06 އެޕްރީލް 2022
އިރުމަތީ ޔޫރަޕްގައި އެމެރިކާގެ ދާއިމީ އަސްކަރީ މަރުކަޒުތަކެއް ހެދުން ވަރަށް މުހިންމު ކަމަށް، އެ ގައުމުގެ އެންމެ އިސް ޖެނެރަލް ވިދާޅުވެއްޖެ އެވެ.
އިރުމަތީ ޔޫރަޕްގައި އެމެރިކާގެ ދާއިމީ އަސްކަރީ މަރުކަޒުތަކެއް ހެދުން ވަރަށް މުހިންމު ކަމަށް، އެ ގައުމުގެ އެންމެ އިސް ޖެނެރަލް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އޮންނަ، އަސްކަރީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން، އެމެރިކާގެ ޗެއާމަން އޮފް ދަ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޖެނެރަލް މާކް މިލޭ ވިދާޅުވީ ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ހުޅަނގުގެ ގައުމުތަކުގެ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔޫރަޕްގެ އިރުމަތީ ސަރަހައްދުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން، ރޮމޭނިއާ އާއި ޕޮލެންޑުގެ އިތުރުން ބޯލްޓިކްގެ ގައުމުތައް – ލިތުއޭނިއާ، އެސްޓޯނިއާ، ލެތުވިއާ – މިހާރު ވެސް އޮތީ، އެފަދަ މަރުކަޒުތަކަކަށް މަރުހަބާ ކިޔަން ތައްޔާރަށެވެ. އެފަދަ މަރުކަޒުތަކެއް އެ ގައުމުތަކުގައި ހަދާ ނަމަ، އެކަމަށް ހިނގާ ހަރަދު ދިނުމަށާއި، އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ވެސް އެ ގައުމުތަކުން ކުރަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވެސް ބައިވެރިވި އެ ބައްދަލުވުމުގައި ޖެނެރަލް މިލޭ ވިދާޅުވީ އިރުމަތީ ޔޫރަޕުގައި އެމެރިކާގެ ދާއިމީ އަސްކަރީ މަރުކަޒުތަކެއް ގާއިމުކުރި ކަމަށް ވިޔަސް، ސިފައިންގެ އެއްބަޔަކު ދާއިމީ ގޮތެއްގައި އެ މަރުކަޒުތަކުގައި ނުތިބޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެ މަރުކަޒުތަކަށް ސިފައިން ފޮނުވާނީ، ދައުރު ބަދަލުވާ ގޮތަށް ވަކި މުއްދަތަކަށް ކަމަށެވެ.
"އަހަރެންގެ ލަފަޔަކީ، ދާއިމީ އަސްކަރީ މަރުކަޒުތަކެއް ހެދުން، އެކަމަކު ދާއިމީ ގޮތެއްގައި އެއް ބަޔަކު ތިބޭ ގޮތަކަށް ނޫން. އޭރުން، ދާއިމީ ގޮތެއްގައި ސިފައިން ތިބުމުގެ ބަދަލުގައި، ދައުރުވަމުންދާ ގޮތަށް ސިފައިން ތިބުމުގެ ފައިދާ ފެންނާނެ،" ޖެނެރަލް ވިދާޅުވި އެވެ.
އިރުމަތީ ޔޫރަޕް ހިމެނޭ ގޮތަށް، މުޅި ޔޫރަޕްގައި މިހާރު ތިބި އެމެރިކާ ސިފައިންގެ އަދަދު ގާތްގަނޑަކަށް އެއް ލައްކަ އަށް އަރަ އެވެ. އަދި ހުޅަނގު ޔޫރަޕްގެ ބައެއް ގައުމުތަކުގައި އެމެރިކާ ދާއިމީ އަސްކަރީ މަރުކަޒުތަކެއް މިހާރު ވެސް ގާއިމުކޮށްފައި އެބަހުއްޓެވެ. އަދި އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި، ދައުރުވާ ގޮތަށް ތިބޭ ނޭޓޯގެ ސިފައިންގެ ތެރޭގައި އެމެރިކާ ސިފައިން ވެސް ހިމެނެ އެވެ.
ޖެނެރަލް މިލޭ ވިދާޅުވި ގޮތުގައި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ގައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކެއް ގާއިމުކޮށްފި ނަމަ، އެ ތަންތަނުގައި ތިބޭ އެމެރިކާ ސިފައިންގެ ދިރިއުޅުމުގެ ހަރަދުތަކަށް އެމެރިކާ ސަރުކާރުން ހޭދައެއް ކުރާކަށް ނުޖެހޭނެ އެވެ. ކޮސޯވޯ އާއި ލިތުއޭނިޔާ އަދި ޕޮލެންޑާއި ރޮމޭނިއާ އިން، މިދިޔަ ދެ މަސް ތެރޭގައި ވަނީ، އެ ގައުމުތަކުގައި އެމެރިކާގެ ދާއިމީ އަސްކަރީ މަރުކަޒުތަކެއް ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށް ވެސް ޖެނެރަލް މިލޭ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވިދާޅުވީ އެމެރިކާގެ ދާއިމީ އަސްކަރީ މަރުކަޒުތަކެއް އިރުމަތީ ޔޫރަޕްގައި ގާއިމުކުރާނީ، ނޭޓޯގެ ގައުމުތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އިރުމަތީ ޔޫރަޕްގައި ނޭޓޯގެ އަސްކަރީ ބައިވެރިވުން އިތުރުކުރަން ނިންމައިފި ނަމަ، އެކަމުގައި އެމެރިކާ ފުރިހަމަ އަށް ބައިވެރިވާނެ ކަމަށާއި، އަންނަ ޖޫން މަހު އޮންނަ ނޭޓޯގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި އެކަމާ މެދު މަޝްވަރާ ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ
ޔޫކްރޭންގައި އެމެރިކާ އާއި ރަޝިޔާގެ ހަނގުރާމައެއް!
ކިޔޭވް އަށް އާ ހަމަލާތަކެއް ދޭން ރަޝިޔާ ތައްޔާރުވަނީ
ޔޫކްރޭން އުދުހުން މަނާ ސަރަހައްދަކަށް ނުހެދީ ކީއްވެ؟
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ