Roadha Mihaaru
ފޭދޫފިނޮޅު ހަތަރު މިލިއަން ޑޮލަރަށް: އަގު މާ ކުޑަ؟!

ފޭދޫފިނޮޅު ހަތަރު މިލިއަން ޑޮލަރަށް: އަގު މާ ކުޑަ؟!

22 ޑިސެމްބަރ 2016

މާލެއާ އެންމެ ކައިރީގައި އޮތް ފަޅުރަށް، ފޭދޫފިނޮޅުގައި ރިސޯޓެއް ހަދަން ޗައިނާގެ ކުންފުންޏަކަށް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލުމުން ބައެއް ފަރާތްތަކުން ދަނީ އެ އަގަކީ އެކަށީގެންވާ ވަރަށް ވުރެ ކުޑަ އަގެއް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެކަމަކު، މި މައްސަލަ މާ ކުރިން ވެސް އޮތީ ޖެހިފަ އެެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލެއާ އެންމެ ކައިރީގައި އޮތް ފަޅުރަށް، ފޭދޫފިނޮޅުގައި ރިސޯޓެއް ހަދަން ޗައިނާގެ ކުންފުންޏަކަށް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލުމުން ބައެއް ފަރާތްތަކުން ދަނީ އެ އަގަކީ އެކަށީގެންވާ ވަރަށް ވުރެ ކުޑަ އަގެއް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެކަމަކު، މި މައްސަލަ މާ ކުރިން ވެސް އޮތީ ޖެހިފަ އެެވެ.

މާލޭން ފުރައިގެން ފަސް ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ 4.1 ހެކްޓަރުގެ ރަށް ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރަށް ވިއްކާލަން މިދިޔަ އޮކްޓޯބަރު 31 ގައި އިއުލާން ކުރުމުން ވެސް ބައެއް ފަރާތްތަކުން ވަނީ އެއީ މާ ކުޑަ އަގެއް ކަމަށް ބުނެފަ އެވެ. އެ ރަށުގެ އަގު 10 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނުވާނެ ކަމަށް އެ ފަރާތްތަކުން އޭރު ވެސް ބުނެފައިވެ އެވެ.

ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ މާލެއާ އެހާ ކައިރި ރަށެއް ހަތަރު މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގުގައި ގަންނާނެ އިންވެސްޓަރުން ތިބޭނެ ކަމަށެވެ.

"ޅ. އަތޮޅާއި އަރި އަތޮޅާއި ދ. އަތޮޅުން ރަށް ވިއްކާފައި އެބަހުރި ފަސް މިލިއަން ޑޮލަރަށް ވެސް. އެހެންވީމަ އެއާޕޯޓަށް ފަސް މިނެޓުން ދެވޭ ހިސާބުގައި، އެކަށީގެންވާ ސައިޒެއްގެ ފަޅަކާ އެކު އޮތް ރަށެއް ފަސް މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގުގައި ވިއްކާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ބޭފުޅާ ވިދާޅުވީ ފޭދޫފިނޮޅު އާއްމުކޮށް ހުޅުވާލެވިފައިވާ ބިޑަކަށް ލި ނަމަ، އެ ރަށުގެ އަސްލު އަގު އެނގޭނެ ކަމަށެވެ. ނަމަވެސް، މިހާރު އެ ރަށް ވިއްކާލީ އަސްލު އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވެސް ވަނީ ފޭދޫފިނޮޅު ވިއްކާލި އަގަކީ މާކެޓް އަގަށް ވުރެ ކުޑަ އަގެއް ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

"ޗެލެންޖްކޮށްފައި މި ދަންނަވަނީ މާދަމާ ފޭދޫފިނޮޅު ބިޑަކަށް ހުޅުވާލިޔަސް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 15 މިލިއަން ޑޮލަރު ވަރު ލިބޭނެ" މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

އޭނާ ކުރެެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފޭދޫފިނޮޅު އެންމެ ހަތަރު މިލިއަން ޑޮލަރަށް ވިއްކާލުމަކީ މާލޭން 2،000 އަކަފޫޓުގެ ބިމެއް 400،000ރ. އަށް ވިއްކާލުން ކަހަލަ ކަމެއް ކަމަށެވެ.

އެކަމަކު، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އައިސް ދާދި ފަހުން ވިއްކާލި ކ. ކޮށްދިއްޕަރު ހަދަމުން ދިޔަ އަމިން ކޮންޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު ވިދާޅުވީ ރިސޯޓް ހަދަން ރަށްރަށް ހީނުކުރާހާ ކުޑަ އަގުގައި ވެސް ވިއްކާލާފައި އެބަހުރި ކަމަށެވެ.

"އެ ރަށެއް ގަންނަން ބޭނުންވާ ފަރާތުގެ ނީޑްސް (ބޭނުން) ހުރި ގޮތަކުން ގަނެފާނެ ވަރަށް ބޮޑު އަގުގައި ވެސް. އެކަމަކު، އަޅުގަނޑުމެން ހީނުކުރާ ވަރަށް ވުރެ ކުޑަ އަގުގައި ވެސް ގަނެފައި އެބަހުރި. އަޅުގަނޑުމެންގެ ރަށް އެހާ ބޮޑު އަގުގައި ގަތީ ރަށަށް އިންވެސްޓްކޮށްފައި އޮތުމުން،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުރުމިނުގެ ގޮތުން ފޭދޫފިނޮޅާއި ކޮށްދިއްޕަރާ ދެމެދު މާ ބޮޑު ތަފާތެއް ކަމަށާއި އޭނާ މީހެއްގެ އަތުން ކޮއްދިއްޕަރު ގަތީ އެންމެ ފަސް މިލިއަން ރުފިޔާ އަށް ކަމަށެވެ. އެހެން ނަމަވެސް، އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ފެށުމަށް ފަހު ސިންގަޕޫރުގެ ޗިޕް އެން ސެން ކޯޕަރޭޝަނަށް ދާދި ފަހުން ވިއްކާލީ 65 މިލިއަން ޑޮލަރަށެވެ. ކޮށްދިއްޕަރު ވިއްކާލިއިރު އެ ރަށުގެ 45 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

ފުލުހުންގެ ބޭނުންތަކަށް ދޫކޮށްފައި އޮތް ހިތްގައިމު ރަށް، ފޭދޫފިނޮޅު ޗައިނާ ބަޔަކަށް ވިއްކާލުމުގެ އެއްބަސްވުމުގައި ސަރުކާރުން ވަނީ ދާދި ފަހުން ސޮއިކޮށްފަ އެވެ.

ފޭދޫފިނޮޅުގެ އިތުރުން 10 ރަށަކާއި ހުވަފެންފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅެއް ބިޑަށް ނުލައި ވިއްކަން ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހު ވަނީ ހުޅުވާލައިފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ޖުލައި މަހު ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް ވިއްކާލަން އިއުލާނު ކުރި އެ 11 ރަށުގެ އިތުރުން، އދ. މާމިގިލީ ކައިރީގައި އޮންނަ ހުރުއެޅި 3.6 މިލިއަން ޑޮލަރު (55.4 މިލިއަން ރުފިޔާ) އަށް ވިއްކާލަން މިިދިޔަ ހަފުތާގައި ވަނީ ހުޅުވާލައިފަ އެވެ.