Roadha Mihaaru
އަންނަ އަހަރު އިތުރު 20 ރިސޯޓެއް ހުޅުވަނީ

އަންނަ އަހަރު އިތުރު 20 ރިސޯޓެއް ހުޅުވަނީ

28 ސެޕްޓެމްބަރ 2016

އަންނަ އަހަރު އިތުރު 20 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އަންނަ އަހަރު އިތުރު 20 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 50 ރިސޯޓު ހުޅުވަން ކަނޑައަޅާފައިވާ އަމާޒަށް ވާސިލު ވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ ގޮތުން، މިދިޔަ ދެ އަހަރު ހުޅުވި ރިސޯޓުތަކުގެ އަދަދު މަދުވިޔަސް، މި އަހަރުގެ މިހާތަނަށް ހަތަރު ރިސޯޓު ހުޅުވައި އަހަރު ނިމުމުގެ ކުރިން އިތުރު ނުވަ ރިސޯޓު ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"... 2018 ގެ މެދުތެރެ އަށް ދާއިރު އެ ޓާގެޓު [50 އާ ރިސޯޓު ހުޅުވުމުގެ ޓާގެޓު] ހާސިލު ކުރެވޭނެ އަދި އެ އަށް ވުރެ ވެސް ރަނގަޅު ކުރެވޭނެ ކަމަށް މި ބަލަނީ،" ޓޫރިޒަމް އިޝްތިހާރު ކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސްގެ ތެރެއިން މިނިސްޓަރު ނޫސްވެރިންނަށް ވިދާޅުވި އެވެ.

ސަރުކާރުން މިހާރު އިސްކަން ދެނީ، ޒަމީރު ފާހަގަކުރެއްވި ގޮތުގައި، އާ ރަށްތައް ދޫކުރުމުގެ ބަދަލުގައި ނުނިމި ހުރި ގާތްގަނޑަކަށް 200 ރަށް ނިންމުމަށެވެ.

މި އަހަރު ވަނީ ރ. އަތޮޅުގައި "ފުރަވެރި އައިލެންޑް ރިސޯޓު"، ބ. ކަނިފުށީގައި "ފިނޮޅު"، ކ. މާދޫގައި "އޯޒެން ބައި މާދޫ"، ކުޑަބަނޑޮހުގައި "މަލަހިނި ކުޑަ ބަނޑޮސް" ހުޅުވައިފަ އެވެ. މި އަހަރު ހުޅުވަން ހުރި އެހެން ރިސޯޓުތަކުގެ ތެރޭގައި:

- ޅ. ހުރަވަޅީގައި ހަދާ ރިސޯޓު

- ދ. ވޮށްމުލީގައި ހަދާ ސެއިންޓް ރެޖިސް މޯލްޑިވްސް

- ނ. މެދުފަރުގައި ތަރައްގީ ކުރި ސޮނޭވާ ޖާނީ

- ގއ. ކޫއްޑޫގައި ހަދާ މާކިއުރީ މޯލްޑިވްސް ކޫއްޑޫ

- ބ. މިލައިދޫގައި ހަދާ ރިސޯޓު

- ދ. އަތޮޅުގައި ހަދާ ކަނޑިންމަ މޯލްޑިވްސް

- ޅ. އޫކޮޅުފުށީގައި ހަދާ ކޮކޫން މޯލްޑިވްސް

- ބ. ވޯވަށުގައި ހަދާ ފޯ ސީޒަންސް ވޯވަށް

- ބ. ދިގުފަރުވިނަގަނޑުގައި ދިގުފަރު އައިލެންޑް ރިސޯޓު

ރާއްޖޭގައި ގިނަ އާ ރިސޯޓުތަކެއް ހުޅުވަމުން އަންނައިރު، އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގެ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އިންޓަކޮންޓިނެންޓަލް ވެސް ހިމެނެ އެވެ.

ގިނަ އާ ރިސޯޓުތަކެއް ހުޅުވިޔަސް، ރާއްޖޭގެ ޓޫރިޒަމް ހީނަރުވެފައި ވާތީ، މި އަހަރު އަންނާނެ ކަމަށް ލަފާކުރި 1.5 މިލިއަން ޓޫރިސްޓުން ހަމަ ނުވާނެ ކަމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ހާއްސަކޮށް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗަައިނާ ފަދަ މުހިއްމު މާކެޓުތައް ދަށަށް ދިއުމުގެ ބިރު އެބައޮތެވެ.