައް ހިމެނޭ ގޮތަށް 14528 ހައުސިން ޔުނިޓް އަޅަމުން އެބަދެ އެވެ. އޭގެ ތެރެއިން މާލޭގައި އަޅާ 2600 ހައުސިން ޔުނިޓް 2023 ގެ ނިޔަލަށް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވިޔަސް، އެ އަދަދަށް ފްލެޓް އަޅަމުންނެއް ނުދެ އެވެ.

"މި ދައުރު ނިމިގެންދާއިރު ވެސް ހައުސިން ޔުނިޓްތަކެއް ނޭޅެޔޭ. އެހެނެއް ނޫން. އިހަށް ދުވަހު ވެސް 100 ޔުނިޓް ނިންމައިފި. އެހެންވީމަ ކުރިއަށް އެބަދޭ، ރާވާފައި އޮތް ގޮތަށް ކުރިއަށް ދާނެ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2023 އަށް ހުރިހާ ހައުސިން ޔުނިޓްތަކެއް މަސައްކަތް ނުނިމުނު ނަމަވެސް އެ ހުރިހާ މަޝްރޫއުއެއް ފެށޭނެ ކަމަށެވެ.

މިހާރު ކުރިއަށްދާ ހައުސިން މަޝްރޫއުތަކުގެ ތަފްސީލު:

- 720 ކައުންސިލް ހައުސިން ޔުނިޓް.

- 2405 އެޓޯލް ހައުސިން ޔުނިޓް.

- 6370 އެފޯޑަބަލް ހައުސިން ޔުނިޓް.

- 4116 މިޑްރޭންޖް ލަގްޒަރީ ހައުސިން ޔުނިޓް.

މުޅި ރާއްޖެ ހިމެނޭ ގޮތަށް މިހާރު ވެސް 60 ހައުސިން ޕްރޮޖެކްޓް ކުރިއަށްދާއިރު މި އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ދަށުން 1700 ހައުސިން ޔުނިޓްގެ މަސައްކަތް ޓެންޑްރިންގައި އެބައޮތް ކަމަށް ހައުސިން މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް، އަހުމަދު ވިޝާން ވިދާޅުވެ އެވެ.

ވިޝާން ވިދާޅުވީ މި ވަގުތު ރަށްރަށުގައި 705 ހައުސިން ޔުނިޓެއްގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި އެ މަސައްކަތްތައް މި އަހަރުގެ ދެވަނަ ކުއާޓާގައި އެއްކޮށް ނިމޭނެ ކަމަށެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން މި ވަގުތު މާލޭ ސަރަހައްދުގައި 1687 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އެއީ މިޑްރޭންޖްގެ 727 ހައުސިން ޔުނިޓާއި ލަގްޒަރީ 960 ހައުސިން ޔުނިޓެވެ. އަދި ހިޔާ ކުންފުނިތަކުން ވެސް 2675 ޔުނިޓް އެބަ ކުރިއަށްގެންދާ ކަމަށް ވިޝާން ވިދާޅުވި އެވެ.

ވިޝާން ވިދާޅުވި ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ވިނަރެސް ފްލެޓްތައް ފިޔަވައި އެތަނުގައި ދެން ކުރިއަށް ގެންދާ ހުރިހާ މަޝްރޫއުތަކަކީ ވެސް މި ސަރުކާރުން ސޮއިކޮށް ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

މަޝްރޫއުތައް ނިމެނޭ ގޮތުގެ ޝެޑިއުލް:

- 2022 އަށް 2159 ޔުނިޓް ނިމޭނެ.

- 2023 އަށް 2429 ޔުނިޓް ނިމޭނެ.

- 2024 އަށް 3361 ޔުނިޓް ނިމޭނެ.

ވިޝާން ވިދާޅުވީ 2023 ގައި ނިމޭ ފްލެޓްތައް އެ އަހަރުގެ ދެވަނަ ކުއާޓާއާއި ތިން ވަނަ ކުއާޓާއާ ދެމެދުގައި ނިމޭނެ ކަމަށެވެ.

މި ސަރުކާރުން ކުރިޔަށް ގެންދާ 5000 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން 2000 ފްލެޓް ހަވާލު ކޮށްފައި ވަނީ ޖޭއެމްސީ އިންޑިއާ ލިމިޓެޑާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގެ 600 ޔުނިޓާއި އެފޯޑަބަލް ޔުނިޓުގެ 1400 ޔުނިޓެވެ.

އެންބީސީސީ އިންޑިއާ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އިތުރު 2000 ހައުސިން ޔުނިޓް ހަވާލު ކޮށްފައިވާއިރު އޭގައި ވެސް ހިމެނެނީ 600 ކައުންސިލް ހައުސިން ޔުނިޓާއި 1400 އެފޯޑަބަލް ރޭންޖުގެ ޔުނިޓުތަކެވެ. އެ ބިންތައް މިދިޔަ އަހަރު ޑިސެމްބަރުގައި ހަވާލު ކޮށްފައިވާ ކަމަށާއި ނަމަވެސް ޕްރޮޖެކްޓުތައް ނިމޭނީ 2024 ގައި ކަމަށް ހައުސިން މިނިސްޓަރު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވެ އެވެ. އޭގެ އިތުރުން އެޕޯލޯ ހޯލްޑިގްސް ކުންފުންޏާ 1042 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފައިވެ އެވެ. އެއީ 120 ކައުންސިލް ޔުނިޓާއި އެފޯޑަބަލް ރޭންޖުގެ 240 ޔުނިޓް އަދި މިޑްރޭންޖުގެ 682 ޔުނިޓެވެ. އެނގިފައިވާ ގޮތުގައި އެ މަޝްރޫއު އެއްކޮށް ނިމޭނީ 2024 ގަ އެވެ. އެކަމަކު އޭގެ ކުރިން 2023 ގައި ބައެއްް ހައުސިން ޔުނިޓުތައް ނިންމާ ހަވާލު ކުރުމުގެ މަސައްކަތް ކުރަން ސަރުކާރުން އޮތީ ރާވައިފަ އެވެ.